ޑްރަގް ކޯޓަށް ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ މުއްދަތު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިތުރުކޮށްފި އެވެ.

ޑްރަގް ކޯޓަށް ފަނޑިޔާރުން ހޯދަން ކޮށްފައިވާ އިއުލާނުގެ މުއްދަތު އިތުރުކޮށްފައިވަނީ މި މަހުގެ 25 ވަނަ ދުވަހުގެ ރަސްމީ ގަޑީގެ ނިޔަލަށެވެ.

ޖޭއެސްސީން ބުނީ އެ ކޮމިޝަނުން މިގޮތަށް ނިންމީ ޑްރަގް ކޯޓަށް ފަނޑިޔާރުން ހޯދަން ކޮށްފައިވާ އިއުލާނުގެ މުއްދަތު މިއަދު މެންދު 12:30 ހަމަވިއިރު، މިހާރު ގައުމަށް ދިމާވެފައިވާ ސަބަބުތަކާ ގުޅިގެން ކޯޓުތަކުން ހޯދަންޖެހޭ ބައެއް ލިޔުންތައް ލިބުމުގައި ދަތިތަކެއް ދިމާވެ ބައެއް ފަރާތްތަކަށް އެޕްލިކޭޝަން ހުށަނޭޅޭ ކަމުގެ ޝަކުވާ ލިބިގެން ކަމަށެވެ.

ޑްރަގް ކޯޓުގެ ފަނޑިޔާރުންގެ ޝަރުތުތަކުގެ ގޮތުގައި އިއުލާނުގައި ފާހަގަކޮށްފައިވާ ބައެއް ޝަރުތުތަކުގެ ތެރޭގައި އިސްލާމް ދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށާއި ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކަށް ވެގެން ނުވާނެކަމަށް ހިމަނާފައި ވެއެވެ.

ގާނޫނުލް އުގޫބާތުގެ ދަށުން ކުށެއް ކުރިކަމަށް ނުވަތަ އެއްވެސް ބާވަތެއްގެ ބަދުއަޚުލާގީ އަމަލެއް ހިންގިކަމަށް ނުވަތަ ޓެރަރިޒަމްގެ ކުށެއް ކުރިކަމަށް ހުކުމް ކުރެވި އެ ހުކުމް ފާއިތުވި ހަތް އަހަރުގެ ތެރޭ ތަންފީޒުކޮށްފައިވާ މީހަކު ކަމުގައި ވެގެން ނުވާނެކަމަށްވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެ އެވެ.

މީގެއިތުރުން އިސްލާމީ ޝަރީއާގެ ރޮގުން ނުވަތަ ގާނޫނީ ރޮގުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައި ވުމާއިއެކު ޑްރަގް ކޯޓުގެ އިޚުތިސޯސް ހިމެނޭ ކަމަކާއި ގުޅޭގޮތުން ފަނޑިޔާރު ކަމުގައި ނުވަތަ ގާނޫނީ ވަކީލަކު ކަމުގައި ދެ އަހަރު އުޅެފައިވާ މީހަކުކަމުގައި ވެސް ވާންޖެހެ އެވެ.

ޑްރަގް ކޯޓުގެ ފަނޑިޔާރަކަށް މުސާރައިގެ ގޮތުގައި މަހަކު 30000ރ. ގެ އިތުރުން 15000ރ. ގެ ލިވިން އެލަވަންސްވެސް ލިބިވަޑައިގަނެ އެވެ.
ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް މުސާރައިގެ އިތުރުން ލިބޭ އެހެނިހެން އިނާޔަތްތައް ޑްރަގް ކޯޓުގެ ފަނޑިޔާރުންނަށް ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ވެސް ވަނީ ފާސްކޮށްފަ އެވެ.

އެ ކޯޓަށް ފަނޑިޔާރުން ހޯދުމަށް އިއުލާންކުރި ނަމަވެސް ޑްރަގް ކޯޓު ހިންގާނެ އިމާރާތެއް އަދި ހަމަޖެހިފައި ނުވެއެވެ.

ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރު ކުރިން ވިދާޅުވެފައި ވަނީ ޑްރަގް ކޯޓު ހިންގާނެ އިމާރާތެއް ހޯދުމަށް މިހާރުވެސް ދިރާސާތައް ކުރަމުން އަންނަ ކަމަށާއި މި މަސް ނިމުމުގެ ކުރިން އިމާރާތެއް ހަމަޖައްސާ ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި ހަވާލުކުރައްވާނެ ކަމަށެވެ.