19 Jan 2012, 17:29
ޖޭއެސްސީން ފަނޑިޔާރުންނާ ގުޅޭގޮތުން ފިޔަވަޅު އަޅަން ނިންމުމުން އޭގެ މައްޗަށް ފަނޑިޔާރުން ބަސް ވިދާޅުވާނަމަ ޤާނޫނު އަސާސީ ހިންގުން އޮންނާނީ ހުއްޓިފައި ކަމަށް ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ، އދ. މަހިބަދޫގެ ނަރުދަމާގެ ނިޒާމް އިފްތިތާޙްކޮށްދެއްވުމަށް މިއަދު މެންދުރުފަހު އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި، ރާއްޖޭގެ ސިޔާސީ މަސްރަހުގެ މައްޗަށް ބައްލަވާލައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސްގެ ވާހަކަފުޅުގައި، ވިދާޅުވީ ކަންކަން ހަމަ މަގަށް އަޅުވަން ކުރަންޖެހޭ ކަމެއް، ޖެހިލުންވެވަޑައިގަތުމެއްނެތި ކުރައްވާނެ ކަމަށާއި ވެރިކަން ހިންގުމުގައި ކިތަންމެ ހުރަހެއް ކުރިމަތިވެވަޑައިގަންނަވާ ކަމަށެވެ. ހުރަސްތައް ކުރިމަތިވެވަޑައިގެންނެވި ނަމަވެސް، ސަލާމަތުގެ އައްސޭރިއަށް ރާއްޖެ ގެންގޮސްދެއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި، ބައެއް ފަނޑިޔާރުންނާ ގުޅޭގޮތުން ޖޭއެސްސީއަށް ރައީސް އޮފީހުން އޮފީހުން އެކިފަހަރު، އެކިއެކި ޝަކުވާތައް ހުށަހަޅާފައިވާނެ ކަމަށާއި އެތައް ޒަމާނަކަށްފަހު، އެ ކޮމިޝަނުން ފަނޑިޔާރުންނާ ގުޅޭގޮތުން ފިޔަވަޅު އަޅަން ނިންމުމުން އޭގެ މައްޗަށް ފަނޑިޔާރުން ބަސް ވިދާޅުވުމުން އޮންނާނީ ޤާނޫނުއަސާސީގެ ހިންގުން ހުއްޓިފައި ކަމަށެވެ.
"އެހެންވީމާ، އެހިސާބުން އަލުން އަނބުރާ ޗާޓަށް އައުމާ ގުޅޭގޮތުން ވިސްނަންޖެހޭ. ކުރިއަށް ދެވެން އޮތް މަގު ދެނެގަންނަންޖެހ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ޤާނޫނުއަސާސީގައި ރައީސުލްޖުމްހޫރިއްޔާގެ ވާޖިބު ވަރަށް ޞަރީޙަކޮށް ބަޔާންކޮށްފައި އެބައޮތް ކަމަށާއި، ޤާނޫނު އަސާސީގެ ބެލެނިވެރިއަކީ ދައުލަތުގެ އެންމެމަތީ ވެރިޔާ ކަމަށެވެ. އަދި ވިދާޅުވީ ޤާނޫނު އަސާސީގެ ބެލެނިވެރިންނަކީ، ރާއްޖޭގެ ރައްޔިތުން ކަމަށާއި ޤާނޫނުއަސާސީ ޙިމާޔަތް ކުރެއްވުމަށް އެމަނިކުފާނު އަބަދުވެސް މަސައްކަތްޕުޅު ކުރައްވަންޖެހޭ ކަމަށެވެ.
"އެހެން ބޭފުޅެއްގެ އަތްމައްޗަށް އެކަން ދޫކޮށްލެވޭކަށް ނެތް،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ޤާނޫނު އަސާސީން ވެސް އެމަސައްކަތް، އެހެން ފަރާތަކާ ޙަވާލުކޮށްފައިނުވާ ކަމަށާއި، އެހެންކަމުން، ރާއްޖޭގެ ޝަރުޢީ ނިޒާމު ރަނގަޅު ގޮތުގައި ހިނގާގޮތަށް ބޭއްވުމަށްޓަކައި، އެވަގުތަކު ކުރައްވަން ޖެހުނު ކަމެއް ކުރެއްވުމަކީ، އެމަނިކުފާނުގެ ވާޖިބު މަޖުބޫރު ކަމެއް ކަމަށެވެ.