27 Oct 2020, 09:35
ޅ. ނައިފަރުގެ ފެނާއި ނަރުދަމާގެ މަސައްކަތް ނިންމުމަށް އެމްޑަބްލިއުއެސްސީ އަށް ހުށަހަޅައިފި އެވެ.
މި މަސައްކަތުގެ އެއްބަސްވުމުގައި އިއްޔެ އެމްޑަބްލިއުއެސްސީ އާއި ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ އާއި ދެމެދު ވަނީ ސޮއިކޮށްފަ އެވެ. މި މަސައްކަތުގެ ކޮންޓްރެކްޓް މުއްދަތަކީ ފަސް މަސް ދުުވަހެވެ.
މި މަޝްރޫއުގެ ދަށުން ނައިފަރުގެ ފެނުގެ މަޝްރޫއުގެ ދަށުން މިހާރު ނުނިމި ހުރި މަސައްކަތްތައް ނިންމާ، ސައިޓުގައި މަރާމާތު ކުރަންޖެހޭ ހުރިހާ މަސައްކަތެއް މަރާމާތުކޮށް، ފެން ޓެސްޓު ކުރާނެ ވަސީލަތްތަކާއެކު ލެބޯޓްރީ އެއް ގާއިމް ކުރާނެ އެވެ.
މީގެ އިތުރުން އެ ރަށުގެ ނަރުދަމާގެ މަސައްކަތުގެ ތެރެއިން މިހާރު ނުނިމި ހުރި މަސައްކަތްތައް ނިންމާ، ސީ އައުޓްފޯލްގެ ނުނިމި ހުރި މަސައްކަތްތައް ނިންމާ، ޕަމްޕް ސްޓޭޝަނާއި އެސްޓީޕީގެ އިލެކްޓްރޯ މެކޭނިކަމް މަސައްކަތްތައް ކުރާނެ އެވެ.
ނައިފަރު ނަރުދަމަގެ މަސައްކަތަށް 24.2 މިލިއަން ރުފިޔާ އަދި ފެނުގެ މަސައްކަތަށް 13.1 މިލިއަން ރުފިޔާ ހަރަދު ކުރާނެ އެވެ.
ނައިފަރު ފެނާއި ނަރުދަމާގެ މަސައްކަތް އިންޑިއާގެ ޖޮއިންޓް ވެންޗާ ކުންފުންޏެއް ކަމަށްވާ ލަކީ ހިޔާ އެކްސްޕޯޓްސް އާއި ޓްރެވަނީއާ ހަވާލުކޮށްފައިވަނީ 2017 ވަނަ އަހަރުގެ ޖޫން މަހު އެވެ.
އެ މަސައްކަތް އެ ކުންފުންޏަ ހަވާލުކުރިތާ ތިން އަހަރު ވެފައިވާއިރު މަސައްކަތް ކުރިއަށް ގޮސްފައިވަނީ ކުޑަ މިންވަރަކަށެވެ. އޯޕެކް ފަންޑާއި އޭޑީބީގެ އެހީ ލިބިގެން ފެށި ނައިފަރުގެ ފެނާއި ނަރުދަމާ މަސައްކަތް ހަވާލު ކުރި ފަހުން ތިން އަހަރުވީއިރު މަސައްކަތް ނިންމާލެވިފައިނުވާތީ އެ ރަށުގެ މަގުތަކުގެ ހާލަތުވެސް އޮތީ ދަށްވެފަ އެވެ.