29 Oct 2020, 13:26
ގާހިރާ (އޮކްޓޯބަރު 29) : ކީރިތި ރަސޫލާ މުހައްމަދު (ސޢވ) އަށް ޖޯކުޖެހުމާއި އިސްލާމްދީނާ ޓެރަރިޒަމާ ގުޅުވުމާ އަދި އިސްލާމްދީނާމެދު މީސްތަކުންގެ ހިތްތަކުގައި ނަފްރަތާއި ބިރުވެރިކަން އުފެއްދުންފަދަ އަމަލުތަކަކީ ބައިނަލްއަގްވާމީ ޖަރީމާ ކަމުގައި ހެދުމަށް ދުނިޔޭގެ އިސްލާމީ އެންމެ ބޮޑު ޔުނިވާސިޓީ ކަމަށްވާ އަލްއަޒްހަރުން ގޮވާލައިފިއެވެ.
ކީރިތި ރަސޫލާ މުހައްމަދު (ސޢވ) ގެ އީދުމީލާދު ފާހަގަ ކުރުމުގެ ގޮތުން ނެރުއްވި ބަޔާނެއްގައި އެޔުނިވާސިޓީގެ އިސް އިސް ޝައިޚް (ޝައިޚުލް އަލްއަޒްހަރު) ޑރ. އަޙްމަދު އައްޠައްޔިބު ވިދާޅުވީ އިސްލާމްދީނާމެދު ހަސަދަ ލައިގެންއުޅޭ މީހުން އެކި ގައުމުތަކުގައި އުޅޭ ކަމަށާ އެމީހުން ނުރުހުނަސް ދުނިޔޭގައި އެންމެ ބާރަށް ފެތުރެމުންދަނީ އިސްލާމްދީން ކަމުގައެވެ. އިސްލާމްދީން ފިޔަވައި އެހެން އަގީދާތަށް ބަލިކަށިވަމުންދާ ކަމަށްވެސް ޝައިޚުލް އަލްއަޒްހަރު ވިދާޅުވިއެވެ.
ކީރިތި ރަސޫލާ މުހައްމަދު (ސޢވ) ގެ އުފަންދުވަހަކީ އިލާހީ ނޫރު މުޅި އިންސާނިއްޔަތަށް ފާޅުވެގެންދިޔަ ދުވަސްކަން ފާހަގަކުރައްވަމުން ޝައިޚުލް އަލްއަޒްހަރު ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައިވެސް އަދި އެނޫން ނަމެއްގައިވެސް ކީރިތި ރަސޫލާ (ސޢވ) އަށާއި އިސްލާމްދީންނަށް ޖޯކުޖަހައި ފާޑުކިޔުންފަދަ ކަންކަން ކޮށްގެން ނުވާނެކަމަށާ އެކަން ގބަޫލުނުކުރެވޭނެ ކަމުގައެވެ.
ކީރިތި ރަސޫލާ (ސޢވ) އަށާއި އިސްލާމްދީންނަށް ޖޯކުޖަހައި ފާޑުކިޔާ ފަރާތްތަކުން އެހިންގަނީ މުޅި އިންސާނިއްޔަތާ ދެކޮޅަށް ހިންގާ ޖަރީމާއެއްކަމަށާ އެކަން ބައިނަލްއަގްވާމީ ޖަރީމާ އަކަށް ހެދުމަށް ޑިޕްލޮމެޓިކް މަސައްކަތްތަކެއް އިސްލާމީ ގައުމުތަކާއި އިސްލާމީ ޖަމްއިއްޔާ ޖަމާއަތްތަށް ގުޅިގެން ކުރަން ޖެހޭ ކަމަށްވެސް ޝައިޚުލް އަލްއަޒްހަރު ވިދާޅުވިއެވެ. އިސްލާމް ދީން ހިމެނޭގޮތަށް އަދި ހުރިހާ އިޢުތިގާދުތަކެއް ޝާމިލްވާގޮތަށް އެއްވެސް ބައެއްގެ ދީނީ އަގީދާއަކަށް ޖޯކުޖެހުމާއި ފުރައްސާރަކުރުން ޖަރީމާއަކަށް ހެދުމަށް ތާއީދުކުރައްވާ ކަމަށް ޝައިޚުލް އަލްއަޒްހަރު ވިދާޅުވިއެވެ.
