28 Oct 2020, 15:36
މިދިޔަ އާދީއްތަ ދުވަހުގެ ހެނދުނު ބޭންކް އޮފް ސިލޯނަށް ޖަމާކުރަން ދިޔަ ފަސް މިލިއަން ރުފިޔާ ފޭރެން އުޅުނު މައްސަލައިގެ ތުހުމަތުގައި އިތުރު މީހަކު ހައްޔަރުކޮށްފި އެވެ.
އެ މައްސަލައިގައި ރޭވެސް ވަނީ 20 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފަ އެވެ.
ފުލުހުން ބުނީ މިއަދު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ 21 އަހަރުގެ ފިރިހެނެއް ކަމަށެެވެ.
އެ ފޭރުން ނާކާމިޔާބު ކޮށްލާފައި ވަނީ، ބޭންކް އޮފް ސިލޯނުގެ ސެކިއުރިޓީ ގާޑާއި، އަދި ފައިސާ ހިފައިގެން އައި މީހުންގެ އަވަސް މަސައްކަތުންނެވެ.
އެ މައްސަލައާ ގުޅޭ މާގިނަ މައުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.
"ސަން"އަށް އެނގިފައިވާ ގޮތުގައި ފޭރެން މަސައްކަތް ކުރީ ދުންފަތާއި އޭގެ ބާވަތްތަކުގެ ވިޔަފާރި ކުރާ ރޫޓް ކުންފުނީގެ ފައިސާތަކެކެވެ. ސިނގިރޭޓް ބަންދުކުރާ ބޮޑު ފޮށްޓަކަށް އަޅާފައި ހުރި އެ ފައިސާތަކުގެ އަދަދު ފަސް މިލިއަނަށް އަރާނެ ކަމަށް މައުލޫމާތު އެނގޭ މީހަކު ބުނެފައިވެ އެވެ.
ފޭރެން މަސައްކަތް ކުރާ މަންޒަރު ފެންނަ ވީޑިއޯ އާންމުވެފައި ވާއިރު، އެ ވީޑިއޯއިން ފެންނަ ގޮތުގައި ފައިސާ ފޮށި ގެނައީ ކުޑަ ވޭނަކަށް އަރުވެގެންނެވެ. އަދި ވޭން ކައިރި ކުރުމާއެކު ދެ ސައިކަލެއްގައި އައި ބަޔަކު ވޭނުގައި އައި މީހުންނަށް ހަމަލާ ދީ، ފައިސާ ފޮށިގަނޑު ފޭރެން މަސައްކަތް ކުރެއެވެ. ބައެއް މީހުން ތިބީ ހެލްމެޓްވެސް އަޅައިގެންނެވެ.
ފައިސާ ފޮށި ނެގީ ވޭން ތެރޭ އިން އަންހެން މީހަކު އެ ވޭނުން ނެރުމަށްފަހު އެވެ. ފޮށިގަނޑު ނަގައިގެން ގެންދަން އުޅެނިކޮށް، ބޭންކް އޮފް ސިލޯން އިމާރާތުން ނުކުތް ސެކިއުރިޓީ ގާޑު، ފޭރޭ މީހުންގެ އަތުން ފޮށިގަނޑު އަތުލައި އޭގައި ބައްދައިގަނެއެވެ. އަދި ރޫޓު ކުންފުނީގެ ޓީޝާޓެއް ލައިގެން ހުރި އެ ކުންފުނީގެ މުވައްޒަފެއްވެސް ފައިސާ ފޮށިގަނޑު ރައްކާތެރިކުރަން މަސައްކަތްކުރާ މަންޒަރުވެސް ފެނެ އެވެ.
އެއާއެކު އެ މަގުން ސައިކަލެއްގައި ދިޔަ ބިދޭސީއަކަށް އެ މަންޒަރު ފެނި، އެ ފޭރެން އައި މީހުން ފަހައި ދުއްވައިގަނެ އެވެ.