ސާކްގެ ސެކެޓްރީ ޖެނެރަލް ކަމުގެ މަގާމުން އިސްތިއުފާ ދެއްވަން ފާތުމަތު ދިޔާނާ ސައީދު ނިންމަވައިފި އެވެ.

ދިޔާނާގެ މިގޮތަށް ނިންމެވީ ގާނޫނާ ހިލާފަށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދާއި ގައުމީ ޕާޓީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ހައްޔަރުކޮށް، ކޯޓުތަކުގެ ހުރުމަތް ކަނޑަމުން ގެންދާ މައްސަލައާ ގުޅިގެން އިއްޔެ އެކަމަނާއާ ބައެއް ގާނޫނީ ވަކީލުންތަކެއް ބޭއްވި ޕްރެސް ކޮންފަރެންސަކާ ގުޅިގެން، ސާކްގެ ޗާޓަރާ ދިޔާނާ ހިލާފުވެވަޑައިގެންފައިވާ ކަމަށް ރައީސް އޮފީހުގެ ޕްރެސް ސެކެޓްރީ މުހައްމަދު ޒުހެއިރު މީޑިއާގައި ވިދާޅުވުމާ ގުޅިގެންނެވެ.

ދިޔާނާ މިއަދު ވިދާޅުވީ މިހާރު ކަންތައްތައް ގޮސްފައިވާ ހިސާބަށް ބަލާއިރު އިތުރަށް މަގާމުގައި ގަދަކަމުން ދެމިހުރުމަކީ އެންމެ ރަނގަޅު ގޮތް ކަމުގައި ދެކެވަޑައިނުގަންނަވާ ކަމަށެވެ.

" ދިޔާނާ ސާކްއާ ހިލާފުވެއްޖެއޭ. ދިޔާނާ އެޕޮއިންޓް ކުރި ފަރާތްތައް ވަފާތެރިއެއް ނުވިޔޭ. ދިޔާނާ އިދިކޮޅު ފަރާތްތަކާ އެއްކޮށޭ ފެނުނީ. މިގޮތަށް ޕްރެސް ސެކެޓްރީ ނުކުންނަވާ ވިދާޅުވުމުން މިކަހަލަ މާހައުލެއްގައި އެކުގައި މަސައްކަތް ކުރުމަށް ދަތިވާނެ،" ދިޔާނާ ވިދާޅުވި އެވެ.

އިސްތިއުފާ ދެއްވަން ނިންމެވީ ސަރުކާރުން ފިއްތުންތަކެއް ކުރިމަތިކުރައްވައިގެންތޯ ސަންއޮންލައިނުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ދިޔާނާ ވިދާޅުވީ ސަރުކާރުން ސީދާ އެކަމަނާއަށް ގުޅާފައި އިސްތިއުފާ ދެއްވުމަށް އެދިފައިނުވާ ކަމަށެވެ.

މިސަރުކާރުގެ ފުރަތަމަ ބަންޑާރަ ނައިބުކަން ވެސް ކުރައްވާފައިވާ ދިޔާނާ ވިދާޅުވީ ރާއްޖޭގައި މިހާރު ދިމާވެގެން އުޅޭ މައްސަލަތައް އޭނާ ދެކެވަޑައިގަތީ ސިޔާސީ ކުލަވަރަކުން ނޫން ކަމަށާއި އޭނާ އެމައްސަލަ ދެކެވަޑައިގަތީ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ކަމަށެވެ. އަދި ވިދާޅުވީ އެކަމަނާގެ ސާކްގެ ސެކެޓްރީ ޖެނެރަލް ކަމުގެ މަގާމުން އިސްތިއުފާ ދިނުމަށް ސަރުކާރުން ޕްރެޝަކޮށްފާނެކަން ކުރިން ވެސް ވިސްނިވަޑައިގެންނެވި ކަމަށާއި ނަމަވެސް ހައްގަށް ބަސް ވިދާޅުވީ އެގޮތް ވެސް ވަރިހަމަވެގެން ކަމަށެވެ.

" މަގާމުން އިސްތިއުފާދިނުމުގެ ޕްރެޝަރު އަތުވެދާނެ ކަމުގެ ހިޔާލު ވެސް ހުރި. ނަމަވެސް ހައްގާއި ބާތިލް އޮޅިގެންދާއިރު ހައްގަށް ބަސް ނުބުނެވޭ މަގާމެއްގައި ހުރުން އެއީ އަޅުގަނޑު އެއްވެސް އިރެއްގައި ގަބޫލްކުރާ ކަމެއް ނޫން،" ދިޔާނާ ވިދާޅުވި އެވެ.

ދިޔާނާ ވިދާޅުވީ ސާކްގެ ސެކެޓްރީ ޖެނެރަލް ކަމުގެ މަގާމުން ވަކިވެވަޑައިގެންނެވުމަށް ނިންމެވި ނިންމެވުމަށް ބަދަލެއް ނާންނާނެ ކަމަށާއި ވަރަށް އަވަހަށް އިސްތިއުފާގެ ސިޓީ ހުށަހަޅުއްވާނެ ކަމަށެވެ.

ލިޔުމާ ގުޅޭ އޯޑިއޯ