28 Oct 2020, 18:47
އަދާލަތު ޕާޓީގެ ގައުމީ މަޖިލިސް އަންނަ އަހަރުގެ ފެބުރުއަރީ މަހު ބާއްވަން ނިންމައިފިއެވެ.
އަދާލަތު ޕާޓީން ބުނީ ގައުމީ މަޖިލިސް ބާއްވަން ނިންމާފައި ވަނީ ފެބުރުއަރީ 26 އަދި 27 ގައި ކަމަށެވެ.
ގައުމީ މަޖިލީހުގައި ހިނގަމުންދާ އާ ދައުރަށް އެކި މަގާމުތަކަށް މީހުން ހޮވާނެއެވެ. އަދި ގައުމީ މަޖިލީހުގެ ކުރިން، ޕާޓީގެ ރައީސާއި، ނައިބު ރައީސް ކަމުގެ އިންތިހާބާއި، ދާއިރާ ރައީސުންނާއި ގޮފިތަކުގެ ހިންގާ ކޮމިޓީގެ އިންތިހާބު މިއަހަރުގެ ތެރޭގައި ބާއްވާނެ ކަމަށް ވެސް އެ ޕާޓީން ބުންޏެވެ.
އަދި އޭގެ އިތުރުން، އަދާލަތު ޕާޓީގެ ޒުވާނުންގެ މަޖިލީހާއި، އަންހެނުންގެ މަޖިލީހާއި، ފަނޑިޔާރުންގެ މަޖިލީހަށް ކުރިމަތިލުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް ވެސް ބުންޏެވެ.
އަދާލަތު ޕާޓީން ބުނީ ގައުމީ މަޖިލީހަކީ ކޮންމެ ދައުރެއް ނިމުމުން ބޭއްވުމަށް އެ ޕާޓީގެ ދުސްތޫރު ބަޔާންކޮށްފައިވާ އެންމެ އިސް ރުކުން ކަމަށެވެ.
އެގޮތުން ގައުމީ މަޖިލީހުގައި އިލްމުވެރިންގެ މަޖިލީހުގެ ހުރިހާ މެންބަރުންނާއި މަޝްވަރާ މަޖިލީހުގެ ހުރިހާ މެންބަރުންނާއި ފަނޑިޔާރުންގެ މަޖިލީހުގެ ހުރިހާ މެންބަރުންނާއި އިދާރީ މަޖިލީހާއި އަންހެނުންގެ މަޖިލީހާއި ޒުވާނުންގެ މަޖިލީހުގެ އިތުރުން ދާއިރާތަކާއި ގޮފިތަކުގެ މަންދޫބުން ބައިވެރިވާނެ ކަމަށެވެ.
އިލެކްޝަންސްފެ ކޮމިޝަނުން އެންމެ ފަހުން ހާމަކޮށްފައިވާ ގޮތުގައި، އަދާލަތު ޕާޓީގައި ތިބީ 6640 މެމްބަރުންނެވެ.