26 Oct 2020, 08:07
ތުރުކީގެ ރައީސް ތައްޔިބް އެރުދޮއާން ފްރާންސްގެ ރައީސް އިމާނުއަލް މެކްރޮންއަށް ދެއްވި ބަހުގެ ހަމަލާތަކާ ގުޅިގެން ފްރާންސުން ތުރުކީއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަނބުރާ ފްރާންސަށް ގެންނަން ނިންމަވައިފި އެވެ.
ފްރާންސްގެ ރައީސް އިމާނުއަލް މެކްރޮން މުސްލިމުންނާ ދޭތެރޭ ދެކެވަޑައިގަންނަވާ ގޮތާ މެދު ތުރުކީގެ ރައީސް ވަނީ މެކްރޮންއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
އެރުދުއާން ވިދާޅުވީ މެކްރޮންގެ ވިސްނުން ވަރަށް ގޯސް ކަމަށާއި އަދި މެކްރޮންގެ ސިކުނޑިއަށް ބޭސްކުރައްވަން ޖެހޭ ކަމަށެވެ.
"މެކްރޮން ކިޔާ ބޭފުޅާއާ މުސްލިމުންނާއި އިސްލާމް ދީނާ ކޮންކަމަކާތޯ މި މައްސަލަ އުޅެނީ. މެކްރޮންގެ ސިކުނޑިއަށް ބޭސްކުރަން" އެރުދުއާން ވިދާޅުވި އެވެ.
މިމަހު ކުރީކޮޅު މެކްރޮން ވަނީ މުސްލިމުން ފްރާންސްގައި ވަކިވެގަންނަން މަސައްކަތް ކުރާ ކަމަށް ތުހުމަތުކުރައްވައިފަ އެވެ. އެ ވާހަކަތަކާ ގުޅިގެން ވެސް މެކްރޮންއަށް އެރުދުއާން ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.
އެކަން ނޯބި އުޅެނިކޮށް ދާދި ފަހުން ފްރާންސްގައި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ކުރަހާފައިވާ ކާޓުނެއް ދަރިވަރުންނަށް ދެއްކި ޓީޗަރު ސެމުއަލް ޕެޓީއަށް މުސްލިމަކު ވަނީ ވަޅިން ހަމަލާދީ މަރާލައިފަ އެވެ.
އެ މައްސަލާގައި މެކްރޮން ވިދާޅުވީ ފްރާންސުން ކާޓޫނު ކުރެހުން ފަދަ ކަންތައްތައް ނުހުއްޓުވާނެ ކަމަށެވެ.
އެރުދޮއާންގެ ބަހުގެ ހަމަލާތަކާ ގުޅިގެން ފްރާންސްގެ އޮފިޝަލަކު އޭއެފްޕީއަށް މައުލޫމާތު ދެމުން ވިދާޅުވީ އެރުދޮއާންގެ ބަސްމަގު ވަރަށް ހުތުރު ކަމަށެވެ. އަދި އެއީ އެކަން އޮންނަން ޖެހޭނެ ގޮތް ނޫން ކަމަށާއި އަދި އެރުދޮއާންގެ ސިޔާސަތު ބަދަލުކުރަން ޖެހޭ ކަމަށެވެ.-- ބީބީސީ--