އެންމެ މަތީގައި ތިބެ އެތައް ސީޒަނެއް ވޭތުވެ ދިޔައިރު ވެސް ދިވެހި ބައެއް ކުލަބުތަކަށް ދަސްނުވެ އޮތް ކަމެއް އެބަ އޮތެވެ. އެއީ، ދަރަނީގެ މަޅި އެވެ. އެ މަޅީގައި ޖެހި ރާއްޖޭގެ ތާރީހު ދުއް ބޮޑެތި ކުލަބުތަކުގެ ނަން ފަނޑުވެ އެ މީހުންނަށް ފުޓުބޯޅައިގެ މުސްތަގުބަލު އެކީހެން ވަނީ ބަނަވެފަ އެވެ. ކޮންމެ ސީޒަނެއް ނިމޭ އިރު ކުޅުންތެރިންނާ ކޯޗުންނަށް ނުދެވި އޮންނަ އެތައް މަހުގެ މުސާރައާއި އިނާޔަތްތަކާ ހެދި ކުލަބުތައް އޮންނަނީ މައްސަލަގަނޑަކަށް ވެއްޓިފަ އެވެ.

މިއީ ފަހަކަށް އައިސް ރާއްޖޭގެ ގިނަ ކުލަބުތަކަށް ދިމާވާ ހުރިހާ ވެސް މައްސަލަތަކުގެ ފެށުމެވެ. ސީޒަން ނިމޭ އިރު އެތައް ލައްކައިން ދަރައި، ގޮތް ހުސްވާ ހިސާބަށް ކަންތައް ދަނީ އެވެ. ޓީމުގައި ހުނަރެއް، ނޫނީ ތަޖުރިބާހުރި ކުޅުންތެރިން ހަރުނުލާ ވާހަކަތަކުގެ އަސްލަކީ ވެސް އެއީ ކަމުގައި ބުނެވިދާނެ އެވެ.

ކޮވިޑްގެ ސަބަބުން މުޅި ފުޓުބޯޅަ އާއިލާ ބިކަވެފައި އޮތްކަމީ އެއްވެސް މީހަކަށް އޮޅިފައި އޮތް ކަމެއް ނޫނެވެ. ފުރަތަމަ ޑިވިޝަނުގެ ކޯޗުންނަށް ލިބެންޖެހޭ މުސާރަ ޔޫތު މިނިސްޓްރީގައި ބަޖެޓްކުރެވިފައިހުރި ނަމަވެސް އެ ފައިސާ ކޯޗުންނަށް ކޮންޓްރެކްޓާ އެއްގޮތަށް ނުލިބުމާއި ކޮވިޑް-19ގެ ސަބަބުން އާމްދަނީ އަށް އަސަރުކޮށްފައިވާ މީހުންނަށް ސަރުކާރުން ހަމަޖައްސާފައިވާ ސްޓިމިއުލަސް ޕެކޭޖްގެ ތެެރެއިން ފުޓްބޯޅައިގެ އެއްވެސް ފަރާތަކަށް އެހީތެރިކަމެއް ލިބިފައެއް ނުވެ އެވެ. އެންމެ ފަހުން ފުޓްބޯޅަ އަށް ކޮވިޑް-19ގެ ސަބަބުން ދިމާވެފައިވާ ކަންބޮޑުވުންތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހިއްސާކުރުމުގެ މަސައްކަތްތަކެއް ވެސް ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކުގެ ކޯޗުން ވަނީ ކޮށްފަ އެވެ.

ގްރީންސްޓްރީޓްސްގެ ކޯޗިންގް ޓީމް --- ފޮޓޯ//އެފްއޭއެމް

ނަމަވެސް ފީފާގެ "ކޮވިޑް ރިލީފް" އެހީއާ އެކު މިފަހުން ފުރަތަމަ ޑިވިޝަނުގެ ކުލަބުތަކަށް ދިމާވެފައި އޮތް ހާލަތުން އަރައިގަތުމަށް އެފްއޭއެމްގެ ފައިނޭންޝިއަލް އެސިސްޓެންސްގެ ދަށުން ކޮންމެ ކުލަބަށް ތިން މިލިއަން ރުފިޔާގެ އެހީ ވަނީ ދީފަ އެވެ. ފައިނޭންޝިއަލް އެސިސްޓެންސްގެ ދަށުން ކުލަބުތަކުން ސަމާލުކަން ދޭން ޖެހޭ ހަތް ކަމެއް އެފްއޭއެމުން ވަނީ ޝަރުތު ކޮށްފަ އެވެ.

