ސާކް ސަމިޓާ ދިމާކޮށް އައްޑޫ ސިޓީގެ ބައެއް ރަށްތަކުގައި ބެހެއްޓި ބައެއް މޮނިއުމެންޓުތަކަކީ ޣައިރު ގާނޫނީ ތަކެތި ކަމަށާއި އެ ތަކެތި ނަގައި ރާއްޖޭގެ އެއްވެސް ތަނެއްގައި ބެހެއްޓުމަކީ މަނާކަމެއް ކަމުގައި ހިތަދޫ މެޖިސްޓްރޭޓް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.

ސ. ހިތަދޫ ލާމިގޭ މޫސާ އަންވަރު އެ ރަށު ކޯޓަށް ހުށަހެޅި ދައުވާއަކާ ގުޅިގެން ކުރި ހުކުމުގައި ބުނެފައި ވަނީ ސާކް ސަމިޓާ ދިމާކޮށް ހިތަދޫގައި ބެހެއްޓި ނޭޕާލް މޮނިއުމަންޓާއި މަރަދޫގައި ބެހެއްޓި ސްރީލަންކާ މޮނިއުމަންޓާއި މަރަދޫ ފޭދޫގައި ބެހެއްޓި އިންޑިއާ މޮނިއުމަންޓާއި ފޭދޫގައި ބެހެއްޓި ބޫޓާން މޮނިއުމަންޓަކީ ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނާ ހިލާފު ތަކެތި ކަމަށާއި އެމީހުންގެ ދީނީ ޝިއާރު ރަމްޒުކޮށްދޭ މޮނިއުމަންޓްތައް ރާއްޖޭގައިގެންގުޅުމަކީ އިސްލާމްދީން ނޫން އެހެން ދީނަކަށް މަގުފަހިކުރުވާފަދަ އެއްޗެއް ކަމަށް ޝަރީއަތަށް ފެންނާތީ އެ އެއްޗެހި ނައްތާލުމަށް ސިޓީ ކައުންސިލްގެ މައްޗަށް ވަނީ ހުކުމް ކޮށްފަ އެވެ.

"އިސްވެ ދެންނެވި މޮނިއުމަނޓްތައް ގާނޫނުގައިވަ ގޮތުގެ މަތިން ނައްތާލުމަށް އައްޑޫ ސިޓީކައުންސިލްގެ މައްޗަށް ހުކުމްކުރަން."

އެ ހުކުމުގައި ބުނީ އެ ތަކެއްޗަކީ ބޭރު ގައުމަކުން ހަދިޔާ އަކަށް ދިން ތަކެތި ކަމުގައި ވިޔަސް އެފަދަ އެއްޗެއް ރާއްޖެ އެތެރެކޮށް ބެހެއްޓުމުގެ ހައްގު އެއްވެސް ފަރާތަކަށް ލިބިގެން ނުވާ ކަމަށާއި އެތަކެތި ރާއްޖެ އެތެރެކޮށްފައި ވަނީ ރާއްޖެއަށް ގެނައުން މަނާ ތަކެތީގެ ގާނޫނާ ހިލާފަށް ކަމަށް ވެސް ވަނީ ހުކުމުގައި ކަނޑައަޅާފަ އެވެ.

އަދި އެތަކެތި ިރާއްޖެ އަށް އެތެރެކޮށް އައްޑޫ ސިޓީގައި ބެހެއްޓުމުގައި ޒިންމާވާ ފަރާތްތަކާ މެދު ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ފިޔަވަޅުއަޅައި އެ މީހުންގެ މައްސަލަތައް ޝަރީއަތަށް ހުށަހެޅުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ މައްޗަށް އަމުރުކުރާކަމަށް ވެސް ހުކުމްގައި ވަނީ ބުނެފަ އެވެ.

އައްޑޫގައި ބެހެއްޓި ބުދު މޮނިއުމަންޓް ތައް ނައްތާލުމަށް ކޯޓުން ހުކުމް ކުރިއިރު ސިޓީ ކައުންސިލްގެ އިދާރައިން މިދިޔަހަފްތާގެ ތެރޭގައި ގަރާރެއް ފާސްކޮށް މޮނިއުމެޓް ތަށް ވަނީ ނަގާފައެވެ. އައްޑޫ ސިޓީ ކައުންސިލުން މޮނިއުމެނޓް ތައްނެގުމުގެ ކުރިން ޕާކިސްތާން މޮނިއުމެންޓާއި އަފްގާނިސްތާނުގެ މޮނިއުމެންޓްގެ އިތުރަށް ނޭޕާލްގެ މޮނިއުމެންޓް ވަނީ ވަގަށް ނަގާފަ އެވެ.