ދުނިޔޭގެ 100 މީޓަރުގެ ޗެމްޕިއަން ކްރިސްޓިއަން ކޯލްމަން، މިދިޔަ އަހަރުގެ ތެރޭގައި ތިން ޑްރަގް ޓެސްޓެއް ނުނަގާ ހުރިކަން ފަޅާ އެރުމުން ދެ އަހަރު ދުވަސް ވަންދެން އެތުލެޓިކްސްގެ ހަރަކާތްތަކުން ބާކީ ކޮށްފި އެވެ.

ކޯލްމަން، 24 ސަސްޕެންޑް ކުރަން ނިންމާފައިވާކަން އެތުލެޓިކްސް އިންޓެގްރިޓީ ޔުނިޓުން އިއުލާން ކުރީ މިދިޔަ އަހަރުގެ ތެރޭގައި ތިން ފަހަރެއްގެ މަތިން ޑްރަގް ޓެސްޓް ނަގާފައިވާ ނުވާ މައްސަލައިގަ އެވެ. ފަހަކަށް އައިސް އެތުލީޓުން މަނާ ބޭސް ބޭނުން ކުރުމުގެ މައްސަލަ ބޮޑުވެފައިވާ އިރު ޕްރޮފެޝަނަލް އެތުލީޓުން ގަވާއިދުން ޑްރަގް ޓެސްޓް ނަގަން ޖެހޭނެ އެވެ.

އަދި އެކަމަށް މަކަރު ހަދާ އެތުލީޓުންނާއި، އެސޯސިއޭޝަންތަކަށް ހަރުކަށި އަދަބު ދޭން ފަށާފައިވާ އިރު ކޯލްމަން މިދިޔަ އަހަރުގެ ތެރޭގައި ތިން ފަހަރެއްގެ މަތިން ޓެސްޓް ނުނަގާކަން ވަނީ ހާމަވެފަ އެވެ. އަދި މި މައްސަލައިގައި އޭނާ ދެ އަހަރަށް ސަސްޕެންޑް ކުރަން އެތުލެޓިކްސް އިންޓެގްރިޓީ ޔުނިޓުން ނިންމާފައިވާ ކަމަށް މީޑިއާ ރިޕޯޓްތަކުން ވަނީ ބުނެފަ އެވެ.

ރިޕޯޓްތަކުން ބުނާ ގޮތުގައި ކޯލްމަން މިދިޔަ އަހަރުގެ ފުރަތަމަ މަހާއި، އޭޕްރީލް އަދި ޑިސެމްބަރު މަހުގެ ޓެސްޓް ނަގާފައެއް ނުވެ އެވެ. އެކަމާ ވިދިގެން އޭނާއަށް އަދަބު ދޭން ކުޅިވަރާ ބެހޭ އެންމެ މަތީ ކޯޓުން ވެސް ނިންމާފައިވާ އިރު އަންނަ އަހަރު އޮންނަ ޓޯކްޔޯ އޮލިމްޕިކުގައި ވެސް އޭނާއަށް ބައިވެރި ނުވެވޭނެ އެވެ.

މި މައްސަލައިގައި ކޯލްމަން ވަނީ އޭނަގެ ދިފާއުގައި ވާހަކަތަކެއް ދައްކާފަ އެވެ. ކޯލްމަން ބުނީ ޑްރަގް ޓެސްޓް ހެދުމަށް އޭނާގެ ގެޔަށް ކަމާ ބެހޭ އިދާރާއިން އައިސްފައިވަނީ އެއްވެސް ނޯޓިސްއެއް ނުދީ ކަމަށާއި، އެ އިދާރާއިން ކޯލްމަންގެ ގެޔަށް ޒިޔާރަތް ކުރި ވަގުތު އޭނާ އުޅުނީ ގެއިން ބޭރުގައި ކަމަށެވެ. އެހެން ކަމުން ޓެސްޓް ނުހެދުނީ ކަމަށާއި އޭނާއަށް އެ ފަރާތްތަކުން ޓެސްޓް ނަގަން އަންނާނެ ދުވަހެއް ކަނޑައެޅިގެން ނޭނގުނީ ކަމަށް ކޯލްމަން ބުންޏެވެ.

އެތުލެޓިކްސް އިންޓެގްރިޓީ ޔުނިޓުގެ ގަވާއިދުގައިވާ ގޮތުން އަހަރެެއްގެ މައްޗަށް ތިން ފަހަރެއް ވުރެން ގިނައި ޓެސްޓް ނުކޮށްފި ނަމަ އެއީ އަދަބު ދެވޭނެ ކުށެކެވެ. ކޯލްމަންގެ ވާހަކަތަކުގެ ސަބަބުން އެކަން އިތުރަށް ތަހުގީގު ކުރަން ފެށީ މިދިޔަ ޖުލައި މަހު އެވެ. ނަމަވެސް ތަހުގީގުތަކަށްފަހު ކޯލްމަން ކުށްވެރިވާކަމަށް ތުލެޓިކްސް އިންޓެގްރިޓީ ޔުނިޓުން ވަނީ ނިންމައިފަ އެވެ.

އެކަމަކު ކޯލްމަން ބޭނުންވާ ނަމަ އަދިވެސް މި މައްސަލަ އިސްތިއުނާފަށް ހުށައެޅުމުގެ ފުރުސަތު އޮންނާނެ އެވެ. ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި އިސްތިއުނާފަށް ހުށައަޅައިގެން މައްސަލަ އިތުރަށް ތަހުގީގު ކުރުމުގެ ފުރުސަތު ކޯލްމަންއަށް އޮތް އިރު، މައްސަލަ ބަލަމުންދާ ދުވަސްވަރަކު ވެސް އެތުލެޓިކްސް ހަރަކާތެއްގައި އޭނާއަށް ބައިވެރި ނުވެވޭނެ އެވެ.

ކޯލްމަންގެ މައްޗަށް ޑްރަގް ޓެސްޓަށް މަކަރު ހެދި ކަމުގެ ތުހުމަތު ކުރެވިފައިވާ އިރު އޭނާ ވަނީ މިދިޔަ އަހަރުގެ 100 މީޓަރު ދުވުމުން ދުނިޔޭގެ އެއްވަނަ ހޯދައިފަ އެވެ. ކޯލްމަންގެ ޕާސޮނަލް 100 މީޓަރުގެ ރެކޯޑަކީ 9.76 ސިކުންތެެވެ.