ކްލަބް މެމްބަރުންގެ ސައްހަ ސޮޔާއެކު ހުށައެޅި ޕެޓިޝަން ފައިނަލްކޮށް އަންނަ މަހުގެ އެއްވަނަ ދުވަހު ބާސެލޯނާގެ ރައީސް ޖޯސެޕް މާރިއާ ބާޓޮމެއުގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގަން ތައްޔާރުވަމުން ދަނިކޮށް ސަޕޯޓަރުންގެ ޕްރެޝަރު ބޮޑުވެ، ބާޓޮމެއުއާ އެކު ބާސެލޯނާގެ ޑިރެކްޓަރުންގެ ބޯޑު ވެސް އިސްތިއުފާ ދީފި އެވެ.

ބާސެލޯނާގެ ކެޕްޓަން ލިއޮނެލް މެސީ އެކުލަބު ދޫކޮށްލަން ބޭނުންވާކަން މިދިޔަ އޯގަސްޓް މަހު އިއުލާން ކުރުމާ ގުޅިގެން އެކުލަބުގެ ރެޖިސްޓާޑް މެމްބަރުންތަކެއް ވަނީ ބާސެލޯނާގެ ރައީސްއާ ދެކޮޅަށް ތެދުވެފަ އެވެ. އަދި ކުލަބުގެ މެނޭޖްމެންޓްގެ ދޯހަޅި ވާހަކަ މެސީ އޭނާގެ ޓްރާންސްފާ ބަންދުވުމާ ގުޅިގެން މީސްމީޑިއާއާ ހާމަކުރި ހިސާބުން އެކުލަބުގެ ގިނަ މެމްބަރުންތަކެއް ވަނީ ރައީސް ވަކިކުރަން ވަގުތުން ވަގުތަށް މަސައްކަތް ފަށައިފަ އެވެ.

އެއާ އެކު ކުލަބުގެ 20 ހާހެއްވުރެން ގިނަ އޮފިޝަލް މެމްބަރުންގެ ސޮއިއާ އެކު ޕެޓިޝަނެއް ހަދައި، ބާސެލޯނާގެ ބޯޑަށް ޕެޓިޝަން ވަނީ ހުށައަޅައިފަ އެވެ. އަދި ޕެޓިޝަންގެ ސައްހަކަން ބަލައިގަނެ، މިއަންނަ މަހުގެ ކުރީކޮޅު ފެންނަ ނުފެންނަ އިންތިހާބެއް ބޭއްވުމަށް ބާސެލޯނާއިން އައީ ތައްޔާރުވަމުންނެވެ.

އެގޮތުން ހޯމް ދުވަހު ބާސެލޯނާގެ ބޯޑު މެމްބަރުންނާ އެކު ރައީސް ބާޓޮމެއު ވަނީ ކުއްލި ބައްދަލުވުމެއް ބާއްވައިފަ އެވެ. މި ބައްދަލަވުމުގައި ކޮވިޑާ ގުޅިގެން އިންތިހާބު 15 ދުވަހަށް ފަސްކުރަން ބާޓޮމެއު އެދުނު ނަމަވެސް އެކަންވާން ނެތް ކަމަށް ބާސެލޯނާއިން ވަނީ ނިންމާފަ އެވެ.

ބާސެލޯނާގެ ހިންގާ ގަވާއިދުގައި ބުނާ ގޮތުން ޕެޓިޝަން ހުށައަޅާ، އެ ޕެޓިޝަނުގެ ސައްހަ ވޯޓުތައް ގުނާ ނިމުމުން 14 ދުވަސްތެރޭގައި ހުރިހާ މެންބަރުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓަކަށް ހުޅުވާލެވޭނެ އެވެ. ބާސާގެ 154،000 މެންބަރުންގެ ތެރެއިން ތިންބައި ކުޅަ ދެބައި މެންބަރުން، އިތުބާރު ނެތް ކަމަށް ވޯޓް ދީފި ނަމަ ދެ ވަނަ މަރުހަލާއަކީ އާ އިންތިހާބެއް ބޭއްވުމެވެ.

އެހެން ނަމަވެސް އިންތިހާބަށް ގޮސް ކާމިޔާބު ކުރުމުގެ އަޒުމުގައި ހުރި ކަމަށް އޭރު ބާޓޮމެއު ވަނީ ބުނެފަ އެވެ. އިސްތިއުފާ ދޭން ބޭނުން ނުވާ ކަމަށް އޭނާ ބުނި ނަމަވެސް ބާސެލޯނާއިން ރޭ ބޭއްވި ކުއްލި ބައްދަލުވުމަކަށްފަހު ބާޓޮމެއުއާއި، އެކުލަބުގެ ޑިރެކްޓަރުންގެ ބޯޑުގެ ހުރިހާ މެމްބަރުން ވަނީ އެ ބައްދަލުވުމުގައި އިސްތިއުފާ ދީފަ އެވެ.

މިހާރު އޮތްގޮތުން ދެން އިތުބާރު ނެތްކަމުގެ ވޯޓު ކުރިއަށް ނުގޮސް ސީދާ ބާސެލޯނާގެ އިންތިހާބު ބާއްވަން ވަނީ މަގުފަހިވެފަ އެެވެ. ކުރިން އޮތްގޮތުން އިންތިހާބު ބާއްވަން އޮތީ އަންނަ އަހަރު މާޗް މަހު އެވެ. އިތުބާރު ނެތްކަމުގެ ވޯޓު ނަގަން އުޅުނީ ކްލަބްގެ ހާލަތު އިންތިހާ އަށް ދަށަށްދާތީވެ ވީ އެންމެ އަވަހަށް ކްލަބްގެ ހާލަތު ބަދަލުކޮށް ބާޓޮމެއު ކޮށްފައިވާ ގޯސް ކަންތައްތައް ތަހުގީގުކުރުމުގެ ގޮތުންނެވެ.

ބާސެލޯނާގެ ކުރީގެ ރައީސް ސަންޑްރޯ ރޮސެލްގެ ގާތް މީހެއްގެ ގޮތުގައި ކްލަބްގެ ނައިބު ރައީސެއްގެ މަގާމަށް 2010 ވަނަ އަހަރު އިންތިހާބުވި ބާޓޮމެއު ކްލަބްގެ ރައީސްކަމާ ހަވާލުވީ 2014 ވަނަ އަހަރު ރޮސެލް މަގާމުން އިސްތިއުފާ ދޭން ޖެހުމުންނެވެ. ރޮސެލް މަގާމުން އިސްތިއުފާ ދިނީ ސަންޓޯސް އިން ނޭމާ ގަތުމުގައި އުސޫލުން ބޭރުން ކަންތައްތަކެއް ކޮށްފައިވާކަން ފަޅާ އެެރުމުންނެވެ.