29 Oct 2020, 16:08
ރައްޔިތުންގެ މަޖިލީހުން 2015 ވަނަ އަހަރު އެކުލަވާލި ކުޅިވަރުގެ ގާނޫނުގައި ފުރިހަމަ ނޫން ގިނަ ކަންތައްތަކެއް ހުރި ކަމުގެ ޝަކުވާތައް ފުނި ޖެހިފައި އޮންނަތާ ދުވަސްތަކެއް ފަހުން ގިނަ އިސްލާހުތަކެއް އެމްޑީޕީގެ ޗެއާޕަސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެންބަރު ހަސަން ލަތީފް އެ ގާނޫނަށް ހުށަހަޅުއްވައިފި އެވެ.
ފަހަކަށް އައިސް ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތަކުގެ އިންތިހާބާއި، އެސޯސިއޭޝަންތައް ހިންގުމުގައި މައްސަލަތަކެއް އުފެދި، ބައެއް އެސޯސިއޭޝަންތަކުގެ މައްސަލަތައް ކޯޓު މަރުހަލާތަކަށް ވެސް ގޮސްފައި އެބަހުއްޓެވެ. އަދި އެކަންކަމުގެ ސަބަބުން ބައިނަލް އަގުވާމީ ޖަމިއްޔާތަކުން ރާއްޖެ ވަކި ކުޅިވަރުތަކުން ސަސްޕެންޑް ކުރާނެ ކަމުގެ އިންޒާރުތަކެއްް ވެސް ދީފައިވާ އިރު، އެކަމުގެ ހައްލަކީ ކުޅިވަރުގެ ގާނޫނުގައި ހުރި "ލޫޕް ހޯލް" ތައް ހޯދައި އެކަންކަން އިސްލާހު ކުރުން ކަމަށް ކުޅިވަރު ދާއިރާގެ ގިނަ ބޭފުޅުން ގަބޫލު ކުރައްވަ އެވެ.
ކުރީގެ ޔޫތު މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ކުޅިވަރުގެ ގާނޫނަށް އިސްލާހު ހުށަހަޅުއްވާފައިވާ ކަމަށާއި، ކުޅުންތެރިންނާއި، ކުޅިވަރު ހިންގެވުމުގެ ތަޖުރިބާކާރުންގެ ދުވަސްވީ ކަނބޮޑުވުންތަކަށް އެ އިސްލާހުތަކުން ރަނގަޅު ހައްލެއް ލިބިގެންދާނެ ކަމަށެވެ.
ހަސަން ލަތީފް ވިދާޅުވީ ކުޅިވަރުގެ ގާނޫނަށް ގެންނަން ބޭނުންވާ އިސްލާހުތައް ހުށައެޅުމުގެ މަގްސަދަކީ ރާއްޖޭގެ ކުޅިވަރާ ބެހޭ އެކިއެކި މުއައްސަސާތަކާ ހުރި ފުށުއެރުންތައް ނައްތާލުމާއި، އެ މުއައްސަސާތައް ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ހިންގޭނެ ނިޒާމެއް ގާއިމުކޮށް، މުއައްސަސާތައް ޑިމޮކްރަޓައިޒް ކުރުން ކަމަށެވެ.
މީގެ އިތުރުން ކުޅިވަރު އެސޯސިއޭޝަންތަކުގެ އިންތިހާބުތަކާ ގުޅޭގޮތުންވެސް ގާނޫނަށް ވަނީ އިސްލާހު ހުށަހަޅާފަ އެވެ. މިކަމާ ގުޅިގެން ހަސަން ލަތީފް ވިދާޅުވީ ކުޅިވަރުގެ އެކިއެކި މުއްސަސާތަކުގެ އިންތިހާބުތަކަކީ ދެފުށްފެންނަ އިތުބާރުކުރެވޭ ނިޒާމެއްގެ ތެރެއިން ހިންގޭ އިންތިހުބުތަކެއް ކަމުގައި ހެދުމާއި، ކުޅިވަރާ ބެހޭ ވުޒާރާގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ކަނޑައެޅުމަކީ ވެސް މި އިސްލާހުތަކުގެ ބޭނުމެއް ކަމަށެވެ.
ކުޅިވަރުގެ ވަސީލަތްތައް ބިނާކޮށް ތަރައްގީކުރާއިރު އެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތަކަށް ބެލެހެއްޓޭނެ ނިޒާމެއް ގާއިމް ކުރުމާއި އެފަދަ ވަސީލަތްތައް ގާއިމްކޮށް ބެލެހެއްޓުމުގައި ދައުލަތުގެ ބަޖެޓަށް ބުރަ ކުޑަވާނެ އުސޫލެއް ގާއިމް ކުރުން ހިމެނޭ ކަމަށްވެސް ހަސަން ލަތީފްގެ ބިލުގައި އޭނާ ވަނީ ފާހަގަކޮށްފަ އެވެ.
ދާދި ފަހުން ބޭއްވި ޓީޓީ އެސޯސިއޭޝަންގެ އިންތިހާބާ ގުޅިގެން އެ އިދާރައިގެ ކުރީގެ ހިންގާ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ކުރީގެ މަޝްހޫރު ޓީޓީ ކުޅުންތެރިޔާ އަލީ އާދަމް މަނިކް (ތާޅަފިލި އަލިބެ) ހުށައެޅި މައްސަލަ ސިވިލް ކޯޓުން ބަލައިގަނެ، މައްސަލައިގެ އިޖުރާއީ އަޑުއެހުންތަކެއް ވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
އެ މައްސަލަ ކޯޓަށް ވައްދެން ޖެހުނީ، އެ މައްސަލަތަކުގެ ޝަކުވާ ކޮމިޝަނާ އޮފް ސްޕޯޓްސް އާއި ސްޕޯޓްސް ކައުންސިލަށްވެސް ހުށަހެޅި ކަމަށާއި، އެތަންތަނުން ދީފައިހުރީ ވަރަށް ދެކޮޅު ނުޖެހޭ، އަދި މަސްއޫލިއްޔަތުން ރެކިވަޑައިގެން ތިއްބަވައިގެން ދެއްވާފައިވާ ޖަވާބުތަކެއް ކަމަށް މައްސަލައިގައި އަލިބެގެ ވަކީލެއްގެ ގޮތުގައި ހަމަޖައްސާފައިވާ ވަކީލް، ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މެންބަރު ހަސަން ލަތީފް ވަނީ ވިދާޅުވެފަ އެވެ.
ހަސަން ލަތީގް އޭރު ވިދާޅުވީ، އެކަންކަމުގެ ހައްލަކީ ކުޅިވަރުގެ ގާނޫނަށް ރަނގަޅު އިސްލާހުތަކެއް ގެނެސް، އިންތިހާބުތައް ދެފުއް ފެންނަގޮތަށް ކުރިއަށް ގެންދިއުން ކަމުގަ އެވެ.