27 Oct 2020, 10:29
ވޮޝިންޓަން (އޮކްޓޯބަރު 27): އެމެރިކާގެ ސުޕްރީމް ކޯޓުން ހުސްވި ގޮނޑިއަށް ފަނޑިޔާރު އޭމީ ކޯނީ ބެރެޓް އައްޔަން ކުރަން އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މަތީގެއިން އިއްޔެ ފާސްކޮށްފި އެވެ.
ފަނޑިޔާރު ބެރެޓް ސުޕްރީމް ކޯޓަށް އައްޔަން ކުރަން ސެނެޓުގެ 52 މެމްބަރުން ވޯޓު ދެއްވި އިރު އޭނާއާ ދެކޮޅަށް ވޯޓު ދެއްވީ 48 މެމްބަރުންނެވެ. އެއީ އެގައުމުގައި ރިޔާސީ އިންތިހާބެއް ބާއްވަން ހަފްތާއަކަށް ވެފައި ވަނިކޮށް އެންމެ މަތީ ކޯޓަށް ފަނޑިޔާރަކު ހޮވި ފުރަތަމަ ފަހަރެވެ. އަދި ސެނެޓުގެ މައިނޯރިޓީ ޕާޓީގެ އެއްވެސް ތާއިދަކާ ނުލައި ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު ހޮވި ފުރަތަމަ ފަހަރުވެސްމެ އެވެ.
އެ ވޯޓު ނެގިތާ އެއް ގަޑި އިރު ފަހުން ވައިޓް ހައުސްގައި ބޭއްވި ރަސްމިއްޔާތެއްގައި ފަނޑިޔާރު ބެރެޓް ވަނީ ސުޕްރީމް ކޯޓަށް އިސްވުމަށް ހުވާ ކުރައްވާފަ އެވެ. އަދި ކޯޓުގެ ބެންޗުގައި ބައިވެރިވެވަޑައިގަތުމަށް އިތުރު ރަސްމީ ހުވާއެއް މިއަދު ކުރައްވާނެ އެވެ.
އިއްޔެ ވައިޓް ހައުސްގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑޮނަލްޑް ޓްރަމްޕް ބައިވެރިވެވަޑައިގެންނެވި އެވެ. އަދި އެއީ އެމެރިކާއަށާއި އެ ގައުމުގެ ގާނޫނު އަސާސީއަށާއި ގާނޫނީ ވެރިކަމަށް ވަރަށް ފާހަގަކޮށްލެވޭ ދުވަހެއްގެ ގޮތުގައި ސިފަ ކުރައްވާފަ އެވެ.
އެއީ ރައީސް ޓްރަމްޕްގެ ވެރިކަމުގައި އޭނާ ސުޕްރީމް ކޯޓަށް އައްޔަން ކުރައްވާ ތިން ވަނަ ފަނޑިޔާރެވެ. މީގެ ކުރިން އޭނާ ވަނީ 2017 ވަނަ އަހަރު ނީލް ގޯސަޗް އާއި 2018 ވަނަ އަހަރު ބްރެޓް ކެވަނާ އައްޔަން ކުރައްވާފަ އެވެ.
ފަނޑިޔާރު ބެރެޓް ސުޕްރީމް ކޯޓަށް ހޮވާފައި ވަނީ މިދިޔަ މަހުގެ 18ގައި ފަނޑިޔާރު ރޫތު ބޭޑާ ގިންސްބާގް އަވަހާރަވުމުންނެވެ.
އެމެރިކާގެ ވެރިކަން ކުރާ ރިޕަބްލިކަން ޕާޓީގެ މެޖޯރިޓީ އޮތް ސެނެޓުން ސުޕްރީމް ކޯޓަށް ފަނޑިޔާރަކު ހޮވީ، އެ ފަނޑިޔާރު އައްޔަން ކުރަން ޖެހޭނީ އަންނަ އަންގާރައިގައި ބާއްވާ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާ ފަރާތަކުން ކަމަށް އިދިކޮޅު ޑިމޮކްރެޓިކް ޕާޓީން ބުނަމުން ދަނިކޮށެވެ. އަދި ޑިމޮކްރެޓިކް މެމްބަރުން ވަނީ އެ ޕާޓީއަށް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވި، ސެނެޓުގެ މެޖޯރިޓީވެސް ލިބިއްޖެ ނަމަ ސުޕްރީމް ކޯޓުގައި ތިއްބަވާ ފަނޑިޔާރުންގެ އަދަދު އިތުރު ކުރާނެ ކަމަށް ބުނެފަ އެވެ. ނަމަވެސް އެ ކަމަށް ޑިމޮކްރެޓިކް ކެންޑިޑޭޓު ޖޯ ބައިޑެން ތާއިދު ކުރައްވާކަން އަދި ވިދާޅުވެފައި ނުވެ އެވެ.