މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނަށް ރާއްޖޭގެ ބްރޯޑްކާސްޓަރުންގެ ކަންތައްތައް ނުބެލެހެއްޓޭ ކަމަށް ތުހުމަތުކޮށް، ބްރޯޑްކާސްޓަރުންގެ ފްރެކްއެންސީ ހިފަހައްޓަންޖެހިދާނެ ކަމަށް ބުނެ ސަރުކާރުން އިންޒާރުދިން މައްސަލަ ކުށްވެރިކޮށް، އެ މައްސަލަ ނޫސްވެރިކަމާ ބެހޭ ބައިނަލް އަގުވާމީ ޖަމާއަތްތަކުގެ ސަމާލުކަމަށް ގެންނާނެ ކަމަށް ކޮމިޝަނުން ބުނެފި އެވެ.

ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސާއި ނައިބު ރައީސް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަނަށް ގެންދަވައި، މިނިސްޓަރު އާދިލު ސަލީމު މިއަދު ދެއްވި އިންޒާރާ ގުޅިގެން ކޮމިޝަންގެ އިދާރާގައި މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ކޮމިޝަންގެ ރައީސް ބަދުރު ނަސީރު ވިދާޅުވީ ފްރެކްއެންސީ ހިފަހައްޓަން އަންގަވަން ޖެހިދާނެ ކަމަށް މިނިސްޓަރު އާދިލު ވިދާޅުވި ވިދާޅުވުމަކީ މުޅި ބްރޯޑްކާސްޓް މީޑިއާއަށް ސަރުކާރުން ދިން އިންޒާރެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށާއި އެކަން ވަރަށް އަވަހަށް ބައިނަލް އަގުވާމީ ނޫސްވެރިކަމުގެ ޖަމާއަތްތަކުގެ ސަމާލުކަމަށް ގެންދާނެ ކަމަށެވެ.

ބްރޯޑްކާސްޓް ކޮމިޝަންގެ ރައީސް ބަދުރު ނަސީރާއި ނައިބު ރައީސް މުހައްމަދު ޝަހީބު ކުއްލި ގޮތަކަށް މިނިސްޓްރީއަށް ގެންދަވައި، މިނިސްޓަރު އާދިލު ދެއްކެވި ވާހަކަފުޅާ ގުޅިގެން ކޮމިޝަނުން މިއަދު ނެރުއްވި ބަޔާން ވިދާޅުވެ ދެއްވުމަށް ފަހު ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ބަދުރު ވިދާޅުވީ މިނިސްޓަރު ބައްދަލުކުރެއްވީ އެފަދަ ވާހަކައެއް ދައްކަވަން ކަމަށް އެއްގޮތަކަށް ވެސް ހީފުޅު ނުކުރައްވާ ކަމަށެވެ. އެހެން ނަމަވެސް އެވާހަކަފުޅާ އެވަގުތު ވެސް ދެކޮޅު ހެއްދެވި ކަމަށް ބަދުރު ވިދާޅުވި އެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނަނީ އެ ކޮމިޝަނަކީ ގާނޫނަކުން އުފައްދައި ، ކޮމިޝަނުގެ މަސްއޫލިއްޔަތުތަކާއި ބާރުތައް އެ ގާނޫނުން ހަވާލުކޮށް، ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާންޖެހޭ މުސްތަގިއްލު މުއައްސަސާއެއް ކަމަށާއި ކޮމިޝަނުން މަސްއޫލިއްޔަތު އަދާކުރަންވީ ގޮތް މިނިސްޓަރު ވިދާޅުވުމަކީ ކޮމިޝަންގެ މައްޗަށް ނުފޫޒުފޯރުވުމަށް ސަރުކާރުން މަސައްކަތް ކުރުން ކަމަށެވެ.

" މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނަކީ ގާނޫނަކުން އުފައްދަވައި، ކޮމިޝަންގެ މަސްއޫލިއްޔަތު ތަކާއި ބާރުތައް އެ ގާނޫނުނުން ހަވާލުކޮށް، ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާންޖެހޭ މުސްތަގިއްލު މުއައްސަސާއަކަށް ވީހިނދު، މިކޮމިޝަންގެ މަސްއޫލިއްޔަތު އަދާ ނުކުރެވޭ ކަމަށް ދޭހަވާ ފަދަ އިބާރާތުން މިނިސްޓަރު ވާހަކަފުޅުދައްކަވައި، މިކޮމިޝަނުން މަސްއޫލިއްޔަތު އަދާކުރަންވީ ގޮތް ވިދާޅުވުމަކީ މި ކޮމިޝަނުގެ މައްޗަށް ސަރުކާރުން ނުފޫޒުފޯރުވަން މަސައްކަތްކުރެއްވުން ކަމުގައި މި ކޮމިޝަނުން ދެކެމެވެ،" ބްރޯޑްކާސްޓިން ކޮމިޝަންގެ ބަޔާނުގައި ވެއެވެ.

އެބަޔާން ބުނަނީ ގާނޫނުއަސާސީގެ 27 ވަނަ މާއްދާއާއި 28 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަންމަކީ ޑިމޮކްރަސީއެއްގެ މައިގަނޑު އެއް އަސާސްކަމަށާއި ނޫސްވެރިކަމުގެ މިނިވަންކަމަށް އެކި ގޮތްގޮތުން އެކި ސިފަސިފައިގާ ކުރިމަތިވަމުންދާ ބިރުދެއްކުމަކީ ކޮމިޝަނުން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ.