27 Oct 2020, 20:27
ލ. އަތޮޅު އެތެރެވަރި ވަޑިނޮޅު ކަނޑުގައި އޮތް މަސްދޯންޏަކަށް ތޫނު އެއްޗެހި ހިފައިގެން އިއްޔެ ބަޔަކު އެރި މައްސަލައާ ގުޅިގެން އިތުރު ފަސް މީހަކު ހައްޔަރުކޮށްފިއެެވެ.
އެ މައްސަލައިގައި ތިން މީހަކުވެސް ރޭ ހައްޔަރުކޮށްފައިވެއެވެ. ނަމަވެސް އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން އެ މީހުން ވަނީ ދޫކޮށްލައިފައެވެ.
މިއަދު ހައްޔަރުކޮށްފައިވަނީ 21 އަހަރުގެ ފިރެހެނަކާއި 22 އަހަރުގެ ދެ ފިރިހެނެއްގެ އިތުރުން 33 އަހަރާއި 35 އަހަރުގެ ފިރިހެނެކެވެ. އެ ހުރިހާ އެންމެންނަކީވެސް ދިވެހިންނެވެ.
އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ލޯންޗެއްގައި ބަޔަކު އެ މަސްދޯންޏަށް ދިޔައިރު އެމީހުން ގެންދިޔަ ތޫނު އެއްޗެހި މަސްދޯނީގައި ހުއްޓެވެ. ފުލުހުން ވަނީ އެ ތަކެތި އެ މީހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
މަސްދޯންޏަށް ބަޔަކު އެރި ނަމަވެސް އެ ދޯނީގެ ތެރޭގައި މާރާމާރީއެއް ހިނގާފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ. އަދި ދޯންޏަށް ބަޔަކު ގޮސްފައިވަނީ އެއްބަސްވުމެއްގެ މައްސަލައިގައި ކަމަށް ފުލުހުން ބުނެ އެވެ. ފުލުހުން ބުނީ ބަޔަކު އެ ދޯންޏަށް އަރާފައިވަނީ އެއްބަސްވުމެއްގެ ދަށުން ގަނެފައިވާ ދޯންޏަކަށް ވެފައި އެ އެއްބަސްވުމަށް އަމަލު ނުކުރާ ކަމަށް ބުނެ އެވެ.