އޭސީ މިލާންގެ ގާނާ މިޑްފީލްޑަރު ކެވިން ޕްރިންސް ބޯޓެންގް އަށް ލިބުނު އަނިޔާއަކާއި ގުޅިގެން ހަތަރު ހަފްތާ ކުޅުމާއި ދުރުގައި ހުންނަން ޖެހިއްޖެ އެވެ.

އުމުރުން 24 އަހަރުގެ ބޯޓެންގަށް މި އަނިޔާ ކުރިމަތިވީ ވާދަވެރި އިންޓަމިލާން އާއި އެކު އޭސީ މިލާން ކުޅެ 1-0 ލަނޑުން ބަލިވި މެޗުގަ އެވެ. ބޯޓެންގް ވަނީ މިސީޒަނުގައި މިލާނަށް ހަ ލަނޑު ކާމިޔާބު ކޮށްދީ މޮޅު ކުޅުމެއް ދައްކާފަ އެވެ.

"ބޯޓެންގް އަށް ލިބިފައިވާ އަނިޔާ އެހޭ ސީރިއަސް އެއް ނޫން. އެހެން ނަމަވެސް އޭނާ އަށް ހަތަރު ހަފްތާ ކުޅުމާއި ދުރުގައި ހުންނަން ޖެހޭނެ. ކުލަބުން އެދެނީ ވީހާވެސް އަވަހަކަށް ބޯޓެންގް އަނިޔާ ރަނގަޅުވުމަށް." މިލާނުގެ ރަސްމީ ވެބްސައިޓުގައިވާ ބަޔާނެއް ވެއެވެ.

ބޯޓެންގް އަށް ހަތަރު ހަފްތާގެ އަނިޔާއެއް ގައި ހުންނަން ޖެހިއްޖެ ނަމަ، މިލާނު ކުޅޭ 8 މެޗު ގެއްލޭނެ އެވެ. އޭގެ ތެރޭގައި ޗެމްޕިއަންސް ލީގުގައި ފެބްރުއަރީ ފަނަރަ ވަނަ ދުވަހު އާސެނަލް އާއި ދެކޮޅަށް މިލާނު ކުޅޭ މެޗު ހިމެނެއެވެ.