25 Oct 2020, 21:50
އެޗްޕީއޭގެ ގައިޑްލައިނާ ހިލާފަށް މަގުމައްޗަށް ނިކުމެ، އެއްވުމެއް ކުރިއަށް ގެންދަނިކޮށް ހައްޔަރުކުރި މީހުން ދޫކޮށްލައިފިިއެވެ.
ފުލުހުން ބުނީ މިއަދު ހަވީރު ހައްޔަރު ކުރި ފަސް މީހުންނަށް ނަސޭހަތްދިނުމަށް ފަހު ދޫކޮށްލާފައިވާ ކަމަށެވެ. އެ މީހުންނާމެދު އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާކަމަށްވެސް ފުލުހުން ބުންޏެވެ.
އެޗްޕީއޭގެ ގައިޑްލައިނާ ހިލާފަށް އެއްވުމެއް ކުރިއަށް ގެންދިޔަ ބަޔަކަށް ފުލުހުން ނަސޭހަތްތެރިވުމުން ވެސް އެއްވުން ކުރިއަށް ގެންގޮސް ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ދެ ފިރިހެނުންނާއި ތިން އަންހެނުންނެވެ.
ޖިންސީ ގޯނާ އާއި ފުރައްސާރަ އާއި ދެކޮޅަށް މާލޭ މަޖީދީމަގަށް ނިކުމެ ހިމޭން އިހުތިޖާޖެއް ކުރާނެ ކަން ޖިންސީ ގޯނާ އާއި ފުރައްސާރަ އާއި ދެކޮޅަށް އަޑުއުފުލާ ބައެއް ފަރާތްތަކުން ވަނީ މިއަދު ބުނެފައެވެ.
ޖިންސީ ގޯނާ އާއި ފުރައްސާރަ އާއި ދެކޮޅަށް އަޑު އުފުލަން ނިންމީ، މިދިޔަ ޖޫން މަސްތެރޭ ހުޅުމާލޭގައި އަޅާފައިއޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕް ކުރި މައްސަލައާއި ގުޅިގެން ހޯމް މިނިސްޓަަރު އިމްރާން އަބްދުﷲ ރޭ ދެއްކެވި ވާހަކަފުޅާ ގުޅިގެންނެވެ.
ހުޅުމާލޭ ފަޅުގައި އަޅާފައި އޮތް ސަފާރީއެއްގައި އަންހެނަކު ރޭޕް ކުރި ކަމަށް ބުނެ އާންމުންގެ ތެރޭ ވާހަކަ ދެކެވެނީ އެ ކަން ހިނގަި ދިޔަ ގޮތަށްވުރެ ބޮޑުކޮށްލައިގެން ކަމަށް ދޭހަވާފަދަ މޭރުމަކުން ހޯމް މިނިސްޓަރު ރޭ ވަނީ ވާހަކަ ދައްކަވައިފައެވެ.
އެ ވާހަކަ ފުޅާ ގުޅިިގެން މިނިސްޓަރަށް ބޮޑެތި ފާޑުކިޔުން ތައް އަމާޒުވެފައިވަނިކޮށް މިއަދު ޓްވީޓަކުން ވިދާޅުވީ ދެއްކެވި ވާހަކަތައް މީޑިއާތަކުން ގެނެސްދީފައި ވަނީ އޮޅުން އަރާ ގޮތަށް ކަމަށެވެ.
މިނިސްޓަރު ރޭ ވިދާޅުވީ، ކެންޔާ މީހާ ރޭޕް ކުރި ކަމަށް ބުނެ އާންމުންގެ ތެރޭ ވާހަކަ ދެކެވެނީ އެ ކަން ހިނގައި ދިޔަ ގޮތަށްވުރެ ބޮޑުކޮށްލައިގެން ކަމަށެވެ. އެމައްސަލައިގައި ފުލުުހުންގެ ތަހުގީގުގައި އުސޫލީ މައްސަލަތަކެއް ހުރެދާނެ ކަމަށާއި އެހެން ނަމަވެސް އެއީ ރޭޕް ކޭސްއެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
"ހަމަ ތެދެއް މި ދެންނެވީ އަޅުގަނޑުވެސް އެ ވާހަކަ އަޑުއެހީމާ، އެ ވާހަކަ ފެތުރިގެން އައީމާ އަޅުގަނޑަށް ވެސް ތަސައްވަރު ކުރެވުނީ ހަމަ ވަރަށް ބޮޑު ރޭޕް ކޭސް އެކޭ މިއީ. އެހެންނަމަވެސް އެ މައްސަލަ ގާތުން ބަލާލީމާ [އެނގޭ އެހެން ނޫންކަން.] އަޅުގަނޑަށް ދެން މިކަހަލަ ތަނެއްގައި އެހާ ފަސޭހައެއް ނޫން އެ ހިނގާފައި އޮތް ކަންތައް ނުވަތަ އެ އިބާރާތް ބޭނުން ކުރާކަކަށް،" މިނިސްޓަރު ވިދާޅުވި އެވެ.
"އެހެން ނަމަވެސް އަޅުގަނޑަށް ދަންނަވަން ކެރިދާނެ އާންމު ޕަބްލިކް ތަނެއްގައިވެސް ހުރެފައިވެސް ބަޔެއްގެ ތެރޭގައި ހުރެފައިވެސް މިީހަކަށް ކޮށްލެވިދާނެ ވަރުގެ ކަމެއްގެ ވާހަކަ އެއީ. އަދި ކުރީމަ ކަމެއް ކުރިކަންވެސް ނެނގޭ ވަރުގެ ކަމެއް ހިނގާފައި އޮތީ،"
އިމްރާންގެ އެ ވާހަތަކާ ގުޅިގެން އެކަން އިންކާރުކޮށް، އެކަން ބަލައިދިނުމަށް ކެންޔާ އަންހެން މިހާ ތަމްސީލު ކުރާ ވަކީލުންގެ ފަރާތުން ވަނީ އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށްވެސް ހުށަހަޅާފަ އެވެ. ވަކީލުން ސޮއިކޮށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝިދަށް ފޮނުވި ސިޓީގައި ބުނީ، މައްސަލައިގެ ތަހުގީގު ކުރިއަށްދާ ދަނޑިވަޅެއްގައި، ސަފާރީގައި ހިނގާފައި ވަނީ ވަރަށްވެސް ކުޑަ ކަމެއް ކަމަށް ސިފަކޮށް ފުލުހުންނާ ހަވާލުވެ ހުންނެވި، މިނިސްޓަރު އިމްރާން ދެއްކެވި ވާހަކަތަކަށް ކުށްވެރި ކުރާ ކަމަށެވެ.