ލިވަޕޫލުން ޗެމްޕިއަންސް ލީގުގައި މިޖީލޭންޑާ ދެކޮޅަށް ކުޅުނު މެޗުން 1-2 އިން އެ ޓީމު މޮޅުވި ނަމަވެސް، އެ ޓީމުގެ ސެންޓަރ ޑިފެންޑަރުގެ ރޯލު އަދާކުރަމުން ދިޔަ ފަބީނިއޯއަށް އަނިޔާވެ، ޑިފެންޑަރުންގެ ދަތިކަން އެކުލަބަށް ކުރިމަތިވެއްޖެ އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި އެވަޓަންއާ ދެކޮޅަށް ލިވަޕޫލް ކުޅުނު މެޗުގައި އެ ޓީމުގެ ޑިފެންސްގެ މައި "ތަނބު" ވާޖިލް ވެންޑައިކަށް ވަނީ އަނިޔާވެފަ އެވެ. އޭނާ ބެލި ޑޮކްޓަރުންނާ ހަވާލާދީ ކުލަބުން ބުނީ ވެންޑައިކްގެ ލިގަމެންޑް ހަލާކުވެ ސާޖަރީއަކަށް ދާންޖެހޭނެ ކަމަށެވެ. އެހެން ކަމުން ސީޒަނުގެ ބާކީ އޮތްބައިގައި ވެންޑައިކަށް ނުކުޅެވޭނެ އެވެ.

ވޭތުވެ ދިޔަ ތިން ސީޒަނުގައި ވެސް ލިވަޕޫލުގެ ޑިފެންސް ނުހަނު ރަނގަޅު ފޯމެއްގައި ބޭއްވުމަށް މުހިއްމު ދައުރެއް އަދާކުރި ވެންޑައިކްގެ އަނިޔާއާ އެކު އެ ކުލަބުން ދެން އެ މަގާމު ފުރިހަމަ ކުރުމަށް ބޭނުންކުރަން ހުރި ޖޮއެލް މެޓިޕް ވެސް އަނިޔާވެފައިވާ އިރު، ރޭގެ މެޗުގައި ފަބީނިއޯ ވެސް ވަނީ އިންޖަރީ ވެފަ އެވެ. މުހިއްމު ތިން ޑިފެންޑަރުންގެ އަނިޔާއާ އެކު ލިވަޕޫލުގެ ކޯޗު ޔާގެން ކްލޮޕްގެ ބޮލުގެ ރިހުން އިތުރަށް ބޮޑުވި އިރު، މިވަގުތު ސެންޓަރ ޑިފެންސްގެ ރޯލް އަދާކުރަން ހުރި ހަމައެކަނި ސީނިއާ ކުޅުންތެރިއަކީ ޖޯ ގޮމެޒް އެވެ.

"މިއީ އަހަރަމެން އެއްވެސް ހާލަތެއްގައި ވާން އުންމީދު ކުރި ކަމެއް ނޫން،" ލިވަޕޫލުގް އަނިޔާތައް އިތުރުވުމާ އެކު ޓީމަށް ކުރިމަތިވި ބަލިކަށިކަމުގެ ވާހަކަ ދައްކަމުން ކޯޗު ޔާގެން ކްލޮޕް ބުންޏެވެ.

"ފަބީނިއޯގެ އަނިޔާ މިހާރު އިތުރަށް ޑޮކްޓަރުން ބަލަމުން ދަނީ، ބޮޑަށް ހީވަނީ ހެމްސްޓްރިންގް މައްސަލައެއްހެން. އެހެން ވިޔަސް އެއީ މިވަގުތަށް ވަރަށް ގޯސް އަނިޔާއެއް،" ކްލޮޕް ބުންޏެވެ.

ރޭގެ މެޗުގައި ފަބީނިއޯގެ ބަދަލުގައި ކުޅެން ނުކުތީ ޒުވާން ޑިފެންޑަރު ރީސް ވިލިއަމްސްއެވެ.

ކްލޮޕް ބުނީ، ކައިރި ކައިރީގައި މެޗުތައް ކުޅެން އޮތް އިރު، މިހާރު ތިބި ކުޅުންތެރިންގެ ބޭނުން ހިފަން ޖެހޭނީ ވަރަށް ބަލައިގެން ކަމަށެވެ. އެހެން ކަމުން ރޭގެ މެޗުގެ ފުރަތަމަ ހާފު ނިމުމާ އެކު ކެޕްޓަން ޖޯޑަން ހެންޑަސަން ވެސް ބަދަލު ކުރީ ކަމަށާއި، ކުރިއަށް އޮތް މެޗުތަކަށް ވެސް ވިސްނަން ޖެހޭ ކަމަށެވެ.