26 Oct 2020, 16:27
ޓެކްނޮނޮލިޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލުގެ އުފަންރަށް ފުވައްމުލަކު ސިޓީގައި އޮންނަ އޭނާގެ އާއިލާގެ ގޯތީގައި ގަވައިދާ ހިލާފަަށް އިމާރާތްކުރަމުން ދަނިކޮށް އެ ސިޓީގެ ކައުންސިލުން އެކަން ހުއްޓުވައިފި އެވެ.
މައްސަލަ ގޯސްވެފައި ވަނީ މަލީހުގެ އާއިލާގެ ގޯއްޗާ އިންވެގެން އޮންނަ ޗަސްބިން ވެސް ހިމެނޭ ގޮތުން އެ ގޯތީގައި އިމާރާތެއް ހަދަން ފެށުމުންނެވެ.
"ގޯއްޗާ އިންވެގެން ޗަސްބިން އޮތަސް އެތަނުގައި އިމާރާތެއް ނުކުރެވޭނެ،" ޓުވިޓާގައި ހިތްހަމަ ނުޖެހުން ފާޅުކުރަމުން ފުވައްމުލަކު މީހަކު ބުނެފައިވެ އެވެ.
އެކަމާ ގުޅޭގޮތުން ފުވައްމުލަކު ސިޓީ ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނީ ފުވައްމުލައް ދޫނޑިގަން "ކުނަހަގާލިގެ" ވެރިފަރާތް، އަލްމަރުހޫމް އަހުމަދު ޖަމާލްގެ ވާރިސުން އެ ގޯތީގައި އަޅާފައި ހުރި މުސްކުޅި އިމާރާތުގެ ބޭރުން ޗަކަބިން ހިމެނޭ ސަރަހައްދުގައި އިމާރާތްކުރަމުން އަންނަ ކަމުގެ ޝަކުވާ ލިބިފައިވާ ކަމަށެވެ.
މަލީހުގެ ރަޖިސްޓްރީ އޮންނަނީ ވެސް އެ ގޯތީގަ އެވެ.
"ގޯތީގެ އިމުން ބޭރުކަމަށް ބެލެވޭ ސަރަހައްދުގައި އިމާރާތްކުރުމުގެ މަސައްކަތް ކުރިއަށް ގެންދާތީވެ އެކަން ހުއްޓާލުމަށް މި ކައުންސިލްއިން އެކަން އާންމުކޮށް އަންގައި އިއުލާންކުރަމެެވެ." ސިޓީ ކައުންސިލްގެ އިއުލާންގައިވެ އެވެ.