މިއަހަރުގެ މާޗް މަހު ނޭޕާލްގައި ފެށުމަށް ހަމަޖެހިފައިވާ އޭއެފްސީ ޗެލެންޖް ކަޕަށް ތައްޔާރު ވުމުގެ ގޮތުން ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ފަރިތަކުރުންތައް މާދަމާ ފަށާއިރު، ޓީމްގެ މެނޭޖަރަކަށް ހުންނަ ވާނެ ބޭފުޅެއްގެ ނަން މާދަމާ ނުވަތަ މިއަދުގެ ވަގުތެއްގައި އިއުލާން ކުރައްވާނެ ކަމަށް އެފްއޭއެމްގެ ރައީސް އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.

ސަން އޮންލައިނުން ދެއްނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އާޒިމް މިއަދު ވިދާޅުވީ، މެނޭޖަރަކު ހަމަޖެއްސުމުގެ މަސައްކަތް ކުރިއަށްގެންދާނީ އެފްއޭއެމްގެ ހިންގާ ކޮމެޓީން ކަމަށެވެ.

" ކުރިން އަޅުގަނޑު ލީ މެނޭޖަރަށް ކުޅުންތެރިންގެ ޝައުގުވެރިކަން ހުރުމުން، އަޅުގަނޑު ލާ މެނޭޖަރުންނަކީ ރަނގަޅު މީހެއް ކަމަށް އަޅުނގަޑު ގަބޫލް ކުރަން. އެއީ ކުޅުންތެރިން ހިތްހަމަޖެހޭ މެނޭޖަރެއް ކަމަށް. ހިންގާ ކޮމެޓީން ވަރަށް އަވަހަށް ނިންމާނެ މެނޭޖަރަކު. މާދަމާ ނުވަތަ މިއަދު" އާޒިމް ވިދާޅުވިއެވެ.

ޓީމްގެ މެނޭޖަރަކަށް ހުންނަވާނެ ބޭފުޅެއް މިއަދު ނުވަތަ މާދަމާ އިއުލާން ކުރައްވާނެ ކަމަށް އާޒިމް މިއަދު ވިދާޅުވިއިރު، މިދިޔަ އަހަރުގެ ފުޓްބޯޅަ ސީޒަންގައި ވެސް ޤައުމީ ފުޓްބޯޅަ ޓީމުގެ މެނޭޖަރަކަށް ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު އަދި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބްގެ ޗެއާމަން އަލީ ވަހީދު (ބަލަކް) ޤައުމީ ޓީމުގެ މެނޭޖަރެއްގެ މަޤާމްގައި މިއަހަރު ވެސް ބަހައްޓާ ދެއްވުމަށްއެދި، ޤައުމީ ޓީމްގެ 17 ކުޅުންތެރިޔަކު އިއްޔެ ވަނީ އާޒިމަށް ސިޓީއެއް ފޮނުއްވައިފަ އެވެ.



އާޒިމް ވިދާޅުވީ، މިފަހަރުވެސް ޓީމުގެ މެނޭޖަރަކަށް އަލީ ވަހީދު (ބަލަކް) ބަހައްޓައި ދިނުމަށް އެދި ޓީމްގެ 17 ކުޅުންތެރިއަކު ސޮއިކޮށް ފޮނުވި ސިޓީއެއް އިއްޔެ ލިބުނު ކަމަށެވެ.

"އަޅުގަނޑަށް ވަނީ ސިޓީއެއް ލިބިފަ. އެސިޓީ އަޅުގަނޑު ކިޔައިފިން" އާޒިމް ވިދާޅުވި އެވެ.

އިންޑިޔާގެ ވެރިރަށް ނިއުދިއްލީގައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ނިމިގެން ދިޔަ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ގައުމީ ޓީމަށް އިރުޝާދުދިން ހަންގޭރީގެ ކޯޗް އިސްތަވާން އުރުބާނީގެ ދަށުން ގައުމީ ޓީމްގެ ފަރިތަކުރުންތައް މާދަމާ ފަށާއިރު، މިފަހަރުގެ އޭއެފްސީ މުބާރާތުގައި ރާއްޖެ ލައްވާލީ ގްރޫޕް އޭ ފަޅީގައެވެ. އެގޮތުން މުބާރާތުގައި ރާއްޖެ ހިމެނޭ ފަޅީގައި ހިމެނޭ ޓީމްތަކަކީ މުބާރާތް ބާއްވާ ގައުމު ކަމަށްވާ ނޭޕާލާއި ތުރްކުމެނިސްތާން އަދި ފަލަސްތީނެވެ.


މުބާރާތުގައި ރާއްޖެ މެޗް ކުޅޭ ދުވަސްތައް

މާޗް މަހުގެ އަށް ވަނަ ދުވަހު: ރާއްޖެ އާއި ތުރްކުމެނިސްތާން
މާޗް މަހުގެ 10 ވަނަ ދުވަހު: ނޭޕާލާއި ރާއްޖެ
މާޗް މަހުގެ 12 ވަނަ ދުވަހު: ރާއްޖެ އާއި ފަލަސްތީން