ނިމިދިޔަ ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކެމްޕެއިން ކުރި މައްސަަލައިގައި ފަނޑިޔާރުކަމުން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވުމަށް ނިންމާފައިވާ މާމެންދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ޝުކޫރު އަނެއްކާވެސް ސަސްޕެންޑުކޮށްފި އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުންދާ މައްސަތަކަކާ ގުޅިގެންކަމަށް ބުނެ އެންމެ ފުރަތަމަ ޝުކޫރު ސަސްޕެންޑުކޮށްފައިވަނީ މިދިޔަ ޖުލައި މަހުގެ ތެރޭގަ އެވެ.

ޖޭއެސްސީއިން މިއަދު ބުނެފައިވަނީ ކޮމިޝަނުން ތަހުގީގުކުރަމުން ގެންދާ މައްސަލަތަކުގެ ބާވަތަށާއި އެ މައްސަލަތަކާ ގުޅިގެން ހެއްކަށް ރިއާޔަތްކޮށް ޝަރުއީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސް މައްޗަށް ބިނާކޮށް ޝުކޫރު ވަނީ އިއްޔެއިން ފެށިގެން 60 ދުވަހުގެ މުއްދަތަކަށް މަސައްކަތުން ދުރުކޮށްފައި ކަމަށެވެ.

ޝޫކުރަށް ގިނަ ތުހުމަތުތަކެއްކޮށް އެކަންކަން ސާބިތުވާތީވެ، ޖޭއެސްސީން އޭނާ ވަކިކުރަމަށް މަޖިލީހަށް ފޮނުވަން ނިންމީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. މައިގަނޑު ގޮތެއްގައި ކޮށްފައިވާ ތުހުމަކީ، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށް ވޯޓު ހޯދުމަށް އަމަލީގޮތުން ކެމްޕެއިން ކުރި މައްސަލައާއި ހައްޔަރުގައި ހުރި މީހެއްގެ ވަކީލަކު ދިން ސީޓީ އުރައަކާ ހަވާލުވި ކަމަށް ބުނާ ތުހުމަތެވެ.

ޖޭއެސްސީ އިން މިދިޔަ ހޮނިހިރު ދުވަހު ބުނީ ގއ. ވިލިނގިލީ ގެއެއްގައި އޮތް ބައްދަލުވުމުއްގައި ކުރީގެ ފަނޑިޔަރުންތަކަކާއި ޝުކޫރުވެސް ބައިވެރިވެ ވަކި ރިޔާސީ ކެންޑިޑޭޓަކަށް ތާއީދުކުރާކަން ހާމަކޮށް، ވާހަކަދައްކައި ވޯޓޫ ހޯދުމަށް އޭނާ މަސައްކަތްކޮށްފައިވާ ކަމަށެވެ. އޭގެ އިތުރުން ރިޔާސީ އިންތިހާބުގެ ދުވަސްވަރު ވިލިނގިލީ ކެފޭއެއް ތެރޭ ސިޔާސީ ވާހަކަ ދައްކައި، ރިޔާސީ ކެންޑިޑޭޓަކަށް ވޯޓު ހޯދުމަށް އެދިފައިވާކަންވެސް ސާބިތުވެފައިވާ ކަމަށެވެ.

ހައްޔަރުގައި ހުރި މީހާގެ ވަކީލާވެސް ޝުކޫރު ބައްދަލުކުރީ އެމީހާގެ ޝަރީއަތް އޮތް ދުވަސްވަރު ވިލިނގިލީ ރެސްޓޯރެންޓަކުން ކަމަށް ޖޭއެސްސީން ބުންޏެވެ. އަދި ހައްޔަރުގައި ހުރި މީހާއަކީ އޭނާއާ ގާތް ގުޅުމެއް އޮންނަ ފަރާތްތެއް ކަމަށްވެސް ޖޭއެސްސީން ބުންޏެވެ. އެ ވަކީލާ ބައްދަލުކޮށް އޭނާ ދިން ސިޓީ އުރައަކާ ހަވާލުވިކަން ސާބިތުވާކަމަށްވެސް ޖޭއެސްސީން ބުންޏެވެ.

އޭގެ އިތުރުން ދެން އޭނާގެ މައްޗަށް ސާބިތުވެފައި ވަނީ، އޯގަސްޓު 2018 ގައި ގއ. ކޮލަމާފުށީން ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި ބައެއްގެ ބަންދާމެދު ގޮތެއް ނިންމުމަށް އަޑުއެހުން ބޭއްވުމުގެ ކުރިން، އެމީހުންގެ ބަންދާމެދު ނިންމަވާނެ ގޮތްކޯޓުން ބޭރުގައި ހުރެ ފުލުހުންނާ ޝުކޫރު ހިއްސާކުރެއްވި ކަމުގެ މައްސަލައެވެ. ބަންދާމެދު ގޮތެއް ނިންމުމަށް ބޭއްވި އަޑުއެހުމުގައިވެސް އޭނާ އަމަލުކުރައްވާފައިވަނީ އަދުލުވެރިކަމުގެ އުސޫލުތަކާ ހިލާފަށް ކަމުގައި ޖޭއެސްސީން ބުންޏެވެ.

ޝޫކުރޫ ވަކިކުރަން މަޖިލީހަށް ޖޭއެސްސީން ފޮނުވިއިރު، އޭނާއަށް ތުހުމަތު ކުރެވޭ އެހެން މައްސަލަތަކެއްވެސް އެ ކޮމިޝަނުން އަންނަނީ ބަލަމުންނެވެ. އޭގެތެރޭގައި އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސް އެޅޭފަދަ ކަންކަން ކުރުމާއި މަސްތުވާތަކެއްޗާ ގުޅުން އޮންނަ ފަރާތްތަކާ ގާތް ގުޅުން ބޭއްވުން ހިމެނެއެވެ.