29 Oct 2020, 07:33
މުޅީން އާ ރެކޯޑެއް ހެދުމަށްޓަކައި ކުރީގެ ޕެރަޓްރޫޕާއެއް 130 ފޫޓު މަތީން އެއްވެސް ޕެރަޝޫޓެއް ބޭނުން ކުރުމާ ނުލައި ފުއްމާލައިފި އެވެ.
"ފްލައިން ފިޝް" ވަނަމަކަށް ދީފައިވާ އުމުރުން 34 އަހަރުގެ ޖޯން ބްރީމް ވަނީ 130 ފޫޓު މަތީގައި ހުރި ހެލިކޮޕްޓަރަކުން މޫދަށް ފުންމާލައި ރެކޯޑެއް ހެދުމަށް މަސައްކަތްކޮށްފަ އެވެ.
ޕެރަޝޫޓާ ނުލައި އެގޮތަށް ފުއްމާލުމަށް ނިންމާފައިވަނީ ނަފްސާނީ ގޮތުން އެހީއަށް ބޭނުންވެފައިވާ ފަރާތްތަކަށް އެހީވާ އެކި ފަރާތްތަކަށް ފައިސާގެ އެހީ ހޯދައިދިނުމުގެ ބޭނުމުގައެވެ.
އޭނާ މަތީން ވެއްޓިފައި ވަނީ ގަޑިއަކު 130 ކިލޯމީޓަރުގެ ބާރުމިނުގަ އެވެ. އަދި މޫދަށް ވެއްޓުނު ގޮތުގެ ސަބަބުން ފެނުގައި ޖެހުމާއެކު ޖޯން ވަނީ ހޭނެތިފަ އެވެ.
އެހެންނަމަވެސް އެ ސަރަހައްދުގައި ޕެރަމެޑިކްސް ދިޔައީ ހަރަކާތްތެރިވަމުންނެވެ. އަދި އޭނާއަށް އެއްވެސް ކަހަލަ ގެއްލުމެއް ވެފައި ނުވާ ކަމަށް އެފަރާތްތަކުން ބުނެއެވެ.
ގިނެސް ބުކް އޮފް ވޯލްޑް ރެކޯޑްސްގެ ސްޕޯކްސްޕާސަން ވިދާޅުވި ގޮތުގައި ޖޯން ރެކޯޑު ހެދި މަންޒަރުގެ އިންތިޒާރުކުރާ ކަމަށެވެ. އަދި ރެކޯޑު ގާއިމުކުރެވިފައިވާ ކަން ކަށަވަރު ކުރެވޭނީ މަންޒަރުތައް ލިބިގެން ކަމަށް ސްޕޯކްސްޕާސަން ވިދާޅުވި އެވެ.