26 Oct 2020, 07:49
އޭނގުދުސް (އޮކްޓޯބަރު 26): އިސްރާއީލް ސިފައިން ފަލަސްތީނުގެ ޒުވާނަކަށް އަނިޔާ ކުރި ފަހުން އެ ޒުވާނާ މަރުވެއްޖެ ކަމަށް ފަލަސްތީނުގެ މީޑިއާތަކުން އިއްޔެ ރިޕޯޓުކޮށްފި އެވެ.
ފަލަސްތީން މެޑިކަލް ކޮމްޕްލެކްސްގެ ޑިރެކްޓަރު އަހުމަދުލް ބިތާވީ ވިދާޅުވި ގޮތުގައި 18 އަހަރުގެ އަމީރު އަބްދުއްރަހީމް ސްނޯބާ އެ ހޮސްޕިޓަލަށް ގެންދިޔައީ ހޮނިހިރު ދުވަހުގެ ރޭގަ އެވެ. އަދި އޭރު އޭނާގެ ހަށިގަނޑުން އަނިޔާގެ ނިޝާންތައް ފެންނަން ހުއްޓެވެ.
"ފަލަސްތީން މެޑިކަލް ކޮމްޕްލެކްސް އަށް ސްނޯބާ ގެންދިޔައީ [ހޮނިހިރު ދުވަހުގެ ރޭ] ދަންވަރު ތިނެއްގައި، އޭރު އޭނާއަށް އަނިޔާކޮށްފައިވާ ކަމާއި އޭނާގެ ކަރަށް ގެއްލުންދީފައިވާ ކަމުގެ ނިޝާންތައް ފެންނަން ހުރި،" ބިތާވީ ވިދާޅުވި އެވެ.
ބިތާވީ ތުހުމަތު ކުރެއްވި ގޮތުގައި ސްނޯބާގެ ކަރަށް ލިބިފައިވާ އަނިޔާ އަކީ އިސްރާއީލް ސިފައިން ގެންގުޅޭ ބަޑިން އޭނާގެ ކަރުގައި ޖެހުމުގެ ސަބަބުން ލިބިފައިވާ އަނިޔާތަކެކެވެ. އަދި ސްނޯބާ މަރުވީ އެ އަނިޔާތަކުގެ ސަބަބުންނެވެ.
އަލްޖަޒީރާއިން ރިޕޯޓު ކުރި ގޮތުގައި ސްނޯބާ އަކީ އިސްރާއީލުން ހިފާފައިވާ ސިޓީއެއް ކަމަށްވާ ނާބުލުސްގެ ދެކުނަށް އޮންނަ ޔަތުމާއަށް ނިސްބަތްވާ ޒުވާނެކެވެ. އަދި ސްނޯބާ އާއި އިސްރާއީލް ސިފައިންނާ ދެމެދު އެ ހާދިސާ ހިނގީ ރާމަﷲ ކައިރީގަ އެވެ.
އެ ހާދިސާއާ ބެހޭ ގޮތުން ވާހަކަ ދައްކަމުން އިސްރާއީލް އަސްކަރިއްޔާ އިން ބުނީ ސްނޯބާ އާއި އެހެން މީހަކު ވެގެން ސިފައިންގެ އުޅަނދުތަކަށް ގާ އުކި ކަމަށެވެ. އަދި އެ މީހުން ހޯދަން ސިފައިން ދިޔުމުން އެ ދެ މީހުން ދުއްވައިގަތް ކަމަށާއި އެ ގަޑީގައި އޭގެ ތެރެއިން އެކަކު ވެއްޓި، އޭނާގެ ބޯ ޖެހުނު ގޮތަކުން ހޭ ނެތުނު ކަމަށް އިސްރާއީލުން ބުންޏެވެ.
މީގެ އިތުރުން އިސްރާއީލް ސިފައިން އެ ޒުވާނާއަށް އަނިޔާ ނުކުރާ ކަމަށާއި އޭނާގެ ފުރާނަ ސަލާމަތް ކުރަން ސިފައިން މަސައްކަތް ކުރި ކަމަށް ވެސް ބުނެފަ އެވެ.
ސްނޯބާގެ މަރަށް ފަހު، ފަލަސްތީނުގެ ޕޮޕިއުލާ ފްރޮންޓް ފޯ ލިބަރޭޝަން އޮފް ފަލަސްތީން (ޕީއެފްއެލްޕީ) އިން ވަނީ އިސްރާއީލާ ގުޅުން ގާއިމު ކޮށްފައިވާ އަރަބި ގައުމުތަކުން އެ އެއްބަސްވުންތައް އުވާލުމަށް ގޮވާލާފަ އެވެ. އަދި އިސްރާއީލުން ފަލަސްތީނުގެ ބިންތައް ހިފުން ހުއްޓުވުމަށް ޓަކައި އެ ގައުމުތަކުން އެއްބައިވުމަށް ގޮވާލާފަ އެވެ.
ޕީއެފްއެލްޕީ އިން އެފަދައިން ބުނީ ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) އާއި ބަހްރައިން އާއި ސޫދާން އިން އިސްރާއީލާ ގުޅުން ގާއިމު ކުރަން ނިންމި ފަހުންނެވެ. މީގެ ކުރިން އިސްރާއީލާ އެކު ސުލްހައިގެ އެއްބަސްވުންތަކުގައި ސޮއި ކުރި އަރަބި ގައުމުތަކަކީ 1979ގައި މިސްރާއި 1994ގައި އުރުދުން އެވެ.