28 Oct 2020, 07:01
ރިޔާޒް (އޮކްޓޯބަރު 28): އިސްލާމް ދީނާ ޓެރިރަޒަމްއާ ގުޅުވަން ކުރާ މަސައްކަތްތައް ކުށްވެރި ކުރާ ކަމަށް ސައުދީ އަރަބިއާއިން ބުނެފި އެވެ.
ސައުދީ ފޮރިން މިނިސްޓްރީން އެފަދައިން ބުނީ ފްރާންސުގެ ސްކޫލެއްގައި ރަސޫލާގެ ކާޓޫނު ދެއްކި ޓީޗަރަކު މި މަހުގެ 16ގައި މަރާލުމާ ގުޅިގެން އޭނާގެ ދިފާއުގައި ރައީސް އިމަނުއެލް މެކްރޮން ދެއްކެވި ބައެއް ވާހަކަފުޅުތަކާ ގުޅިގެންނެވެ. އެގޮތުން މެކްރޮން ވިދާޅުވި ގޮތުގައި ޓީޗަރު ސެމުއެލް ޕެޓީ "ދަސްކޮށްދިން މިނިވަންކަން ފްރާންސުން ދިފާއުކޮށް، ކާޓޫނުތަކާއި ކުރެހުންތައް ދޫކޮށްނުލާނެ" އެވެ.
މީގެ އިތުރުން ފްރާންސުގައި މުސްލިމުން ދިރިއުޅޭ ބައެއް ސަރަހައްދުތަކުން ދައުލަތާ ވަކިވެގަންނަން މަސައްކަތް ކުރާ ކަމަށާއި އެކަމާ ދެކޮޅަށް ފިޔަވަޅު އަޅުއްވާނެ ކަމަށް މެކްރޮން ވިދާޅުވި އެވެ.
ސައުދީ ފޮރިން މިނިސްޓްރީގެ އޮފިޝަލަކު ދައުލަތުގެ މީޑިއާއާ ވާހަކަ ދައްކަވަމުން ވިދާޅުވި ގޮތުގައި "އިސްލާމް ދީނާ ޓެރަރިޒަމްއާ ގުޅުވުމާއި، ޓެރަރިޒަމްގެ އަމަލެއް ކޮންމެ މީހަކު ހިންގި ނަމަވެސް އެކަން އެގައުމުން ކުށްވެރި ކުރެ" އެވެ. އަދި އެގައުމުގެ ސަރުކާރުން ގޮވާލަނީ "ފިކުރީ އަދި ސަގާފީ މިނިވަން ކަމަކީ އެކަކު އަނެކެއްގެ ހިޔާލުތަކާއި ދިރިއުޅުމަށް ފުރުސަތުދީ، އިހުތިރާމާއި ސުލްހަވެރިކަމުގެ ނަމޫނާއެއްގެ ގޮތުގައި ހެދުމަށާއި ނަފްރަތާއި ހަމަނުޖެހުމާއި ހައްދުފަހަނައެޅުމަށް މަގުފަހިވާ ފަދަ ކަމަކަށް" ނެހެދުން ކަމަށް ވިދާޅުވެފަ އެވެ.
މުސްލިމުންގެ އާބާދީ ބޮޑު ބައެއް ގައުމުތަކުގައި މެކްރޮންގެ ވާހަކަފުޅާ ގުޅިގެން ފްރާންސުގެ އުފެއްދުންތައް ބޮއިކޮޓް ކުރަން ގޮވާލާ ކެމްޕޭންތައް ވަނީ ފަށައިފަ އެވެ. އަދި މެކްރޮންއާ ދެކޮޅަށް މުޒާހަރާތައް ބާއްވާފައިވާ ގައުމުތަކުގެ ތެރޭގައި ފަލަސްތީނާއި އިރާގާއި ތުރުކީ އާއި ބަންގުލަދޭޝް ހިމެނެ އެވެ.