26 Oct 2020, 10:49
ޓީސީ ސްޕޯޓްސް ކްލަބުގެ ކެޕްޓަން ފައްރާހް އަހުމަދު (ފައްރަ)އާއި ރާއްޖޭގެައި މިވަގުތު ހުރި އެންމެ ތަޖުރިބާކާރު އެއް ޑިފެންޑަރު ޝާފިއު އަހުމަދު (ޝާފީ) ސުޕަ ޔުނައިޓެޓް ސްޕޯޓްސްއާ ގުޅިއްޖެއެވެ.
މި އަަހަރު ޖޫން މަހު ފުޓްބޯޅަ ސީޒަން ފަށަން ރޭވިފައި އޮތް ނަމަވެސް ކޮވިޑް-19 ގެ ސަބަބުން އެ ތާރީހުގައި ފެށޭގޮތެއްނުވި އެވެ. ފަހުން މަސައްކަތްކުރީ ލަސްވެގެން މި މަސް ތެރޭ ސީޒަން ފަށާށެވެ. އެކަމަކު ކުރިން ރޭވިފައި އޮތީ މި ދުވަސްވަރު އޭއެފްސީ ކަޕާއި ވޯލްޑް ކަޕް ކޮލިފައިންގެ މެޗުތައް ކުޅެން ކަމަށްވުމުން އޭރު ވެސް ވަގުތީ ތާރީހަކަށް ބެލީ ޑިސެމްބަރަށެވެ.
އެޗްޕީއޭގެ ހުއްދައާ އެކު ފުރަތަމަ ޑިވިޝަނުގެ ކުލަބުތައް މިހާރު ފަށާފައިވާ އިރު، ރާއްޖޭގެ ޓްރާންސްފާމާކެޓުގެ ހަލަބޮލިކަން ވެސް ވަނީ އިތުރުވެފަ އެވެ. އައު ސީޒަނާ ދިމާކޮށް ޓީމުތައް ވަރުގަދަ ކުރުމުގެ މަސައްކަތް ފަށާފައިވާ އިރު، މި ފަހަރު މުޅިން އަލަށް ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ސުޕަ ޔުނައިޓެޑް ސްޕޯޓްސް އިން ވަނީ ދެ ކުޅުންތެރިއެއްގެ ސޮއި ހޯދައިފަ އެވެ.
އެގޮތުން ބައިނަލް އަގުވާމީ ކުލަބު ފުޓުބޯޅަ މުބާރާތެއްގައި ރާއްޖެއިން ހަމައެކަނި ހޯދި ރަން ތަށި މީގެ ހަތަރު އަހަރު ކުރިން ޓީސީ ސްޕޯޓްސް ކުލަބުން އުފުލާލި އިރު ވައިސް ކެޕްޓަނެއްގެ ގޮތުގައި ހުރި ފައްރަގެ ސޮއި ސަސްއިން ހޯދީ ރޭގަ އެވެ. މީގެ ކުރިން ފުރަތަމަ ޑިވިޝަނުގެ ބައެއް އެހެން ކުލަބުތަކަށް ވެސް ކުޅެފައިވާ ފައްރަ ޓީސީއާ ގުޅުނީ 2015 ވަނަ އަހަރު އެވެ. ހަ އަހަރު ދުވަހަށްފަހުން އޭނާ އެކުލަބު ދޫކޮށްލި އިރު، ގައުމީ ފެންވަރުގައި ވެސް ޓީސީން ވަނީ ދިވެހި ފުޓުބޯޅައިގައި ފައިތިލަ ސާބިތުކޮށް ބޮޑެތި ކާމިޔާބީތަކެއް ހޯދައިފަ އެވެ.
މީގެ އިތުރުން ވެލެންސިއާ އިން ކެރިއަރު ފެށުމަށް ފަހު ވިކްޓަރީ އާއި ނިއު އަދި އެންމެ ފަހުން ގްރީންސްޓްރީޓުން ފެނުނު ރާއްޖޭގައި މިވަގުތު ހުރި އެންމެ ތަޖުރިބާކާރު އެއް ޑިފެންޑަރި ޝާފީގެ ސޮއި ވެސް ސަސް އިން ވަނީ ހޯދައިފަ އެވެ. ގައުމީ ޓީމުން ވެސް ގަވާއިދުން ޖާގަ ހޯދަމުން އައި ޝާފީ ވޭތުވެ ދިޔަ ދެ ތިން އަހަރު އެންމެ ރަނގަޅު ކުޅުމެއް ނުދެއްކި ހުރި އިރު، މިއީ އަލުން އޭނާގެ ފޯމު ހަމައަކަށް އެޅުމަށް ރަނގަޅު ފުރުސަތަކަށް ވާނެ އެވެ.
މި އަހަރު އަލަށް ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ކްލަބް ސުޕަ ޔުނައިޓެޑް ސްޕޯޓްސް ގެ ކޯޗަކަށް ހަމަޖައްސާފައި ވަނީ ފުރަތަމަ ޑިވިޝަނާއި ގައުމީ ޓީމުތަކުގައި މަސައްކަތްކުރި ތަޖުރިބާކާރު ކޯޗު އަހުމަދު ނާޝިދު (ނާދު) އެވެ.
މި ފަހަރުގެ ފުރަތަމަ ޑިވިޝަނުގައި ކުޅޭ އަށް ޓީމަކީ މާޒިޔާގެ އިތުރުން ޓީސީ، އީގަލްސް، ގްރީން ސްޓްރީޓްސް، ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް، ކްލަބް ވެލެންސިއާ، ޔުނައިޓެޑް ވިކްޓްރީ އަދި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އެވެ. އެޗްޕީއޭ އިން ހުއްދަ ދިނުމާ އެކީ މިހާތަނަށް ޕްރެކްޓިސް ފެށީ މާޒިޔާ އާއި ވެލެންސިއާ އިންނެވެ. ގިނަ ޓީމުތަކުން ޕްރެކްޓިސް ފަށަން ރާވާފައި އޮތީ އަންނަ މަހު ކުރީކޮޅުގަ އެވެ.