29 Oct 2020, 08:02
ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ނުލައި ކުޅުނު މެޗުގައި ބާސެލޯނާއިން ޔުވެންޓަސްގެ މައްޗަށް ފަސޭހަކަމާ އެކު ކުރިހޯދައިފި އެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ރޭ ޓިއުރިންގައި ކުޅުނު މެޗުން ބާސެލޯނާ ކުރި ހޯދީ 0-2ގެ ނަތީޖާއަކުންނެވެ. މި މޮޅާ އެކު ގުރޫޕް ޖީގެ އެއްވަނަ ބާސެލޯނާއިން ހަ ޕޮއިންޓާ އެކު ހޯދި އިރު، ޔުވެންޓަސް ދެވަނައިގައި އޮތީ ތިން ޕޮއިންޓާ އެކު އެވެ. މި ގުރޫޕުގައި ދެން އޮތް ޑައިނަމޯ ކިއެވްއާއި، ފެރެންކްވަރޯސް ރޭ ބައްދަލު ކުރި މެޗު 2-2 އިން އެއްވަރުވުމުން އެ ދެ ޓީމަށް ވެސް މިހާތަނަށް ލިބިފައިވަނީ އެއް ޕޮއިންޓް އެވެ.
ލީގުގައި ދެ ޓީމުގެ ފަރާތުން ދަށް މެޗުތަކަކަށް ފަހު ޗެމްޕިއަންސް ލީގާއި ކުރިމަތިލި އިރު، ބާސެލޯނާ އަދި ޔުވެންޓަސްއަށް ވެސް އަނިޔާގެ ސަބަބުން މުހިއްމު ކުޅުންތެރިންތަކެއް ވަނީ މެޗުގައި ބޭނުން ކުރެވޭ ގޮތް ނުވެފަ އެވެ. އެގޮތުން ބާސެލޯނާގެ އެއް ނަމްބަރު ކީޕަރު ޓާ ސްޓެގަންއާއި، ފިލިޕޭ ކުޓީނިއޯ އަނިޔާގެ ސަބަބުން މެޗުގައި ކުޅެފައި ނުވާ އިރު ޖެރާޑް ޕީކޭ ހުރީ ސަސްޕެންޝަނުގަ އެވެ. އަނެއް ކޮޅުން ކޮވިޑްގެ ޝިކާރައަކަށްވެ ރޮނާލްޑޯއަށް މެޗު ގެއްލުން އިރު ޓީމުގެ އެންމެ ތަޖުރިބާކާރު ޑިފެންޑަރު ކެއިލޭނީ ވެސް ހުރީ އަނިޔާގަ އެވެ.
ރޭގެ މެޗު ފަށައިގެން ބާސެލޯނާއިން މެޗު ޑޮމިނޭޓް ކޮށްގެން ކުޅުނު އިރު 14 ވަނަ މިނަޓުގައި އެ ޓީމަށް ގޯލު ޖަހައިދިނީ އުސްމާން ޑެމްބެލޭ އެވެ. އަނިޔާގައި ގިނަ ދުވަސްތަކެއް ހުރުމަށްފަހު ޑެމްބެލޭ އެނބުރި އައިސް ތަފާތު ކުޅުމެއް ދައްކަމުން އަންނަ އިރު އޭނާއަށް އެ ގޯލު ޖަހައިދެން އެސިސްޓް ކުރީ ކެޕްޓަން ލިއޮނެލް މެސީ އެވެ. މިއީ އޭނާގެ ކެރިއަރުގައި ހެދި 300 ވަނަ އެސިސްޓް އެވެ.
ފުރަތަމަ ހާފުގައި ބާސެލޯނާއަށް ލީޑު ފުޅާ ކުރާނެ ރަނގަޅު ފުރުސަތުތަކެއް ލިބިފައިވާ އިރު، ޔުވެންޓަސްގެ އަލްވާރޯ މޮރާޓާ ވަނީ އޮފްސައިޑް ދެ ގޯލު ޖަހައިފަ އެވެ.
ދެވަނަ ހާފު ފަށައިގެން އަލްވާރޯ މޮރާޓާ ޖެހި ތިންވަނަ ގޯލު ވެސް ރެފްރީ އޮފްސައިޑް ކަމަށް ނިންމި އިރު، އެ ހާފުގައި ބާސެލޯނާއިން ވަނީ މޮޅު ކުޅުމެއް ދައްކާ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ. އެހެން ނަމަވެސް އެ ފުރުސަތުތަކުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި އެ ޓީމުން ހިފާފައި ނުވާ އިރު ބާސެލޯނާގެ ދެވަނަ ގޯލަކީ ޔުވެންޓަސްގެ ކުޅުންތެރިއަކު ބާސެލޯނާގެ ފޯވާޑް އަންސޫ ފާޓީއަށް ކުރި ފައުލަކާ ގުޅިގެން ދިން ޕެނަލްޓީއަކުން ކާމިޔާބު ކުރި ގޯލެކެވެ. މެސީގެ އެ ޕެނަލަޓީ ގޯލަށް އަމާޒުކޮށްލި އިރު މިއީ އޭނާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ޖެހި 70 ވަނަ ގޯލެވެ.
ބާސެލާނާއި ޔުވެންޓަސް ބައްދަލު ކުރާ ދެވަނަ ލެގުގެ ކުޅުން އޮންނާނީ އަންނަ ޑިސެމްބަރު މަހުގެ އަށްވަނަ ދުވަހު އެވެ. އެ މެޗު ކުޅޭނީ ބާސެލޯނާގެ ދަނޑުގަ އެވެ.