29 Oct 2020, 13:18
ޕެރިސް (އޮކްޓޯބަރު 29): ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމަށް ފްރާންސުން މާދަމާއިން ފެށިގެން އަނެއްކާވެސް މުޅި ގައުމު ފުރަބަންދު ކުރަން ނިންމައިފި އެވެ.
ފްރާންސުގެ ރައީސް އިމަނުއެލް މެކްރޮން ވިދާޅުވި ގޮތުގައި ކޮވިޑް ބަލީގެ ދެވަނަ ރާޅެއްގެ ސަބަބުން އެ ގައުމު ބޮއްސުންލުމުގެ ބިރު މިހާރު ވަނީ ހީވެފަ އެވެ. އަދި މިފަހަރު ބަލި ފެތުރެނީ ހީކުރި ވަރަށް ވުރެވެސް ބޮޑަށް ކަމަށާއި ގައުމުގެ ހޮސްޕިޓަލްތަކުގެ އައިސީޔޫގައި ދެބައިކުޅަ އެއްބައި އެނދުތަކުގައި ފަރުވާ ދެނީ ކޮވިޑް ބަލި މީހުންނަށްކަން ފާހަގަ ކުރައްވާފަ އެވެ.
"ވައިރަސް ފެތުރެމުން ދަނީ އެންމެ ގޯސް ހާލަތުގައިވެސް ބަލި ފެތުރޭނެ ކަމަށް [ކަމާ ބެހޭ ފަރާތްތަކުން] ލަފާ ކުރި ވަރަށް ވުރެ ބާރު ސްޕީޑުގައި،" މެކްރޮން ވިދާޅުވި އެވެ.
ފްރާންސުގައި މިދިޔަ މާޗް މަހު ފުރަތަމަ އިއުލާން ކުރި ފުރަބަންދެކޭ އެއްގޮތަށް މިފަހަރުވެސް މީހުންނަށް ގެއިން ބޭރަށް ދެވޭނީ އަސާސީ މަސައްކަތަށާއި ސިއްހީ ސަބަބުތަކާ ހެދި ކަމަށް މެކްރޮން ވިދާޅުވި އެވެ. ނަމަވެސް ގައުމުގެ އިގުތިސާދު އިނދަ ޖެހުން ހުއްޓުވުމަށްތަކައި އާއްމު ހިދުމަތްތައް ހުއްޓާނުލާނެ ކަމަށާއި ފެކްޓަރީތައް ބަންދު ނުކުރާނެކަން މެކްރޮން ފާހަގަ ކުރެއްވި އެވެ.
ފްރާންސުން ގައުމު ފުރަބަންދު ކޮށްފައި ބާއްވަން ހަމަޖެހިފައި ވަނީ މާދަމާއިން ފެށިގެން ޑިސެމްބަރު މަހާ ޖެހެން ދެނެވެ.
ފްރާންސުގެ އިތުރުން މުޅި ޔޫރަޕްގައި ވެސް ވައިރަހުގެ ކޭސްތައް ދަނީ އިތުރު ވަމުންނެވެ. އޭގެ ސަބަބުން ސްޕެއިން އިން ކުއްލި ހާލަތު އިއުލާންކޮށް، ރޭގަނޑު ކާފިއު ހިންގަން ހަމަޖެހިފައިވާ އިރު ޖަރުމަނުންވެސް ވަނީ ފުރަބަންދުގެ ފިޔަވަޅުތަކެއް އަޅާނެކަން އިއުލާންކޮށްފަ އެވެ.
ޔޫރަޕްގެ އެހެން ގައުމުތަކާ އަޅާ ބަލާ އިރު ޖަރުމަނުގައި ވައިރަހުގެ ކޭސްތައް މަދުވި ނަމަވެސް، އެގައުމުގައި ވައިރަސް ފެތުރެމުންދާ ސްޕީޑުގެ ސަބަބުން ސަރުކާރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި މިހާރު ފިޔަވަޅު ނާޅައިފި ނަމަ ސިއްހީ ނިޒާމަށް ނުކަތާ ވަރު ވެދާނެ ކަމަށް ބުނެފަ އެވެ.
ޖަރުމަނުގައި އަޅާ ފިޔަވަޅުތަކުގެ ދަށުން ފަތުރުވެރިކަން ހުއްޓުމަކަށް ގެނައި ނަމަވެސް އެގައުމުގެ ބޯޑަރުތައް އޮންނާނީ ހުޅުވާލާފަ އެވެ. އަދި ސްކޫލުތަކާއި ފިހާރަތައް ހުޅުވޭނެ އެވެ.