މެންޗެސްޓާ ޔުނައިޓެޑް ގެ ޒުވާން އިނގިރޭސި ޑިފެންޑަރު ކްރިސް ސްމޯލިންގް އަށް މީގެ އެއް މަސް ކުރިން ލިބުނު އަނިޔާ ރަނގަޅުވަމުން އަންނަ ކަމަށް އެކުލަބުގެ ކޯޗު ސާ އެލެކްސް ފާގަސަން ބުނެފި އެވެ.

މިދިޔަ ހޮނިހިރު ދުވަހު ޕްރެމިއާ ލީގުގައި އެވަޓަން އާއި ދެކޮޅަށް ކުޅެ 1-0 ލަނޑުން މެންޔުނައިޓެޑް މޮޅުވި މެޗަށް ފަހު އުމުރުން 21 އަހަރުގެ ސްމޯލިންގް ފެނިފައެއް ނުވެ އެވެ.

"ސްމޯލިންގް އަށް ލިބުނު އަނިޔާ ރަނގަޅުވަމުން ދަނީ. ސްމޯލިންގް އަކީ ހުނަރުވެރި ޑިފެންޑަރުން. ސްމޯލިންގް ޓީމާއި އަލުން ގުޅިއްޖެނަމަ، ޑިފެންސަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ. މިސީޒަނުގެ ކުރީކޮޅުގައި ސްމޯލިންގް ވަނީ ފައިދާހުރި ކުޅުމެއް ދައްކާފަ،" މެންޔުނައިޓެޑްގެ ކޯޗު ފާގަސަން ބުންޏެވެ.

އަނިޔާގެ ސަބަބުން ސްމޯލިންގް އަށް ކުޅުމާއި ދުރުގައި ހުންނަން ޖެހުމުން، މުހިންމު މެޗުތަކެއް އޭނާ އަށް ގެއްލިފައިވެ އެވެ. އެގޮތުން ބައިނަލްއަގުވާމީ މެޗުތަކަކާއި، ޗެމްޕިއަންސް ލީގުގެ މެޗުތަކަކާއި، ޕްރެމިއާ ލީގުގެ މުހިންމު މެޗުތަކެއް ސްމޯލިންގް އަށް ގެއްލިފައިވެ އެވެ.