ސުންނީ މުސްލިމުންގެ އެންމެ އިސް އިލްމުވެރިޔާގެ ގޮތުގައި ސިފަކުރެވޭ ޝައިޚުލް އަލްއަޒްހަރުގެ ބަޔާނުގައި މުސްލިމުންގެ ނަމުގައި ތިބެގެން އިސްލާމްދީނާ އިދިކޮޅު ހަރުކަށި އަމަލުތަކާއި ޓެރަރިޒަމް ފަދަ ޖަރީމާތަށް ހިންގާ ފަރާތްތަށްވެސް ކުށްވެރި ކުރެއްވިއެވެ. އެފަރާތްތަކުން ދީނަށް ނިސްބަތްވާ ގޮތަށް އިސްލާމީ ޝިއާރުތަށް ބޭނުންކޮށްގެން ހިންގާ ޓެރަރިޒަމްގެ ޖަރީމާތަކަކީ އިސްލާމްދީނާ ދެކޮޅު އަދި އިސްލާމީ އުންމަތް ހަލާކުގެ ތެރެއަށް ވައްޓާލުމުގެ ޖަރީމާތަކެއްކަމަށްވެސް ޝައިޚުލް އަލްއަޒްހަރު ސިފަކުރެއްވިއެވެ.
ޝައިޚުލްއަޒްހަރު މި ބަޔާން ނެރުއްވާފައި މިވަނީ ކީރިތި ރަސޫލާ މުހައްމަދު (ސޢވ) އަށް ޖޯކުޖެހުމުގެ ގޮތުން ކުރަހާފައިވާ ކާޓޫނަށް ހިއްވަރު ދެއްވުމާ އަދި އިސްލާމްދީނާއި މެދު މީހުންގެ ހިތްތަކުގައި ހަސަދައާއި ނަފްރަތާ އަދި ބިރުވެރިކަން އުފައްދަން ފަރަންސޭސި ރައީސް އިމާނުއެލް މެކްރޯން ކުރައްވަމުން ގެންދަވާ ނާތަހުޒީބު މަސައްކަތް ތަކާ ގުޅިގެން މުސްލިމުން އޭނާއާ ދެކޮޅަށް ތެދުވެ ފަރަންސޭސި އުފެއްދުންތަށް ބޮއިކަޓް ކުރަމުން ގެންދާ ދަނޑިވަޅެއްގައެވެ.
ކީރިތި ރަސޫލާ (ސޢވ) އަށް ޖޯކުޖެހުމާއި އިސްލާމްދީނަށް ފުރައްސާރަ ކުރުމުގެ ޖަރީމާތަށް ބައެއް އިސްލާމީ ގައުމުތަކުގައި މުސްލިމުންގެ ނަމުގައި އުޅޭ މީހުންގެ ފަރާތްތަކުންވެސް ދޭތެރެއަކުން ފެންނަމުން ދެއެވެ. އަދި ޔޫރަޕްގެ ބައެއް ގައުމުތަކުގެ ހަރުކަށި ނަސާރާ ޖަމާއަތްތަކުންނާއި ކަނާތު ފިޔައިގެ ހަރުކަށި ފިކުރު ގެންގުޅޭ ޔޫރަޕްގެ ދޮންމީހުންގެ ތެރޭގައި ހިމެނޭ ބައެއް ފަރާތްތަކުން އެގައުމުތަކުގައި ދިރިއުޅޭ މުސްލިމުންނަށް ޖެއްސުންކޮށް މިސްކިތްތަކަށް ހަމަލާދިނުންފަދަ ނާތަހުޒީބު އަމަލުތަށް ހިންގަމުން ގެންދެއެވެ.