ފައިނޭންޝިއަލް އެސިސްޓެންސް ހަރަދުކުރަން ޖެހޭކަންކަން:

  • އޭއެފްސީ ކުލަބު ލައިސެންސް

  • ކުލަބުގެ ޔޫތު ޑިވަލަޕްމެންޓް
  • އެކެޑެމީ
  • މެނޭޖުމެންޓް
  • ކުލަބު ފައިނޭންޝިއަލް ރިޕޯޓް
  • ވިމެންސް އެކްޓިވިޓީ
  • ޕްރަމޯޝަނަލް އެކްޓިވިޓީ

އެފްއޭއެމުން ދިއްކޮށްލި ތިން މިލިއަން ރުފިޔާއާ އެކު ކޮވިޑްގެ ސަބަބުން ދިމާވި ދަތިތަކުން އަރައިގަންނާނެ ރަނގަޅު މަގެއް މިއޮތީ ކުލަބުތަކަށް ތަނަވަސްވެފަ އެވެ.

މިދުވަސްވަރަކީ ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ކުލަބުތަކުން އަނެއްކާވެސް ބޭންކް ހުޅުވާލައި، ކުޅުންތެރިން ގަނެ ވިއްކުމުގައި ފޯރި ހިއްޕާލާފައިވާ ދުވަސްވަރެކެވެ.

ކޮންމެ ދުވަހަކުވެސް "އައު ކުޅުންތެރިއަކު ސޮއި ކޮށްފިއޭ"، ނޫނީ "ކުލަބު ދޫކޮށްލައިފިއޭ" ބުނާ އަޑު ނީވޭ ދުވަހެއް މިހާރަކު ނުދެ އެވެ. އެހާ ވެސް ޓްރާންސްފާ މާކެޓު ވާދަވެރިވެފައި އޮތް މި ދަނޑިވަޅުގައި ކުލަބުތަކުން ބޮޑު ހޭދައެއް ކުރާނެ ކަމަށް އޮތީ ބެލެވިފަ އެވެ. އެއީ ސްޕޮންސަރުންނާއި، އެފްއޭއެމުން ދިން ލާރިން ވިޔަސް، ކުޅުންތެރިން މި ދަނޑިވަޅުގައި ގެނައުމަކީ ކުލަބުތަކުގެ އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަންތަކެވެ.

ސުޕަ ޔުނައިޓެޑް ސްޕޯޓްސްގެ ފަރިތަކުރުންތަކުގެ ތެރެއިން --- ފޮޓޯ//އެފްއޭއެމް

ގިނަ ކުލަބުތަކުގެ ކޯޗުން ވެސް ބަދަލުކޮށް ހުރިހާ ކުލަބަކުން ފަރިތަކުރުންތައް ފަށައިފައިވާ އިރު ހުރިހާ ކުލަބަކުން ވެސް އާ މޫނުތަކެއް ފާހަގަވެ އެވެ. ރަސްމީ އަދި ނުރަސްމީކޮށް އެއްބަސްވުންތައް ހަދާފައިވާ ކުޅުންތެރިން ކުލަބުތަކުގެ ޕްރެކްޓިސްތަކުން ފެންނަމުންދާ އިރު އެންމެ އަގުބޮޑު ސުވާލަކީ މާޒީގައި މި ދިމާވި ކަންތައްތަކަށް މިފަހަރު ކިހާބޮޑު ސަމާލުކަމެއްދޭނޭ ހެއްޔެވެ؟ ނޫނީ މުހިއްމީ ވަރުގަދައަށް ސީޒަން ފެށުންތޯ ނޫނީ މުޅި ސީޒަން އެއްވަރެއްގައި ހިފެހެއްޓުން ހެއްޔެވެ؟

ދެވަނަ ނިއުރޭޑިއަންޓަކަށް، ނޫނީ ވިކްޓަރީއަކަށް ނުވާތި

މާޒީއަށް ކަޅި ހިންގާލުމުން ދަރަނީގެ ދަންތުރައިގައި ޖެހި ފުޓުބޯޅައިގެ ދަނޑުން ގެއްލިފައިވާ ދެ ނަމަކީ ދިވެހިންނަށް އާ ނަންތަކެއް ނޫނެވެ. މީގެ 40 އަކަށް އަހަރު ކުރިން ފެށިގެން އައިސް އެތައް އެތައް ކާމިޔާބީތަކެއް ހޯދި ރަން ދެ ކުލަބު ކަމަށްވާ ނިއު އާއި ވިކްޓަރީގެ ވެއްޓުމަށް ދިމާވީ ދާދި އެއްކަހަލަ ކަންތައްތަކެކެވެ. ދަރަނި ނުދެއްކި ދިގުލައިގެން ގޮސް އެންމެ ފަހުން ސަސްޕެންޑް ކުރަން މަޖުބޫރުވީ އެވެ.

