މިދިޔަ އަހަރުގެ ފުޓްބޯޅަ ސީޒަނަށްފަހު ޗުއްޓީގައި ގައުމަށްދިޔަ، ވީބީ އައްޑޫ އެފްސީގެ ހޮލެންޑުގެ މިޑްފީލްޑަރު ސެންގިޒް ހުސެއިން އެބުރި މާލެ އައިސް ޓީމުގެ ފަރިތަކުރުން ތަކުގައި ބައިވެރިވާން ފަށައިފި އެވެ.

މިއަހަރުގެ ފުޓްބޯޅަ މޫސުމާ ވީބީން ކުރިމަތިލާއިރު، އެ ޓީމުގެ ނަން ވަނީ ވީބީ އައްޑޫ އެފްސީގެ ނަމަށް ބަދަލުކޮށްފަ އެވެ.

މުބާރާތައް ތައްޔާރު ވުމުގެ ގޮތުން ވީބީ އައްޑޫ އެފްސީގެ ފަރިތަކުންތައް ފަށާފައިވާއިރު ޓީމުގެ ތުރުކީ ކޯޗް ވަންލީ ބުނީ، މިދިޔަ ސީޒަނުގައި ޓީމަށް މުހިންމު ދައުރެއް އަދާކޮށްދިން މިޑްފީލްޑަރު ސެންގިޒް ހުސެން ޓީމުގެ ފަރިތަކުރުން ތަކުގައި ބައިވެރިވާން ފެށީ، މިދިއަ އަންގާރަ ދުވަހު ކަމަށެވެ.

ޗުއްޓީއަށް ދިއުމަށްފަހު ސެންގިޒް ހުސެން ޓީމާ ގުޅުނުއިރު، އެޓީމްގެ ސިއެރަލިއޯނުގެ މިޑްފީލްޑަރު އަބޫ ޑެސްމޮންޑް މަންސާރޭ ވެސް ޗުއްޓީ ނިންމާލުމަށް ފަހު މާދަމާގެ ވަގުތެއްގައި މާލެ އަންނާނެ ކަމަށް އެޓީމްގެ ފޯވާޑް އައްސަދު އަލީ (އަޑުބަރޭ) ވަނީ ބުނެފަ އެވެ.

ވީބީން ވަނީ މިދިޔަ އަހަރުގެ ފުޓްބޯޅަ ސީޒަންގައި އަބޫއާއި ސެންގިޒް ހުސެން އެއް މެޗަށް ސަސްޕެންޑް ކޮށްފައެވެ. އެ ދެކުޅުންތެރިން ސަސްޕެންޑް ކުރީ ދިރާގު ދިވެހި ލީގުގެ ތިން ވަނަ ބުރުގެ ކުޅުން ނިމުމާގަތަށް އައިސްފައި ވަނިކޮށް، ޕްރެކްޓިސްއަށް ފަރުވާތެރިކަން ނުބަހައްޓާ، ރޭގަނޑު ދަންވަރު ނުނިދާ އުޅޭތީ ކަމަށް ބުނެއެވެ.

ވީބީ އައްޑޫ އެފްސީގެ ނަމުގައި މިއަހަރުގެ ފުޓްބޯޅަ މޫސުމަށް އެޓީމް ނުކުންނައިރު މިދިޔަ ދެ ސީޒަންގައި ނިއުއަށް ކުޅުނު ލައިބީރިއާގެ ފޯވަޑް ޗާލްސް ރައިޓް ގަޔޭ ވަނީ މިއަހަރު ވީބީ އައްޑޫ އެފްސީއަށް ބަދަލު ވެފައެވެ. އަދި މިދިޔަ އަހަރު ނިއުއަށް ކުޅުނު ދެ ޑިފެންޑަރުން ކަމަށްވާ ސޮބާހް މުހައްމަދާއި މުހައްމަދު ޖަމީލް ވެސް ވީބީ އައްޑޫ އެފްސީއާ ގުޅުނު އިރު، ނިއުގެ ގޯލްކީޕަރު ޒީއަޒަން އާއި އިބްރާހިމް ސިޔާމް (ކުޑަތޮއްޑޫ) ވެސް ވަނީ އައްޑޫ އެފްސީއާ ގުޅިފައެވެ.

މިދިޔަ އަހަރަށް ވުރެ، މިއަހަރުގެ ފުޓްބޯޅަ ސީޒަނާ ޓީމްތަކުން ކުރިމަތިލަނީ ބޮޑެތި ބަދަލުތަކާއެކު އެވެ. އެއާއެކު ކުޅުންތެރިން ގަނެ ވިއްކުމުގެ އަގަށް މިއަހަރު ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. އެގޮތުން ވީބީއަށް ކުޅުނު އެޓީމްގެ ފޯވާޑް އަލީ އަޝްފާގް (ދަނޑޭ) 1.4 މިލިޔަން ރުފިޔާއަށް ނިއުރޭޑިއަންޓަށް ބަދަލުވިއިރު، ވީބީއަށް ކުޅުނު ހުނަރުވެރި މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) ވަނީ ހަލައްކަ ރުފިޔާއަށް އީގަލްއަށް ބަދަލުވެފަ އެވެ.

މިއަހަރުގެ ފުޓްބޯޅަ ސީޒަނަށް ތައްޔާރު ވުމުގެ ގޮތުން ބައެއް ކުލަބްތަކުން ފަރިތަކުރުންތައް ފަށާފައި ވާއިރު، ވީބީއިން ވެސް އަންނަ ނަނީ ފަރިތަކުރުންތައް ކުރަމުންނެވެ. އަދި އަންނަ ހަފުތާގައި ވީބީން ވަނީ އައްޑޫ ސިޓީގެ ހިތަދޫގައި ކޭމްޕްކުރުމަށް ނިންމާފައެވެ.

މިދިޔަ އަހަރުގެ އެންމެ ކާމިޔާބު ދެޓީމުގެ މެޗުން އަންނަ މާޗު މަހުގެ 27 ވަނަ ދުވަހު، މިއަހަރުގެ ފުޓްބޯޅަ ސީޒަން ފަށާއިއިރު، އެދެޓީމަކީ ވީބީ އައްޑޫ އެފްސީއާއި ވިކްޓަރީ އެވެ.