ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ރޭ ފަހަތުން އަރައި ބްރޮޝިއާ މޮންޗެންގްލަބަޗް އަތުން ރެއާލް މެޑްރިޑް ޕޮއިންޓެއް ހޯދައިފި އެވެ.

ބްރޮޝިއާ ޕާކުގައި ރޭ ކުޅުނު އެ މެޗު ނިމުނީ 2-2 ގެ ނަތީޖާއަކުން މެޗު އެއްވަރުވެގެންނެވެ. އެ މެޗުން ލިބުނު ޕޮއިންޓާ އެކު ރެއާލް މިފަހަރުގެ ޗެމްޕިއަންސް ލީގުގައި ފުރަތަމަ ޕޮއިންޓް ހޯދި އިރު، އެ ގްރޫޕުގައި ދެން އޮތް އިންޓަ މިލާނާއި، ޝަކްތަރު ޑޮނެސްކް ރޭ ކުޅުނު މެޗު ވަނީ 0-0 އިން އެއްވަރުވެފަ އެވެ.

ރޭގެ މެޗުތަކާ އެކު ގްރޫޕް ތާވަލު "ބ" ގެ އެއްވަނައިގައި ހަތަރު ޕޮއިންޓާ އެކު އޮތީ ޝަކްތަރެވެ. ދެވަނައިގައި ބުރޮޝިއާ އޮތް އިރު، އިންޓަ މިލާން ދެ ޕޮއިންޓާ އެކު އޮތީ ތިންވަނައިގަ އެވެ. އެއް ޕޮއިންޓާ އެކު ރެއާލް މިވަގުތު އޮތީ ތާވަލުގެ ފުލުގަ އެވެ.

އާދީއްތަ ދުވަހު ކުޅުނު އެލްކުލެސިކޯ 1-3 އިން ކާމިޔާބުކުރުމަށްފަހު ރެއާލުން ބޮޑު އުންމީދަކާ އެކު ރޭގެ މެޗަށް ނުކުން ނަމަވެސް އެ މެޗުގައި މޮޅަށް ކުޅެފައި ވަނީ އިދިކޮޅު ބްރޮޝިއާ މޮންޗެންގްލަބަޗް އެވެ.

މެޗު ފަށައިގެން 33 ވަނަ މިނަޓުގައި ބުރޮޝިއާ މޮންޗެންގްލަބަޗްއިން ވަނީ ލީޑު ނަގައިފަ އެވެ. ފްރާންސްގެ ލެޖެންޑަރީ ކުޅުންތެރިއާ ލިލިއަން ތުރަމްގެ ދަރިފުޅު ވިލިއަމް ތުރަމް ޖަހައިދިން އެ ގޯލާ އެކު ރެއާލަށް މެޗު އުނދަގޫވެގެން ދިޔައިރު، ވިލިއަމް ވަނީ ދެވަނަ ހާފުގައި ވެސް އިތުރު ގޯލެއް ޖަހައި ލީޑު އިތުރަށް ފުޅާ ކޮށްފަ އެވެ.

އެކަމަކު މެޗު ނިމެންދަނިކޮށް ރެއާލުން ވަނީ މަތި މައްޗަށް ދެ ގޯލު ޖަހައި ބަލިނުވެ ސަލާމަތް ވެފަ އެވެ. އެގޮތުން 87 ވަނަ މިނަޓުގައި ކަރިމް ބެންޒީމާ ގޯލެއް ޖެހި އިރު ދެވަނަ ގޯލަކީ އިތުރު ވަގުތުގެ ފަހު މިނަޓުގައި ކަސެމީރޯ ޖެހި ގޯލެކެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ރެއާލްގެ ކޯޗު ޒައިނުއްދީން ޒިދާން ބުނީ، މެޗުގައި ޖުމުލަކޮށް ރެއާލް މެޑްރިޑުން ދެއްކި ކުޅުން ރަނގަޅު ކަމަށެވެ. އެހެން ނަމަވެސް ގޯލުތައް ވަނީ ހެދުނު ބޮޑެތި މިސްޓޭކްތަކުން ކަމަށާއި، އެކަމުން އަރައިގަތުމަށް ޓީމުން ދެއްކި ހިތްވަރު ރަނގަޅު ކަމަށެވެ.

ރޭގެ މެޗުގައި ގިނަ ދުވަސްތަކެއް ވަންދަން އަނިޔާގައި ހުރުމަށްފަހު އެނބުރި އައިސް އެޑެން ހަޒާޑް ވަނީ މެޗުގެ ފަހު ހާފުގެ ބޮޑުބައި ކުޅެފަ އެވެ.