ވަކި އަތަކަށް ޖެހި ރިޕަބްލިކަނުންނަށް ވަކި ގޮތަކަށް އަމަލުކުރާކަމަށް ބުނެ ބޮޑު ތިން ސޯޝަލް މީޑިއާގެ ވެރިންނާ އެމެރިކާގެ ރިޕަބްލިކަން ޕާޓީގެ ސެނެޓަރުން ސުވާލުކޮށްފި އެވެ.

އެގޮތުން ފޭސްބުކްގެ ސީއީއޯ މާކް ޒުކަބާގް، ގޫގަލްގެ ސީއީއޯ ސުންދަރު ޕައިޗާއީ އަދި ޓުވިޓާގެ ސީއީއޯ ޖެކް ޑޯސޭ މިއަދު ވަނީ ސެނެޓަށް ހާޒިރުކޮށް ސުވާލުކޮށްފަ އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިސްބަތްވެވަޑައިގަންނަވާ ރިޕަބްލިކް ޕާޓީން ބުނާ ގޮތުގައި، "ކޮންޒަވޭޓިވް" ހިޔާލާއި އެބޯޝަނާ ދެކޮޅު ވާހަކަތަކަށް ގަސްދުގައި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ފޭސްބުން އިން ދަނީ ހުރަސް އަޅަމުންނެވެ.

އެކަމާ ގުޅާ ގޮތުން ސުވާލުކުރި ކޮމެޓީގައި އެ ކޮމެޓީގެ ޗެއާމަން ރޮޖާ ވިކާ ވިދާޅުވީ އިންޓަނެޓްގައި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އެޅިފައިވާ ކަމަށާއި އެހެންކަމުން އެކަމާ ގުޅޭ ގާނޫނުތައް އިސްލާހްކުރަން ޖެހޭ ކަމަށެވެ.

ރިޕަބްލިކަން ޕާޓީގެ ސެނެޓަރު ޓެދް ކްރޫޒް ވިދާޅުވީ ޓުވިޓާގެ ކަންތައްތައް އަދި މާބޮޑަށް ގޯސް ކަމަށެވެ.

ނަމަވެސް އެއަށް ރައްދު ދެއްވައި ޓުވިޓާގެ ސީއީއޯ ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ޓުވިޓާއިން ނުފޫޒުފޯރުވިދާނެ ކަމަށް ގަބޫލްނުކުރެވޭ ކަމަށެވެ.

ވަކި އަތަކަށް ޖެހި ރިޕަބްލިކަނުންނަށް ވަކި ގޮތަކަށް އަމަލުކުރާކަމަށް ތުހުމަތުކުރި އިރު ޑިމޮކްރެޓިކް ޕާޓީންގެ ކަންބޮޑުވުމަކަށްވީ ސޯޝަލް މީޑިއާތަކުގައި ނަފްތަރު އުފެެދޭ ވާހަކަތައް ދައްކާތީ އެކަން ހުއްޓުވަން އެކަށީގެންވާ މަސައްކަތް ނުކުރެވުމެވެ.-- އޭޕީ--