29 Oct 2020, 08:00
ޔޫއެފާ ޗެމްޕިއަންސް ލީގުގައި މެންޗެސްޓާ ޔުނައިޓްގެ ފޯވާޑް މާކަސް ރަޝްފޯޑް ހަދައިދިން ހެޓްރިކާ އެކު ލިޕްޒިގުގެ މައްޗަށް އެ ޓީމުން ފަސޭހަކަމާ އެކު ކުރި ހޯދި އިރު، ޗެލްސީން ރަޝިޔާގެ ކްރްސްނޮދާރު ކޮޅަށް ހަތަރު ގޯލު ޖަހައިފި އެވެ.
ޔުނައިޓެޑްގެ އޯލްޑް ޓްރެފޯޑް ސްޓޭޑިއަމުގައި ރޭ ކުޅުނު މެޗުން މިދިޔަ ސީޒަނުގެ ސެމީ ފައިނަލިސްޓް އާރްބީ ލިޕްޒިގްގެ އަތުން ހޯމް ޓީމު ކުރި ހޯދީ 0-5ގެ ބޮޑު ނަތީޖާއަކުންނެވެ. މި ގްރޫޕުގައި ދެން އޮތް ޕީއެސްޖީއާއި ތުރުކީގެ އިސްޓަންބުލް ބަސަކްސެހިރް ބައްދަލު ކުރި މެޗު 0-2 އިން ޕީއެސްޖީ ކާމިޔާބު ކުރި އިރު، ދެ މެޗުން ކުރި ހޯދައި ޔުނައިޓެޑް އެއްވަނައިގައި އޮތީ ހަ ޕޮއިންޓާ އެކު އެވެ. ދެވަނައިގައި ޕީއެސްޖީ ތިން ޕޮއިންޓާ އެކު އޮތް އިރު، ތިންވަނައިގައި އޮތް ލިޕްޒިގުން ވެސް ވަނީ ތިންޕޮއިންޓް ހޯދައިފަ އެވެ.
ރޭގެ މެޗު ފަށައިގެން 21 ވަނަ މިނަޓުގައި ޔުނައިޓެޑަށް ލީޑު ނަގައިދިނީ 19 އަހަރުގެ ފޯވާޑް މޭސަން ގްރީންވޫޑް އެވެ. ޕޯލް ޕޮގްބާ ދިން ޕާހަކުން ގޯލު ކަނަށް އަމާޒުކޮށްލައިގެން ގްރީންވޫޑް ޖެހި މި ގޯލަކީ އޭނާ ޗެމްޕިއަންސް ލީގުގައި ޖެހި ފުރަތަމަ ގޯލެވެ. އަދި މި ގޯލާ އެކު އޭނާ ވަނީ ޗެމްޕިއަންސް ލީގުގައި ޔުނައިޓެޑަށް ގޯލުޖެހި ދެވަނައަށް އެންމެ ޒުވާން ކުޅުންތެރިއާއަށް ވެފަ އެވެ. ޔުނައިޓެޑަށް އެންމެ ޒުވާން އުމުރުގައި މި މުބާރާތުގައި ގޯލު ޖަހައިދިނީ ވޭން ރޫނީ އެވެ. އޭނާ ފުރަތަމަ ގޯލު ޖަހާފައި ވަނީ 18 އަހަރުގަ އެވެ.
ފުރަތަމަ ހާފުގައި ޔުނައިޓެޑަށް ލީޑު ފުޅާ ކުރާނެ ގިނަ ފުރުސަތުތަކެއް ލިބި ބޭކާރު ވެގެން ދިޔަ އިރު، އެ ޓީމަށް ދެވަނަ ހާފުގައި ދެވަނަ ގޯލު ޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނުކުން ރަޝްފޯޑް އެވެ. ރަޝްފޯޑް އެރިގޮތަށް އަރައި މަތި މައްޗަށް ދެ ގޯލު ޖެހި އިރު، ޔުނައިޓެޑްގެ ހަތަރު ވަނަ ގޯލަކީ އެންތޮނޯ މާޝިއަލް ޖެހި ޕެނަލްޓީ ގޯލެކެވެ.
މެޗު ނިމެން ކުޑަތަން ވެފައިވަނިކޮށް ރަޝްފޯޑް ވަނީ އޭނަގެ ތިންވަނަ ގޯލު ކާމިޔާބުކޮށް ހެޓްރިކް ހަދައިފަ އެވެ. މިއީ ޗެމްޕިއަންސް ލީގުގައި ޔުނައިޓެޑުން ހެދި ދެވަނަ ހެޓްރިކެވެ. ފުރަތަމަ ހެޓްރިކަކީ މިހާރު އެ ޓީމުގެ ކޯޗު އޮލެ ގުނަ ސޮލްޝެއާ 1999 ވަނަ އަހަރު ހެދި ހެޓްރިކެކެވެ.
ޗެލްސީން ރަށުން ބޭރުގައި ރޭ ކުޅުނު މެޗުގައި ކްރްސްނޮދާރު އަތުން ކުރި ހޯދީ 0-4ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި ޗެލްސީން ޖެހި ގޯލުތައް އެ ޓީމަށް ޖަހައިދިނީ ކެލަމް ހަޑްސަން-އޮޑިއީއާއި، ޓީމޯ ވާނާ އަދި ހަކީމް ޒިޔެޗުގެ އިތުރުން ކްރިސްޓިއަން ޕުލިސިޗް އެވެ.
އެ މެޗުން ލިބުނު މޮޅާ އެކު ހަތަރު ޕޮއިންޓް ހޯދައިގެން ޗެލްސީ އެއްވަނައިގައި އޮތް އިރު، ދެވަނާގައި ހަތަރު ޕޮއިންޓް ހޯދައިގެން އޮތީ ސެވިއްޔާ އެވެ.