މިއީ ދިވެހި އެއްވެސް ކުލަބެއް ދެކެން ބޭނުން ވާނެ ދުވަހެއް ނޫނެވެ. އެކަމަކު އެ ހާލަތަށް ދިއުމާ ގާތަށް ބައެއް އެހެން ކުލަބުތަކުން ވެސް ނުގޮސް ސަލާމަތްވެފައި އޮތީ ކިރިޔާ އެވެ.

ނަން ނުޖެހުމަށް ޝަރުތުކޮށް ފުރަތަމަ ޑިވިޝަނުގެ ކޯޗެއް "ސަން" އަށް ބުނީ، ކޮންމެ ފަހަރުގެ ސީޒަނާ ދިމާކޮށް އެކަށީގެން ނުވާ ވަރަށް ކުޅުންތެރިން ގެންދާ ކުލަބުތައް ރާއްޖޭގައި އޮތް ކަމަށެވެ. ވަރުގަދައަށް ސީޒަން ފަށައި ސީޒަން ނިމެންވާއިރަށް އެކުލަބުތައް އޮއްސޭ ކަމަށެވެ. އެހެން ނަމަވެސް އެކަމުން އިބުރަތެއް ނުހޯދާ ކަމަށާއި، ދެން ޖެހިގެން އަންނަ ސީޒަނުގައި ވެސް ފެންނަނީ އެކަންކަން ތަކުރާރުވާ މަންޒަރު ކަމަށް އޭނާ ބުންޏެވެ.

"ނިއުރޭޑިއަންޓް، ވިކްޓަރީއަށް ވާނެއެކޭ ނޫން މިބުނަނީ، އެކަމަކު ބައެއް ކުލަބުތަކަށް ބަލާލުމުން ފެނިގެން އެ ދަނީ ކުލަބެއްގެ ނިމުން ކައިރިވާތަން. ފަހަރަކަށް ވުރެން ފަހަރެއް ދަށަށް ދަމުން ދާތަން،" އެ ކޯޗު ބުންޏެވެ.

އޭނާ ފާހަގަ ކުރި ގޮތުގައި ރާއްޖޭގެ ގިނަ ކުލަބުތަކަކީ އުމުރުން ދުވަސްވީ ނަމަވެސް އަދިވެސް އަމިއްލަ ފައިމައްޗަށް ތެދުވެވިފައިވާ ކުލަބުތަކެއް ނޫނެވެ. ކުލަބަށް ހަމައެކަނި ވަންނަ ފައިސާއަކީ ސަރުކާރުން ނޫނީ އެފްއޭއެމުން ދޭ އެހީތެރިކަމެކެވެ. އެ އެހީއަށް ބަރޯސާ ވެގެން ކުލަބު ހިންގުމަކީ ދެމެހެއްޓެނިވި، ދިގު ރާސްތާއަކަށް ކުރެވޭނެ ކަމަކަށް ނުވާ އިރު އެކަމަށް ހައްލެއް ނުހޯދާ އޮތުމަކީ ކުލަބުތަކުގެ މެނޭޖްމެންޓުގެ ދޯހަޅިކަން ކަމަށް ކޯޗު ވަނީ ފާހަގަ ކޮށްފަ އެވެ. އޭނާ ދެކޭ ގޮތުގައި އާމްދަނީ ހޯދޭނެ ގޮތްތަކެއް ކުލަބުތަކުން އަމިއްލައަށް ވެސް ހޯދަން ވެއްޖެ އެވެ. އަދި ކުލަބުތަކުގެ އާމްދަނީއާ އެއްވަރެއްގައި ހަރަދުތައް ބެހެއްޓުން ވެސް މުހިންމުކަން އޭނާ ފާހަގަކުރި އެވެ.

އެހެން ނޫން ނަމަ، ދިވެހި އެތައް އެތައް ކުލަބެއް ދަރަނީގެ ދަންތުރައިގައި ޖެހި ހަފުސްވެދާނެ އެވެ. އެހެން ވީމާ އޮތްހާވެސް ގޮތަކީ ކުލަބުތަކުން ސަރުކާރާއި އެފްއޭއެމްއަށް ބަރޯސާވުން ކުޑަކޮށް އަމިއްލަ ފައިމައްޗަށް ތެދުވަސް އަމާޒު ހިފުމެވެ. ނިއު އާއި ވިކުޓްރީގެ ދިރިހުރި މިސާލުން ނަގަން ޖެހޭ އިބުރަތަކީ މިއީ އެވެ.