19 Jan 2012, 17:36
މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ރާއްޖޭގެ ކުރިކެޓް ބޯޑުން ގައުމީ ޓީމަށް ތައާރަފްކުރި ބޯނަސް ސްކީމްގެ ދަށުން ފުރަތަމަ ފަހަރަށް ކުޅުންތެރިންނަށް ބޯނަސް ހަވާލުކޮށްފި އެވެ.
ރޭ ރޯޔަލް ޕާކްގައި ބޭއްވި ހަފްލާގައި ކުޅުންތެރިންނަށް ބޯނަސް ހަވާލުކޮށްދެވީ ކުރިކެޓް ބޯޑުގެ އެސްކޯ މެންބަރު އަހުމަދު ކަލީމެވެ.
މިބޯނަސް ސްކީމަކީ ކުޅުންތެރިންނަށް ހިތްވަރުދިނުމަށާއި ކުރިކެޓްގެ ބައިނަލް އަގްވާމީ މުބާރާތްތަކުގައި މޮޅުކުޅުމެއް ދައްކާ ކުޅުންތެރިންނަށް ފައިސާގެ ބޯނަހެއް ދިނުމުގެ ގޮތުން ކުރިކެޓް ބޯޑުން ފެށި ސްކީމެކެވެ. އަދި މިސްކީމްގެ ދަށުން މުޅި ޓީމް ހޯދާ ކާމިޔާބީ ތަކަށާއި، ވަކިވަކި ކުޅުންތެރިން ހޯދާ ކާމިޔާބީތަކަށް ވެސް ފައިސާގެ ބޯނަސް ދިނުމަށް ހަމަޖެހިފައިވާކަމަށް ކުރިކެޓް ބޯޑުން މައުލޫމާތު ދެއެވެ.
ކްރިކެޓް ބޯޑުގެ ޖެނެރަލް ސެކްރެޓަރީ މުހައްމަދު ފައިސަލް ވިދާޅުވީ، މިފަހަރުގެ ބޯނަސް ދިނީ އޭސީސީ ޓީ ޓުވެންވެންޓީ ކްރިކެޓް މުބާރާތުގައި ގައުމީ ޓީމް ހޯދިކާމިޔާބީއަށް ކަމަށެވެ. އަދި މުބާރާތުން އެއް މެޗުން މޮޅުވި ނަމަވެސް ކެޕްޓަން މޫސާ ކަލީމް ވަނީ އެއް މެޗްގައި 50 ލަނޑު ހަމަކޮށް އަދި މުޅި މުބާރާތުގެ އެންމެ ގިނަ ލަނޑު ހަދާފައި ކަމަށް ފައިސަލް ވިދާޅުވިއެވެ.
ރޭގެ ހަފްލާގައި ކުރިކެޓް ބޯޑާ، މެންބަރު ކުލަބް ތަކުގެ މެދުގައި ކުލަބް އެސިސްޓަންސް އެގްރީމަންޓާއި މުބާރާތްތަކުގައި ބައިވެރިވުމުގެ އެސްބަސްވުމެއްގައި ސޮއި ކުރިން ވަނީ ކުރިއަށް ގެންގޮސްފައެވެ. މި އެއްބަސްވުންތަކުގައި ކުރިކެޓް ބޯޑުގެ ފަރާތުން ސޮއި ކުރެއްވީ ޖެނެރަލް ސެކްރެޓަރީ މުހައްމަދު ފައިސަލެވެ. އެއްބަސް ވުމުގެ ދަށުން ކަނަޑައެޅިފައިވާ ކަންތައްތަކެއް ފުރިހަމަކުރުމުން ކޮންމެ ކުލަބަކަށް ގިނަވެގެން 10000 ރުފިޔާގެ އެހީއެއް ކޮންމެ އަހަރަކު ދިނުމަށް ވަނީ ނިންމާފައެވެ.
މީގެ އިތުރުން ރޭގެ ހަފްލާގައި މާދަމާ ފެށުމަށް ހަމަޖެހިފައިވާ ލިމިޓެޑް އޯވާ ކުރިކެޓް މުބާރާތުގެ ގުރުއަތުލުން ވެސް ކުރިއަށް ގެނދިޔައެވެ. މުބާރާތުގައި ހަތަރު ޓީމް ބައިވެރިވާއިރު، އެޓީމް ތަކަކީ މާލޭ ސްޕޯޓްސްއާ، އޮފު އެފްސީ އާއި ވެސްޓް ސްޕޯޓްސް އަދި ބީޖީއެވެ.