19 Jan 2012, 15:37
ބްރޯޑްކާސްޓިން މީޑިއާ ފްރެކުއެންސީ ހިފަހައްޓަން ޖެހިދާނެ ކަމަށް ބުނެ ޓްރާންސްޕޯޓް މިނިސްޓަރު އާދިލް ސަލީމް މިއަދު ދެއްކެވި އިންޒާރު މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ކުށްވެރިކޮށްފި އެވެ.
ބްރޯޑްކާސްޓިން މީޑިއާތަކުން ދޮގު ހަބަރު ފަތުރާ ކަމަށް ބުނެ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (އެމްބީސީ)އާ ބައްދަލުކުރައްވައި ޓްރާންސްޕޯޓް މިނިސްޓަރު ދެއްކެވި ވާހަކަތަކާ ގުޅިގެން އެމްޖޭއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކޮމިއުނިކޭޝަން މިނިސްޓަރު އެގޮތަށް ވިދާޅުވުމަކީ ރާއްޖޭގެ މިނިވަން މީޑިޔާތައް ނެތިކޮށްލުމަށް ދިން ނުރައްކާތެރި އިންޒާރެއްކަމުގައި އެ ޖަމިއްޔާ އިން ދެކޭ ކަމަށާއި މިނިސްޓަރުގެ ވާހަކަތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ. އަދި "ފެން ނުހިފޭ" ވާހަކަ ނުދެއްކު މަށާއި ގާނޫނީ އިމުގެ ތެރެ އިން ވާހަކަ ދެއްކުމަށް ކޮމިއުނިކޭޝަން މިނިސްޓަރަށް ގޮވާލާ ކަމަށް ވެސް އެ ޖަމިއްޔާ އިން ބުނެފައިވެ އެވެ.
އެމްޖޭއޭ އިން ބުނެފައި ވަނީ ސަރުކާރާއި ސަރުކާރު ބައިވެރިވާ ފަރާތްތަކުން މިނިވަން މީޑިއާ ފިއްތާލައި މީޑިޔާގެ އެކިއެކި އިދާރާތަކުގެ އަގުވެއްޓޭ ގޮތަށް ވާހަކަ ދައްކާ ކަމަށާއި އެފަދަ އިދާރާތަކުގެ ދޮށަށް އެއްވުމަށް ގޮވާލާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި ޤާނޫނު އަސާސީގައި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ކަށަވަރުކޮށްދީފައިވާ ގޮތަށް މޯލްޑިވްސް މީޑިޔާ ކައުންސިލާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުގެ ސްލޫކީ މިންގަނޑުގެ ތެރޭގައި ޚަބަރު ފަތުރާ އިދާރާތަކުގެ އެޑިޓޯރިއަލް ޕޮލިސީ ހިންގާ އިރު، އޭގެ މައްޗަށް ނުފޫޒު ފޯރުވާގޮތަށް އެއްވެސް ފަރާތަކުން ވާހަކަ ނުދެއްކުމަށް އެ ޖަމްއިއްޔާ އިން އެދޭކަމަށާއި އެ މިންގަނޑު ފަހަނައަޅާ ދާ ނަމަ އެކަމަށް ފިޔަވަޅު އެޅުމުގެ ޤާނޫނީ ބާރު ލިބިދީފައިވާ ފަރާތަކީ މޯލްޑިވްސް މީޑިޔާ ކައުންސިލާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން ކަމަށް ވެސް އެމްޖޭއޭ އިން ބަޔާންކޮށްފައިވެ އެވެ.
"މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުގެ ޤާނޫނުގެ 19 ވަނަ މާއްދާގެ (ހ) އިން ފެށިގެން (ބ) އަށް ކަނޑައަޅާފައިވާ ބާރުތަކުގެ ތެރޭގައި، ބްރޯޑްކާސްޓުކުރުމުގެ ލައިސަންސް ދޫކުރުމާއި އާކޮށްދިނުމާއި ވަގުތީ ގޮތުން ހިފެހެއްޓުމުގެ ބާރުގެ އިތުރުން، މީހުން ހާޒިރުކޮށް ސުވާލުކުރުމާއި ފިޔަވަޅު އަޅަން ޖެހޭ ހާލަތްތަކުގައި ފިޔަވަޅު އެޅުމާއި ބްރޯޑްކާސްޓް ކުރުމުގެ ޚިދުމަތްދޭ ފަރާތްތަކުން ޢަމަލުކުރާނެ ކޯޑް އެކުލަވާލުން އޮތީ ހަމަ އެކަނި އެ ކޮމިޝަނަށެވެ. އެހެން ކަމުން، ޓްރާންސްޕޯޓު މިނިސްޓަރު އެދެއްވި އިންޒާރު ބަލައިނުގަންނަ ވާހަކަ އާއި އެކަމާ މެދު ފިޔަވަޅު އަޅައިދިނުމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނަށް ގޮވާލަމެވެ." އެމްޖޭއޭގެ ބަޔާނުގައި ބުނެފައިވެ އެވެ.
އެމްޖޭއޭގެ ބަޔާނުގައި ބުނެފައި ވަނީ ތަހުޒީބު މުޖުތަމަޢުތަކެކޭ އެއްފަދައިން ރާއްޖޭއަކީ ވެސް މުއައްސަސާތަކާއި ހެދިފައި ހުންނަ ޤާނޫނުތަކާއި ޤަވާއިދުތަކުގެ ދަށުން ކަންކަން ކުރެވޭނެ މަގު ފަހިވެފައި އޮތް ޤައުމަކަށްވާ އިރު އެ ފުރުޞަޠުގެ ބޭނުން ނުކޮށް ސިޔާސީ މަޤުޞަދުތަކެއް ހާސިލުކުރުމަށް ސިޔާސީ ފަރާތްތަކުން މީޑިޔާއަށް ބިރުނުދެއްކުމަށް ގޮވާލާ ކަމަށެވެ. އަދި މީޑިޔާ ނުވަތަ ޚަބަރު ފަތުރާ އިދާރާތަކަކީ އެ އިދާރާތައް މެދުވެރިކޮށް ރައްޔިތުންނާ ހަމައަށް މައުލޫމާތު ފޯރުކޮށް ދިނުމަށް އޮންނަ ވަޞީލަތެއް ކަމަށްވާ އިރު އެފަދަ ވަޞީލަތެއްގެ ބޭނުންކޮށް މަޢުލޫމާތު ފޯރުކޮށްދޭ ފަރާތްތަކުން ވެސް ތެދު އަދި ސާބިތު ހިފޭ މަޢުލޫމާތު ފޯރުކޮށްދިނުމަކީ މުހިންމުކަމެއް ކަމުގައި ދެކޭ ކަމަށް ވެސް އެމްޖޭއޭ އިން ބުނެފައިވެ އެވެ.
އެމްޖޭއޭ އިން އިތުރަށް ބުނެފައި ވަނީ މީޑިޔާ އާއި ނުލާ ޑިމޮކްރަސީއެއް ފައްކާ ނުވާނެކަމީ ދުނިޔެ ދައްކައިދީފައިވާ ތަޖުރިބާއާއި އާންމު އުޞޫލުކަމަށާއި މީޑިޔާގެ މިނިވަންކަމަށް ހުރަސްއެޅޭ ފަދަ އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ނުކުރުމަށް ވެސް ގޮވާލާ ކަމަށެވެ.