26 Oct 2020, 22:01
ނިމިދިޔަ ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކެމްޕެއިން ކުރި މައްސަަލައިގައި ގއ. މާމެންދޫ ކޯޓުގެ އިސްމެޖިސްޓްރޭޓް އަހްމަދު ޝޫކޫރު ފަނޑިޔާރުކަމުން ވަކިކުރަން ޖުޑިޝަލް ސާވިސް ކޮމިޝަނުން ނިންމީ ރަނގަޅަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއިން ނިންމައިފި އެވެ.
އެގޮތަށް ޖުޑިޝަރީ ކޮމިޓީއިން ނިންމާފައިވަނީ މިއަދު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގަ އެވެ. ޝުކޫރު ވަކިކުރަން ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ ވޯޓެއް ނުދެއްވަ އެވެ.
ޝޫކުރަށް ގިނަ ތުހުމަތުތަކެއްކޮށް އެކަންކަން ސާބިތުވާތީވެ، ޖޭއެސްސީން އޭނާ ވަކިކުރުމަށް މަޖިލީހަށް ފޮނުވީ މިމަސް ތެރޭގަ އެވެ. މައިގަނޑު ގޮތެއްގައި ކޮށްފައިވާ ތުހުމަކީ، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށް ވޯޓު ހޯދުމަށް އަމަލީގޮތުން ކެމްޕެއިން ކުރި މައްސަލައާއި ހައްޔަރުގައި ހުރި މީހެއްގެ ވަކީލަކު ދިން ސީޓީ އުރައަކާ ހަވާލުވި ކަމަށް ބުނާ ތުހުމަތެވެ.
ޖޭއެސްސީން ނެރުނު ބަޔާނުގައި ބުނީ، ގއ. ވިލިނގިލީ ގެއެއްގައި އޮތް ބައްދަލުވުމުއްގައި ކުރީގެ ފަނޑިޔަރުންތަކަކާއި ޝުކޫރުވެސް ބައިވެރިވެ ވަކި ރިޔާސީ ކެންޑިޑޭޓަކަށް ތާއީދުކުރާކަން ހާމަކޮށް، ވާހަކަދައްކައި ވޯޓު ހޯދުމަށް އޭނާ މަސައްކަތްކޮށްފައިވާ ކަމަށެވެ. އޭގެ އިތުރުން ރިޔާސީ އިންތިހާބުގެ ދުވަސްވަރު ވިލިނގިލީ ކެފޭއެއް ތެރޭ ސިޔާސީ ވާހަކަ ދައްކައި، ރިޔާސީ ކެންޑިޑޭޓަކަށް ވޯޓު ހޯދުމަށް އެދިފައިވާކަންވެސް ސާބިތުވެފައިވާ ކަމަށް ވެސް ޖޭއެސްސީން ބުންޏެވެ.
ހައްޔަރުގައި ހުރި މީހާގެ ވަކީލާވެސް ޝުކޫރު ބައްދަލުކުރީ އެމީހާގެ ޝަރީއަތް އޮތް ދުވަސްވަރު ވިލިނގިލީ ރެސްޓޯރެންޓަކުން ކަމަށް ޖޭއެސްސީން ބުންޏެވެ. އަދި ހައްޔަރުގައި ހުރި މީހާއަކީ އޭނާއާ ގާތް ގުޅުމެއް އޮންނަ ފަރާތްތެއް ކަމަށްވެސް ޖޭއެސްސީން ބުންޏެވެ. އެ ވަކީލާ ބައްދަލުކޮށް އޭނާ ދިން ސިޓީ އުރައަކާ ހަވާލުވިކަން ސާބިތުވާކަމަށްވެސް ޖޭއެސްސީން ބުންޏެވެ.
އޭގެ އިތުރުން ދެން އޭނާގެ މައްޗަށް ސާބިތުވެފައި ވަނީ، އޯގަސްޓު 2018 ގައި ގއ. ކޮލަމާފުށިން ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި ބައެއްގެ ބަންދާމެދު ގޮތެއް ނިންމުމަށް އަޑުއެހުން ބޭއްވުމުގެ ކުރިން، އެމީހުންގެ ބަންދާމެދު ނިންމަވާނެ ގޮތްކޯޓުން ބޭރުގައި ހުރެ ފުލުހުންނާ ޝުކޫރު ހިއްސާކުރެއްވި ކަމުގެ މައްސަލައެވެ. ބަންދާމެދު ގޮތެއް ނިންމުމަށް ބޭއްވި އަޑުއެހުމުގައިވެސް އޭނާ އަމަލުކުރައްވާފައިވަނީ އަދުލުވެރިކަމުގެ އުސޫލުތަކާ ހިލާފަށް ކަމުގައި ޖޭއެސްސީން ބުންޏެވެ.
ޝުކޫރު ވަކިކުރަން ޖޭއެސްސީން މަޖިލީހަށް ފޮނުވިއިރު، އޭނާއަށް ތުހުމަތު ކުރެވޭ އެހެން މައްސަލަތަކެއްވެސް އެ ކޮމިޝަނުން އަންނަނީ ބަލަމުންނެވެ.
ޝުކޫރާ ގުޅޭ ގޮތުން ބަލާ އެހެން މައްސަލަތައް:
- ފުލުހުން ކޯޓު އަމުރު ހޯދަން ދިޔުމުން އަމުރު ނެރުމާއެކު ކުށުގެ ވެއްޓަށްދާއިރު އެކަމުގެ މައުލޫމާޓު ލީކްވުމާއި އެކަމުގެ ސަބަބުން ހެކި ނަތިގެން ދިޔުން.
- މަސްތުވާތަކެއްޗާ ގުޅުން އޮންނަ ފަރާތްތަކާ ޝުކޫރާ ގާތް ގުޅުން ބޭއްވުން.
- ވިލިނގިއްޔަށް ނިސްބަތްވާ މީހުންގެ މަސްތުވާތަކެއްޗާއި އެހެނިގެން ކުށްތަކުގެ މައްސަލަތައް ސާބިތުނުވާކަމަށް ޝުކޫރު ހުކުމް ކުރުން.
- އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސް އެޅޭފަދަ ކަންކަން ކޮށްފައިވުން.
- ބަންދާމެދު ގޮތެއް ނިންމުމަށް ގެންނަ ފަރާތްތައް ހެކި ހުންނަ އިރުވެސް ދޫވުމާއި އެ މައްސަލަތަކުގައި ރިޝްވަތު ނަގާކަމަށް ތުހުމަތުވުން.
- ކޯޓަށްދާ ފުލުހުންނަށް ޖެއްސުންކުރުމާއި ތުހުމަތު ކުރެވޭ ފަރާތުގެ ކުރިމަތީގައި ފުލުހުންގެ އަގު ވައްޓައި އެމީހުންގެ ދިފާއުގައި ވާހަކަ ދެއްކުން.
ޝުކޫރު މިހާރު ހުރީ ސަސްޕެންޝަނުގައެވެ.