19:00


ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާ މަޝްވަރާކޮށްގެން ރައްޔިތުންގެ މަޖިލީހުގައި މަސައްކަތްތައް ކުރިއަށް ގެންދިއުމަށް މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ މެދުކަނޑާލުމަށްފަހު ކުރެވުނު މަސައްކަތުން މިހާތަނަށް ހައްލެއް ލިބިފައިނުވާ ކަމަށާއި މަޖިލީހުގައި ހިމެނިވަޑައިގެންނަވާ ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ އިތުރުން އަމިއްލަ މެންބަރުން ވެސް މަޖިލީހުގެ މަސައްކަތްތަކަށް އެއްބާރުލުން ދެއްވުމަށް މަޖިލީހުގެ މެންބަރުންގެ ކިބައިން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު އެދިވަޑައިގެންފި އެވެ.


މިކަމަށް އެދިވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް ނެރުއްވާފައިވާ ބަޔާނެއްގައި ވިދާޅުވެފައި ވަނީ މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ރިޔާސަތުން މެދުކަނޑާލެއްވީ މަޖިލީހުގެ ގަވާއިދުގެ ދަށުން ޖަލްސާކުރިއަށް ގެންދެވޭ މިންވަރަށްވުރެ ބޮޑަށް މަޖިލީހުގެ ނިޒާމް ގެއްލިގެން ކަމަށެވެ. އަދި މަޖިލީހުގެ ޖަލްސާ މެދު ކަނޑާލެއްވުމަށްފަހު ސިޔާސީ ޕާޓީތަކުގެ މެދުގައި މަޝްވަރާ ކުރައްވައިގެން މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރައްވާފައިވާ ކަމަށާއި ނަމަވެސް މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދެވޭނެ ފަދަ މާހައުލެއް ޤާއިމްކުރެވިފައިނުވާ ކަމަށް މަޖިލީހުގެ ރައީސް ނެރުއްވާފައިވާ އެބަޔާނުގައިވެ އެވެ.


މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރުންގެ މެދުގައި ހިޔާލު ތަފާތުވެ މަޖިލީހުގެ ތަޅުން ހޫނުވެ އަޑުގަދަވުމުން، ރިޔާސަތުން މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު، ތަކުރާރުކޮށް އިންޒާރު ދެއްވައިގެން ވެސް، ޖަލްސާ ކުރިއަށް ނުގެންދެވިގެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ މެދުކަޑާލެއްވީ މިއަދު ހެނދުނު 09:24 ހާއިރެވެ.


މެންބަރުންގެ މެދުގައި ހިޔާލު ތަފާތުވުން އުފެދުނީ، ބާރަ ބިލެއް ފާހަގަކޮށް، އެ ބިލުތަކުގެ މަސައްކަތް ނުނިންމައި އެހެން އެއްވެސް މަސައްކަތެއް ކުރިއަށް ގެންދިއުމަށް ނުފެންނަ ކަމަށް ބުނެ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން، މަޖިލީހުގެ ރައީސަށް ފޮނުވާފައިވާ ސިޓީގައި ހިމެނޭ އެއްވެސް ބިލެއް އެޖެންޑާކޮށްފައި ނުވުމުގެ އިތުރުން، ރާއްޖޭގެ ސިޔާސީ މަސްރަހު މިހާރު އޮތް ގޮތުގެ މައްޗަށް މެންބަރުންގެ މެދުގައި ހޫނު ބަހުސްތަކެއް ބަދަލުކުރަން ފެށުމާއެކުގަ އެވެ.


އެކަމާ ގުޅިގެން މަޖިލީހުގެ ތަޅުން ހޫނުވެ މަޖިލީހުގެ ނިޒާމު ގެއްލުމުން، ރިޔާސަތުން މެންބަރުންނަށް އިންޒާރު ދެއްވައިގެން ވެސް ޖަލްސާ ކުރިއަށް ގެންދިއުމަށް ފުރުސަތު ނުލިބުމުން، ވަގުތުތައް ބޭކާރުކޮށް، ރައްޔިތުންގެ މެދުގައި މެންބަރުން އިތުރަށް ބޭޒާރުވުމަށް ފުރުސަތު ނުދެއްވާނެ ކަމަށާއި، މަޖިލީހުގެ ޖަލްސާތައް ކުރިއަށްގެންދިއުމާމެދު ޕާޓީތަކާ މަޝްވަރާކުރުމަށް ފުރުސަދު ދެއްވުމަށް ކަމަށް ވިދާޅުވެ، ނުވަގަޑި ސައުވީހުގައި މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ޖަލްސާ މެދުކަނޑާލެއްވި އެވެ.


މިއަދުގެ މަޖިލީހުގެ ޖަލްސާ ކުރިއަށްދިޔައިރު ގިނަ އަދަދެއްގެ ބަޔަކު ވަނީ މަޖިލީސްކުރާ ގޭ ސަރަހައްދަށް އެއްވެ މަޖިލީހުން ކޮރަޕްޝަންގެ އަމަލްތައް ހުއްޓުވުމަށް ގޮވާލާ މުޒާހަރާކޮށްފަ އެވެ. އަދި އެ ސަރަހައްދު ބެލެހެއްޓުމަށް ފުލުހުންގެ ގިނަ ބަޔަކު ވަނީ ހަރަކާތްތެރިވެފަ އެވެ.