19 Jan 2012, 13:36
ޓޮޓެންހަމް ހޮޓްސްޕާ އަކީ މެންޗެސްޓާ ސިޓީގެ އެންމެ ބޮޑު ބިރުކަމަށް ނުދެކޭ ކަމުގައި އެ ކްލަބުގެ އިނގިރޭސި ޑިފެންޑަރު ހޯލިއާން ލެސްކޮޓް ބުނެފި އެވެ.
އަންނަ އާދީއްތަ ދުވަހު ޕްރެމިއާ ލީގުގެ އެއްވަނާގައި އުޅޭ މެންސިޓީ އާއި ތިންވަނާ ގައި އޮތް ޓޮޓެންހަމް ކުޅޭ މެޗަކީ މިމަހު ކުޅޭނެ އެންމެ ވަރުގަދަ މެޗުތަކުގެ ތެރެއިން އެއް މެޗެވެ. ޓޮޓެންހަމް އާއި މެންސިޓީ އިން ވެސް މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން ދެއެވެ. ނަމަވެސް އެންމެ ފަހުން ކުޅުނު މެޗުގައި ވޮލްވްސް އަތުން ޓޮޓެންހަމް ސަލާމަތްވީ ކިރިޔާ އެވެ. އެ މެޗު ނިމުނީ 1-1 ލަނޑުން ދެ ޓީމު އެއްވަރު ވެގެންނެވެ.
"އަހަރެމެންގެ ވާދަވެރިންނަށް އަބަދު ވެސް ވާނީ މެންސިޓީގެ ފަހަތުން އޮންނަ ކްލަބެއް. މިހާރު އެޓީމަކީ މެންޔުނައިޓެޑް. މި ސީޒަނުގައި ގިނަ ކާމިޔާބުތަކެއް ހޯދައި ލީގު ތަށި ހޯދުމަށް އަހަރެމެން ބޮޑު މަސައްކަތްތަކެއް ކުރާނަން. ޓޮޓެންހަމް އަކީ ވެސް ވަކި ބަލި ޓީމެއް ނޫން." ލެސްކޮޓް ބުންޏެވެ.
މެންސިޓީގެ އައިވަރީ ކޯސްޓް ޑިފެންޑަރު ކޯލޯ ޓޯރޭ އެފްރިކަން ނޭޝަންސް ކަޕު ކުޅުމަށް ދިއުމުން ލެސްކޮޓަށް ވަނީ އަލުން ފުރަތަމަ އެގާރައިން ޖާގައެއް ލިބުމުގެ ފުރުސަތު ތަނަވަސް ވެފައެވެ.