19 Jan 2012, 13:25
ހަ ވަނަ އިންވިޓޭޝަނަލް ބާސްކެޓްބޯޅަ މުބާރާތުގައި ރޭ ކުޅުނު މެޗް ރެޑްލައިން ކުލަބުން ކާމިޔާބު ކޮށްފި އެވެ.
ޒުވާނުންގެ މަރުކަޒުގައި ރޭ ކުޅުނު މިމެޗް ރެޑްލައިން ކާމިޔާބު ކުރީ މުބާރާތުގައި ވާދަކުރާ ލަންކާގެ ޑައިލޮގް އެކްސެޓާ ބައްދަލުކޮށް 80 ޕޮއިންޓް 58 ޕޮއިންޓުން މެޗް ކާމިޔާބު ކޮށްގެންނެވެ.
ރޭގެ މެޗުނުން ރެޑްލައިން މޮޅުވިއިރު، މުބާރާތުގެ ފުރަތަމަ މެޗުން ވެސް އެޓީމް ވަނީ މޮޅުވެފަ އެވެ. އެހެންކަމުން އެޓީމަށް ފައިނަލަށް ދިއުމުގެ ފުރުސަތު ބޮޑުވެފައިވާއިރު، މިރޭ ރެޑްލައިން ނިކުންނާނީ ހަރިކޭން ބީސީއާދެކޮޅަށެވެ. މިމެޗް ފަށާނީ މިރޭ 8:30 ގައެވެ. މެޗްގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވުނީ ރެޑްލައިނަށް 25 ޕޮއިންޓް ހޯދައިދިން މުހައްމަދު ޒިލާލެވެ.
މީގެއިތުރުން މިމުބާރާތުގައި މިއަދު ހަވީރު ބައްދަލުކުރާ ދެޓީމަކީ ލަންކާގެ ޑައިލޮގް އެކްސެޓާ އާއި ޓީރެސްއެވެ. މެޗުން ޓީރެކްސް ބަލިވިޔަސް، އެޓީމް ފައިނަލަށް ދަތުރު ކުރާނެއެވެ. މުބާރާތުގެ ފައިނަލް މެޗް ކުޅޭނީ މިމަހުގެ 21 ވަނަ ދުވަހުގެ ރޭގަ އެވެ.