19 Jan 2012, 15:00
ރާއްޖޭގެ އިގްތިސާދަށާއި ހަމަޖެހުމަށް އަސަރުކޮށްފާނެ ކަމެއް ހިނގާފާނެ ކަމުގެ ކަންބޮޑުވުން އޮތްކަމަށް ރާއްޖެއާއި ސްރީލަންކާއަށް ޖަޕާނުން ކަނޑައަޅުއްވާފައިވާ އެމްބެސެޑަރުގެ ސެކްރެޓަރީ ތަކާޒީ އޮޒާކީ މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ހަލާތައި މެދު މަޝްވަރާކުރުމަށް އިދިކޮޅު ޕާޓީތަކާއެކު މިއަދު ޖުމްހޫރީ ޕާޓީގެ އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ތަކާޒީ އޮޒާކީ ވިދާޅުވީ ރއްޖޭގެ އިގްތިސާދާއި ގައުމަށް ނުރަނގަޅު އަސަރެއްކޮށްފާނެ އެއްވެސް ކަމެއް އިދިކޮޅު ފަރާތްތަކައި ސަރުކާރުން ވެސް ނުކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
އަދި ވިދާޅުވީ ރާއްޖެއަކީ ޖަޕާނުގެ ޓޫރިސްޓުން ވަރަށް ގިނައިން ޒިޔާރަތް ކުރާ ގައުމަކަށްވާތީއާއެކު މުޒާހަރާތައް ކުރިއައަށްދާއިރު ހަމަނުޖެހުމެއް ހިނގާފާނެތީ ކަންބޮޑުވާ ކަމަށާއި، ރާއްޖޭގެ ގާނުނޫ ތަކާއި އެއްގޮތަށް ދެފުށް ފެންނަ ގޮތަށް އަމަލުތައް ބަހައްޓަން އެދިވަޑައިގަންވާ ކަމަށެވެ.
މިއަދުގެ ބައްދަލުވުމުގައި އިދިކޮޅު ފަރާތް ތަކުންވަނީ ގާނުނު އަސާސީ އާއި ގަނޫނުތަކާއި ހިލާފަށް ސަރުކާރުން މިހާރު ކުރަމުންގެންދާ ކަންތައްތަކުގެ މައުލޫމާތު އޮޒާކީއާ ހިއްސާކޮށްފަ އެވެ. އޭގެ ތެރޭގައި ކްރިމިނަލް ކޯޓުގެ ގާޒީ އަބްދުﷲ މުހައްމަދު ސިފައިން ހައްޔަރުކުރުމަކީ ގާނޫނާއި ހިލާފަށް ސަރުކާރުން ކުރި އަމަލެއްކަމަށް ވަނީ ބުންޏެވެ.
މީގެ އިތުރަށް މިހާރުގެ ސަރުކާރުން އިދިކޮޅު ސިޔާސީ ފަރާތްތަކަށާއި މީޑިޔާގެ މިނަވަންކަމަށް ހުރަސްއަޅައި މީޑިޔާއަށް ބިރުދެއްކުމުގެ ގޮތުން ކުރަމުންގެންދާ ކަންތަކާ ސުލަހަވެރިކޮށް ކުރާ މުޒާހަރާތަކަށް މީހުން ފޮނުވައިގެން ހަމަނުޖެހުން އުފެއްދުމަށް ސަރުކާރުން މަސައްކަތް ކުރާ ކަމަށް މައުލޫމާތު ދިނެވެ.
މުޒާހަރާތަކުގައި އެއްވެސް ހަމަނުޖެހުމެއް އެ ފަރާތްތަކުން އިސްވެ ނުހިންގާނެކަމުގެ ޔަގީންކަން ވެސް އިދިކޮޅު ސިޔާސީ ފަރާތްތަކުން ޖަޕާނުގެ އެމްބެސެޑަރުގެ ސެކްރެޓަރީއަށް މިއަދު ދިނެވެ.
ސަން އަށް މައުލޫމަތު ލިބިފައިވާގޮތުގައި ޖަޕާންގެ އެމްބެސެޑަރުގެ ސެކްރެޓަރީ މިހާރު ރާއްޖެ ވަޑައިގެން އުޅުއްވަނީ ރާއްޖޭގައި ހިނގާ އެކިއެކި ކަންތަށް ބަލައި އެކަންކަން ދެނެގަނެ ރާއްޖޭގެ ހާލަތާއި ގުޅޭގޮތުން ރިޕޯޓެއް ތައްޔާރު ކުރުމަށެވެ.