25 Oct 2020, 18:20
މާލޭ މަގުމަތީގައި ގަވާއިދާ ހިލާފަށް ބަހައްޓާފައިވާ ޕެލެޓުތައް ނަގަން ނިންމައިފިއެވެ.
މާލޭ ސިޓީ ކައުންސިލުން ބުނީ މާލޭ މަގުމަތީ ހިނގާބިނގާވެ އުޅޭ މީހުންނަށް ދަތިވާގޮތަށް ބަހައްޓާފައިވާ ޕެލެޓުތަކާއި މީހުންނަށް އަނިޔާވާގޮތަށް ހުރި ހަލާކުވެފައިވާ ޕެލެޓުތައް އަދި އެހެން ތަކެތި މި ހަފްތާ ތެރޭ ކައުންސިލުން ނަގަމުންދާނެ ކަމަށެވެ.
ސިޓީ ކައުންސިލުން ވަނީ މި މަހުގެ 28 ގެ ކުރިން މަގުމަތީގައި ގަވައިދާ ހިލާފަށް ބަހައްޓާފައިވާ ޕެލެޓުތަކާއި އެހެންތަކެތި ނެގައި ސާފުކުރުމަށް އަންގައި އިއުލާނުކޮށްފައެވެ.
އަދި މި ތާރީހުގެ ފަހުން ވެރިފަރާތުން ނުނަގައި ހުންނަ ޕެލެޓާއި އެހެން މުދާ ކުނީގެ ގޮތުގައި ނަގައި ނައްތާލާނެ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ. އަދި މި ތަކެތި ނަގާއިރު އެ ތަކެއްޗަށް ލިބޭ ގެއްލުމަށް ސިޓީ ކައުންސިލުން ޒިންމާ ނުވާނެ ކަމަށްވެސް އިއުލާނުގައި ވެއެވެ.
މާލޭގެ ގިނަ އިމާރާތްތަކުގެ ކުރިމަތީގައި ޕެލެޓްތައް ބަހައްޓާތީ ވެހިކަލްތައް ޕާކް ކުރުމަށާއި މީހުން ހިނގައި އުޅުމަށް ދަތިވާ ކަމުގެ ޝަކުވާ އަބަދުވެސް ކުރެއެވެ. މީގެ ކުރިންވެސް ސިޓީ ކައުންސިލިން ވަނީ ޕެލެޓުތައް ނެގުމުގެ މަސައްކަތް ކޮށްފައެވެ.