19 Jan 2012, 13:32
މެންޗެސްޓާ ޔުނައިޓެޑުގައި ގިނަ ދުވަސްތަކެއް ހޭދަކޮށް ރިޓަޔާވުމަށް ފަހު، އެންބުރި ކުޅެން ނުކުތް ޕޯލް ސްކޯލްސް އަކީ ބާސާގެ ޒަވީ، އިނިއެސްޓާ އަދި މެސީ ވަރުގެ ކުޅުންތެރިއެއް ކަމަށް މެންޔުނައިޓެޑްގެ އިނގިރޭސި ޑިފެންޑަރު ރިއޯ ފާޑިނަންޑް ބުނެފި އެވެ.
އުމުރުން 37 އަހަރުގެ އެނބުރި ކުޅެން ނުކުމެ، ކުޅުނު ފުރަތަމަ ޕްރެމިއާ ލީގު މެޗުގައި ވަނީ ލަނޑެއް ކާމިޔާބު ކޮށް، މެންޔުނައިޓެޑްގެ ކުޅުންތެރިންނާއި ސަޕޯޓަރުންގެ ހިތް އަތުލާފަ އެވެ. ބޮލްޓަން އާއި ދެކޮޅަށް މެންޔުނައިޓެޑް އެންމެ ފަހުން ކުޅުނު ޕްރެމިއާ ލީގު މެޗުގައި އެޓީމަށް ލީޑު ނަގައިދިނީ ސްކޯލްސް އެވެ.
"މަދު ކުޅުންތެރިންނަށް ނޫނީ މިފަދަ ކުޅުމެއް ނުދެއްކޭނެ. ހާއްސަކޮށް ރިޓަޔާވުމަށް ފަހު، އެނބުރި ކުޅެން ނުކުމެ. ސްކޯލްސް އަކީ ޒަވީ، އިނިއެސްޓާ އަދި މެސީ ވަރުގެ މޮޅު ކުޅުންތެރިއެއް. ރިޓަޔާވުމަށް ފަހު އެކުޅުންތެރިންނަށް ވެސް އެފަދަ ކުޅުމެއް ދެއްކޭނެ ކަމަށް ބެލެވޭ." ފާޑިނަންޑް ބުންޏެވެ.
މެންޔުނައިޓެޑްގައި އެންމެ ދުވަސްވީ މީހުންގެ ތެރޭގައި ސްކޯލްސް އާއި އެކު ފާޑިނަންޑް ވެސް ހިމެނެ އެވެ. ފާޑިނަންޑްގެ އިތުރުން ގިގްސް އަކީ ވެސް ދުވަސްވީ ކުޅުންތެރިންގެ ލިސްޓުގައި ހިމެނޭ ކުޅުންތެރިއެކެވެ.