26 Oct 2020, 08:00
ބޮލީވުޑްގެ ދެ އެކްޓަރުން ކަމަށްވާ ސައިފް އަލީ ޚާން އާއި އަރުޖުން ކަޕޫރު އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމު "ބޫތު ޕޮލިސް"ގެ ޝޫޓިން އަންނަ މަހު ފަށާގޮތަށް ނިންމައިފި އެވެ.
ހޮރޯ ކޮމެޑީ ޖޯންރާއަށް ތައްޔާރުކުރާ މި ފިލްމުގެ އަންހެން ލީޑު ތަރިންނަކީ ޖެކަލީން ފާނަންޑޭޒް އާއި ޔަމީ ގޯތަމް އެވެ. ރަމޭޝް ތައުރާނީ ޕްރޮޑިއުސްކުރާ ބޫތު ޕޮލިސް އަކީ ޕަވަން ކިރްޕަލާނީ ޑައިރެކްޓްކޮށް ގެނެސްދޭ ފިލްމެކެވެ. އިންޑިއާގެ ސިޓީއެއްކަމަށްވާ ދަރަމްޝާލާ ފިލްމުގެ ފުރަތަމަ ޝެޑިއުލް ޝޫޓްކުރާއިރު ބާކީ ހުރި މަންޒަރުތައް ޝޫޓްކުރާނީ ކޮން ތަންތަނެއްގައި ކަމެއް ހާމަކޮށްފައެއްނުވެ އެވެ. ޕަވަން ބުނީ ފިލްމުގެ ފުރަތަމަ ޝެޑިއުލް ނިންމާ ދެވަނަ ޝެޑިއުލްގެ މަސައްކަތް ފަށާނީ ޖަނަވަރީ މަހު ކަމަށާއި ފިލްމުގެ ޝޫޓިން ފަށާނީ ސިއްހީ ކަންތައްތަކަށް ވަރަށް ބޮޑަށް ފަރުވާތެރިވެގެން އެކަމަށް ތައްޔާރުވެގެން ކަމަށެވެ.
ބޫތު ޕޮލިސްގެ ތަރިންނަކީ އަރުޖުން، ޔަމީ ގޯތަމް، ސައިފް އަލީ ޚާން އަދި ޖެކަލީން ފާނަންޑޭޒް---
ޕަވަން ބުނީ ފިލްމުގެ ޝޫޓިން ސައިފް އާއި އަރުޖުން އާއެކު ފެށުމަށް ކެތްމަދުވެފައިވާ ކަމަށާއި ފިލްމަކީ ބެލުންތެރިން ހެއްވާލާ މަޖާ ކަންތައްތަކެއް ފެނިގެންދާނެ ފިލްމެއް ކަމަށެވެ.
ކުރިން މި ފިލްމު އިއުލާންކުރީ ސައިފް، އަލީ ފަޒަލް އަދި ފާތިމާ ސަނާ ޝެއިހް އާއެކުގަ އެވެ. ނަމަވެސް ފިލްމުގެ ކާސްޓުން ބަދަލުކޮށް ކާސްޓު މިހާރު މިވަނީ ފައިނަލް ވެފަ އެވެ.