29 Oct 2020, 20:20
އެމްޑީޕީގެ ވިސްނުމަކީ ކުޅިވަރު މުއައްސަސާތައް ޑިމޮކްރަޓައިޒް ކޮށް، ދެފުށް ފެންނަ ގޮތަކަށް ހިންގެވުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުން 2015 ވަނަ އަހަރު އެކުލަވާލެވުނު ކުޅިވަރުގެ ޤާނޫނުގައި ފުރިހަމަ ނޫން ގިނަ ކަންތައްތަކެއް ހުރި ކަމުގެ ޝަކުވާތައް ފުނި ޖެހިފައި އޮންނަތާ ދުވަސްތަކެއް ފަހުން ގިނަ އިސްލާހުތަކެއް އެމްޑީޕީގެ ޗެއާޕަސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެންބަރު ހަސަން ލަތީފް މިއަދު ވަނީ މަޖިލީހުގެ ތަޅުމަށް ހުށައެޅުއްވުމަށް ތައްޔާރުވެފައިވާ ކަމަށް ވިދާޅުވެފަ އެވެ.
އެ ގާނޫނަށް އިސްލާހު ހުށަހެޅުއްވި މަގުސަދު ތަކުގެ ތެރޭގައި، ރާއްޖޭގެ ކުޅިވަރާބެހޭ އެކިއެކި މުއައްސަސާތަކުގައި ހުރި ފުށުއެރުންތައް ނައްތާލުމާއި އެ މުއައްސަސާތައް ޑިމޮކްރަޓައިޒްކޮށް ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ހިންގޭނެ ނިޒާމެއް ގާއިމް ކުރުން ހިމެނޭކަމަށް ހަސަލް ލަތީފު ވިދާޅުވިއެވެ.
ހަސަން ލަތީފު ހުށަހެޅުއްވި ބިލަށް ތާއީދު ކުރައްވާ ކަމަށް އެމްޑީޕީގެ ބައެއް މެމްބަރުން މިހާރުވެސް ވަނީ ވިދާޅުވެފަ އެވެ. އޭގެ ތެރޭގައި ޕީޖީ ލީޑަރު، މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމްއާއި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުވެސް ހިމެނިވަޑައިގަންނަވަ އެވެ.
ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީގެ ވިސްމުނަކީ ކުޅިވަރު މުއައްސަސާތައް ޑިމޮކްރަޓައިޒް ކޮށް، ދެފުށް ފެންނަ ގޮތަކަށް ހިންގެވުން ކަމަށާއި، ކުޅިވަރާއި ކުޅިވަރު ވަސީލަތްތައް ދެމެހެއްޓެނެވި ގޮތަކަށް ބެލެހެއްޓޭނެ ނިޒާމެއް އޮތުން ބުއްދިވެރި ކަމަށެވެ. އަދި ނަޝީދުގެ ވެރިކަމުގައި ކުޅިވަރާ ބެހޭ ވަޒީރުގެ މަގާމު ފުރުއްވި ހަސަން ލަތީފް ހުށައަޅުއްވާފައިވާ ބިލުން މިކަން ވާނޭ ކަމަށް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.
ހަސަން ލަތީފް ހުށަހެޅި އިސްލާހުތަކުގެ ތެރޭގައި ކުޅިވަރާ ބެހޭ ގައުމީ މަޖިލީހާއި، ސްޕޯޓްސް ކޮމިޝަނާއި، ސްޕޯޓްސް ކޯޕަރޭޝަނާއި، ސްޕޯޓްސް އިނިސްޓިއުޓް އަދި ކުޅިވަރު އެސޯސިއޭޝަންތަކާއި ގުޅޭ ގިނަ ކަންކަން ހިމެނެއެވެ. އަދި ކުޅިވަރާ ބެހޭ ވަޒީރުގެ މަސްއޫލިއްޔަތުތަކާއި، ބާރުތަކާ ގުޅޭ ގޮތުންވެސް އިސްލާހުތަކެއް ވަނީ ހުށަހަޅުއްވާފައެވެ.
ކުޅިވަރުގެ ހާލަތު މިހާރު އޮތް ގޮތުން ކަންބޮޑުވާކަމަށް ވިދާޅުވެ ހަސަން ލަތީފް މިފަހުން ދެއްކެވި ވާހަކަތަކުގައި ވިދާޅުވީ، ރާއްޖޭގައި ކުޅިވަރުގެ ކަމަކާ ގުޅިގެން ޝަކުވާއެއް އުފުލާނެ ތަނެއް ހޯދައި ދެނެގަތުމަކީ އުނދަގޫ ކަމެއް ކަމަށެވެ. އޭގެ ފަހުގައި ހަސަން ލަތީފް މިސާލު ޖެއްސެވީ 1980 ގެ އަހަރުތަކުގައި ހިނގި ކަމަށް ވިދާޅުވާ ބައެއް ކަންކަމަށެވެ. އަދި އެކަންކަން މިއަދު ރާއްޖޭގައި ހިނގަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"މިއީ ވަރަށް ފަސޭހަކޮށް ފެންނަން އޮތް ކަމެއް. 80 ގެ އަހަރުތަކުގެ ތެރޭގައި ކަން ހިނގާފައި ހުރި ގޮތް ބެއްލެވީމަ ފެންނާނެ މިހާރު މިވަގުތު 2020 ވަނަ އަހަރު ކުޅިވަރުގެ ކަންކަން ހިނގަމުންދާ އިރު، އެއަކާ ތަފާތެއް ނެތް ތަން،" ހަސަން ލަތީފް ވިދާޅުވިއެވެ.