ހިންމަފުށީގައި ރިހެބްގައި ފަރުވާ ހޯދަމުން ދިޔަ ދެވަނަ ފުރުސަތުގެ މީހަކު އެ ސެންޓަރުގެ އަންހެން ކުދިންގެ ބައިގައި ނިދާފައި އޮތް ކުއްޖަކާ ބަދުއަހުލާގީ އަމަލު ހިންގަނިކޮށް އަންހެންކުއްޖާ އެނދުން ވެއްޓި ފަޅާ އަރައިފި އެވެ.

ސަން އޮންލައިނަށް ކަށަވަރުވެފައިވާ ގޮތުގައި ފިރިހެން މީހާ އެ އަމަލު ހިންގީ ރީހެބްގައި އަންހެން ކުދިން ތިބޭ ބައިގެ ފާރުމަތިން ފުންމާލައިގެން ވަގަށް ވަދެ އެވެ. އަދި އެމީހާ އެއަމަލް ހިންގީ އަންހެން ކުދިންތައް ނިދާފައި ތިބި ހޯލްގެ ތެރޭގެ ދެ ބުރި އެނދެއްގައި ނިދާފައި އޮތް އަންހެން ކުއްޖަކާއެކު އެވެ. އަންހެން ކުއްޖާއަކީ ވެސް އެތާނގައި ފަރުވާ ހޯދާ ކުއްޖެކެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ އަމަލު ހިންގިކަން ފަޅާއެރީ ބަދު އަހުލާގީ އަމަލު ހިންގަނިކޮށް އަންހެން ކުއްޖާ އެނދުން ވެއްޓުނު އަޑަށް ނިދާފައި ތިބި އެހެން ކުދިންނަށް ހޭލެވިގެނެވެ. އޭރު އެކުއްޖާ ހުރީ ބަރާހާނާ ހާލަތުގައި ކަމަށާއި ފިރިހެން މީހާ ފިލައިގެން ގޮސްފައިވާ ކަމަށް ވެސް ސަން އަށް މައުލޫމާތު ދިން ބައެއް މީހުން ވަނީ ބުނެފަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި އަމަލް ހިންގި ފިރިހެން މީހާއަކީ ދެވަނަ ފުރުސަތުގެ ދަށުން ދޫކޮށްލާފައިވަނިކޮށް، މަސްތުވާތަކެތީގެ މައްސަލައެއްގައި އަނެއްކާ ވެސް ފަރުވާއަށް ރިހެބްއަށް ފޮނުވާފައިހުރި މީހެކެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ރީހެބްގައި އަންހެން ކުއްޖަކާ ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލަ އިތުރަށް ތަހްގީގު ކުރަމުން އަންނަ ކަމަށެވެ. އަދި އެއީ ބަދުއަހުލާގީ މައްސަލައަކަށްވާތީ އެ މައްސަލައާ ބެހޭ އިތުރު ތަފްސީލެއް ދެއްވެން ނެތް ކަމަށް ވެސް ވިދާޅުވި އެވެ.

ދެ ޖިންސުގެ މީހުންނަށް އެކުގައި ފަރުވާދެމުން އަންނަ ރިހެބްގައި ހިންގަން ހަމަޖެހިފައިވާ އެކިއެކި ޕްރޮގްރާމްތައް ދެ ޖިންސް އެއްކޮށްގެން ކުރިއަށް ގެންދިޔަ ނަމަވެސް ދެ ބައިމީހުން ދިރިއުޅުން އޮންނަނީ ވަކިންނެވެ.
އަންހެން ކުދިން ބައިގައި އަންހެން ގާޑުން އަދި ފިރިހެނުން ތިބޭ ބައިގައި ފިރިހެން ގާޑުން 24 ގަޑިއިރު ފޯރިމަރަން ތިބެ އެވެ. އެއްބަޔަކު އަނައެއްބައެއް ތިބޭ ބަޔަކަށް ދިއުމަކީ މަނާ ކަމެކެވެ.

މިކަމާ ގުޅިގެން ޑިޕާޓްމަންޓް އޮޕް ޑްރަގްސް ޕްރިވެންސަން އެންޑް ރިހެބްލިޓޭޝަން ސެންޓަރުގެ ޑިރެކްޓާ ޖެނެރަލް އައިމިނަތު ޒީނިޔާގެ ބަހެއް ހޯދަން ސަން އޮންލައިނުން މަސައްކަތް ކުރި އެވެ. ނަމަވެސް އަވަދިނެތި އުޅުއްވާތީ އެއްޗެއް ވިދާޅުވާން ދަތިފުޅު ކަމަށެވެ.