މިފަހަހަކަށް އައިސް ކީރިތި ރަސޫލާ (ސޢވ) އަށް ޖޯކުޖެހުމާއި އިސްލާމްދީނަށް ފުރައްސާރަ ކުރުމުގެ ޖަރީމާތަށް ހިންގައި އެކަމަށް ހިއްވަރުދޭ މައިގަނޑު ގައުމަކަށް ފަރަންސޭސިވިލާތްވަނީ ވެފައެވެ. ފަރަންސޭސި ރައީސާއި ފަރަންސޭސިވިލާތު ކަނާތު ފިޔައިގެ ހަރުކަށި ފިކުރަށް ނިސްބަތްވާ ފަރާތްތަކުން މިޖަރީމާތަކުގައި ޝާމިލްވާއިރު އިނގިރޭސިވިލާތާއި ޔޫރަޕްގެ ބައެއް ގައުމުތަކުގެ ސަރުކާރުތަކުން ވަނީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި ފަރަންސޭސިވިލާތުގައި ހިންގާ މިފަދަ ނާތަހުޒީބު އަމަލުތަކަށް ހިއްވަރުދީ ބަޔާންތަށް ނެރެފައެވެ. ނަމަވެސް ޔޫރަޕްގެ ތިންކްޓޭންކުންނާއި މުފައްކިރުންނާއި ހިކުމަތްތެރިން ގެ އިތުރުން މެދުމިނުގެ ފިކުރުގެ ދޮންމީހުންވެސް ގެންދަނީ މިޖަރީމާތަކާ ދެކޮޅަށް އަޑުއުފުލަމުންނެވެ.
ފަރަންސޭސި ރައީސް އިސްލާމް ދީނަށް ފާޅުގައި ބަހުގެ ޙަމަލާތަށް ދެއްވަނީ އޭނާގެ ވެރިކަން ނާކާމިޔާބުވެ ފަރަންސޭސި ރައްޔިތުންގެ މެދުގައި އޭނާގެ މަގްބޫލުކަން ވަރަށް ބޮޑަށް ދަށަށްގޮސްފައިވާތީ މުސްލިމުންނާ އަދި އިސްލާމްދީނަށް ފާޑުކިޔައި ޖެއްސުންކޮށް އަދި ފުރައްސާރަކޮށްގެން ރައްޔިތުންގެ މަގުބޫލުކަން ހޯދުމުގެ ސިޔާސީ ބޭނުމުގައި ކަމަށް ބައެއް ރިޕޯޓްތަށް ބުނެއެވެ. ފަރަންސޭސި ރައީސް މެކްރޯންގެ ވެރިކަމުގައި އެގައުމުގެ ކުރިއެރުން ހުއްޓި އިގްތިސާދު ބަލިކަށިވެ މުޅި ގައުމު ބޯކޮޅު ވަތަށް ޖެހިފައިވާކަމަށް ރައްޔިތުންގެ 78 އިންސައްތަ މީހުން ދެކޭކަން ޚިޔާލު ހޯދުމުގެ ސާވޭތަކުންވަނީ ހާމަވެފައެވެ.
މެކްރޯން އިސްލާމްދީނާ ދެކޮޅަށް ހިންގަވާ ނާތަހުޒީބު އަމަލުތަކާ ގުޅިގެން ތުރުކީގެ ރައީސްވަނީ މެކްރޯންއަކީ ދުނިޔޭން މޮޔަނުވެހުރި ސިކުނޑި ހަމަނުޖެހޭ މޮޔައެއްކަމަށް ސިފަކުރައްވާފައެވެ. އަދި އިސްލާމީ އެތަށް ގައުމަކުވަނީ މެކްރޯންގެ އަމަލުތަށް ކުށްވެރިކޮށް ބަޔާންތަށްވެސް ނެރެފައެވެ. އަދި މައާފަށް ނޭދޭނަމަ ފަރަންސޭސި ކުންފުނިތަށް ބޭރުކޮށްލާނެކަމުގެ އިންޒާރު ބައެއް އިސްލާމީ ގައުމުތަކުން ވަނީ ދީފައެވެ. މިކަމުގައި ގަލްފުގެ އަރަބި ގައުމެއް ކަމަށްވާ ޔުނައިޓެޑް އަރަބް އިމަރޭޓްސް (ޔޫއޭއީ)ފިޔަވައި އެހެން ހުރިހާ ގައުމަކުން ފަރަންސޭސި ރައީސް ކުށްވެރި ކުރަމުން ގެންދެއެވެ. ޔޫއޭއީ ގެ ސަރުކާރުގެ ބައެއް އިސްވެރިންނާއި ޔޫއޭއީ ގެ ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ވަނީ ފަރަންސޭސި ރައީސް ގެ ދިފާއުގައި ޓްވީޓްތަށް ކުރައްވާފައެވެ. (ނޫސްއެޖެންސީތައް)