26 Oct 2020, 20:09
ހަޑިހުތުރު އެއްޗިހި ކީ މައްސަލައެއްގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ގެ މައްޗަށް ދައުވާ ކޮށްފި އެވެ.
ޕީޖީ އޮފީހުން އަދުރޭގެ މައްޗަށް ދައުވާކޮށް އެމައްސަލަ ކްރިމިނަލް ކޯޓަށް ހުށަހެޅީ މިއަދު އެވެ. އަދުރޭ ވަނީ 'ސަން' އަށް އެކަން ކަށަވަރުކޮށްދީފަ އެވެ. އަދުރޭ ވިދާޅުވީ އޭނާގެ މައްޗަށް ދައުލަތުން ދައުވާ ކުރީ ހަޑިހުތުރު އެއްޗިހި ކިޔުމާއި ހަޑިހުތުރު ބަސް ބޭނުން ކުރުމުގެ ތުހުމަތުކޮށް ކަމަށެވެ.
ގާނޫނުލްއުގޫބާތުގެ 615 ވަނަ މާއްދާގެ (ހ) ގެ ތިންވަނަ ނަމްބަރުގައި ވާގޮތުން ހަޑިހުތުރު އެއްޗެހި ކިޔުމާއި ހަޑިހުތުރު ބަސް ބޭނުން ކުރުމާއި ހަޑި ހުތުރު އަމަލުތައް ކުރުމަކީ އާންމު މަސްލަހަތަށް ގެއްލުން ހުރި އަމަލު ކުރުމެވެ. އަދި އެއީ ކުށެކެވެ. އެ ކުށަކީ ޖުނަހުގެ ތިން ވަނަ ދަރަޖައިގެ ކުށެކެވެ.
އެ ކުށަށް ކަނޑައެޅޭ އެންމެ ބޮޑު އަދަބަކީ ތިން މަހަށް ޖަލަށް ލުމެވެ. އަސާސީ މިންގަނޑުން އަދަބު ކަނޑައަޅާ ނަމަ އަންނާނީ އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ. އެންމެ ދަށް މިންގަނޑުން ނަމަ ނުވަ ދުވަހުގެ ޖަލު ހުކުމެވެ. ކުށަށް އަދަބު ކަނޑައަޅާއިރު ކުށުގެ ބާވަތަށާއި ކުށުގެ ރެކޯޑަށް ބަލާނެ އެވެ. މީގެ ކުރިން އެފަދަ ކުށެއް ކޮށް ސާބިތުވެފައި ނުވާ ނަމަ އަދަބު ކުޑަ ވާނެ އެވެ.
ދައުވާ ކުރި މައްސަލައާ ގުޅިގެން އަދުރޭ ވިދާޅުވީ ސަރުކާރުން އުޅެނީ ގޮތް ހުސްވެގެން ކަމަށެވެ. އެފަދަ ދައުވާ ކުރަނީ ގޮތް ހުސްވީމަ ކަމަށް އޭނާ ވިދާޅުވި އެވެ.
"ބައްލަވާ އަޅުގަނޑުމެން ސަރުކާރުގައި އަނިޔާވެރިއޭ އަނެއް ކަމެކޭ ކިޔައިގެން ވާހަކަ ދެއްކީ. މިކޮން ކަމެއްތޯ މިއީ. ތަނެއްގައި މީހަކު އެއްޗެއް ބުނީމަ ދައުވާކުރަން ޖެހޭތޯ." އަދުރޭ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސަރުކާރުން ޖެހިލުން ވަނީ ސަރުކާރަށް ފާޑުކިޔާތީ ކަމަށެވެ. "އުލުބޭންދިޔަސް މި ސަރުކާރަށް ފާޑު ކިޔުން ހުއްޓައެއް ނުލާނަން" ކަމަށް އަދުރޭ ވިދާޅުވި އެވެ. މި ސަރުކާރުން ކުރާ ކޮންމެ ދައުވާއަކަށް ކުރިމަތިލާން ތައްޔާރަށް ހުރި ކަމަށް އަދުރޭ ވިދާޅުވި އެވެ.
"މި ސަރުކާރުން ކުރާ ވިޔާނުދާ ކަންތައްތަކުގެ ވާހަކަ ނުދައްކާނެ ހަމަ އެއްގޮތެއްވެސް ނުހެދޭނެ." އަދުރޭ ވިދާޅުވި އެވެ.
ޕީޖީ އޮފީހުން ބުނީ އަދުރޭ މައްޗަށް ދައުވާ ކޮށްފައިވަނީ ކްރިމިނަލް ކޯޓުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ޖަލު ހުކުމެއް އިއްވި ދުވަހު އެ ސަރަހައްދުގައި ހުރެ ހަޑި ހުތުރު ބަސް ބޭނުކޮށް ހަޑި ހުތުރު އެއްޗިހިކީ މައްސަލާގައި ކަމަށެވެ.
މިއަހަރުގެ އޮގަސްޓު މަހުގެ 31 ވަނަ ދުވަހު ފުލުހުން ތަހުގީގު ކުރާ މައްސަލައަކަށް ފުލުހުންގެ އިދާރާއަށް ހާޒިރުވެ އެ އިދާރާގެ ބޭރުގައި ހުންނަވައި މީޑިއާތަކާ ވާހަކަ ދައްކަވަމުންވެސް އަދުރޭ އައުގުރާނަ ގޮވި މައްސަލައެއް ފުލުހުންނަށް ހުށަހެޅި އެވެ. އެމައްސަލާގައި އަދި ދައުވާކޮށްފައެއް ނުވެ އެވެ.