05 Jul 2010, 15:26
19:00
ރާއްޖޭގައި ހުރި ކޮރަޕްޝަންގެ ޢަމަލުތައް ހުއްޓުވުމަށް ޑީއާރުޕީއާ އެކު މަސައްކަތް ކުރުމަށް ތައްޔާރަށް އޮތް ކަމަށް ސަރުކާރު ހިންގާ އެމްޑީޕީން ބުނެފި އެވެ.
ކޮރަޕްޝަން ނައްތާލުމަށް "ގައުމައިގެން އަމާން ބަނދަރަކަށް" މި ނަމުގައި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭ ގޮތުން އާންމުން ހޭލުންތެރިކުރުމަށް ހިންގާ ޕްރޮގްރާމްތަކުގެ ތެރެއިން ސަރުކާރުން ސަންއެފްއެމުން ގަޑި ގަނެގެން މިއަދު ހަވީރު 5 ން 6 ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހާމިދު އަބުދުލް ޣަފޫރާއި ރައީސް އޮފީހުގެ ޑެޕިއުޓީ އަންޑަރ ސެކްރެޓަރީ އަބްދުލް ހަމީދު ވިދާޅުވީ ކޮރަޕްޝަންގެ ކަންތައްތައް ވާހަކަ ދައްކައިގެން ހައްލު ކުރެވިދާނެ ކަމަށެވެ. އަދި އެ ކަންތައްތައް ހައްލު ކުރުމަށް ޑީއާރުޕީގެ މެމްބަރުންނާއެކު އެއް ތަނަކަށް ގޮސްގެން ނަމަވެސް އެމައްސަލަ ހައްލުކުރަން ޖެހިފައިވާ ކަމަށް ވެސް އެ ދެ ބޭފުޅުން ވިދާޅުވި އެވެ.
މިހާރު ލީކްވެގެން އުޅޭ މަޖިލިސްގެ މެމްބަރުންގެ އޯޑިއޯ ކްލިޕްތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ ޑެޕިއުޓީ އަންޑަރ ސެކްރެޓަރީ އަބްދުލްހަމީދާއި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހާމިދު އަބުދުލްޣަފޫރު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ތެރޭ ކޮރަޕްޝަންގެ ޢަމަލުތަކެއް ހިނގަމުންދާ ކަމަށް ތުހުމަތުކުރެވޭ ކަމަށެވެ. އަދި އެ އޯޑިއޯ ކްލިޕް ތަކުގައި ވާހަކަ ދައްކަވާފައިވާ ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު އަދި ކުރީގެ ލީގަލް ރިފޯމް މިނިސްޓަރ މުހައްމަދު ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުން އެ ދެ ބޭފުޅުން ވިދާޅުވީ ނަޝީދަކީ މިނިވަން މެމްބަރެއްކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ.