25 Oct 2020, 18:18
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ސީޝެލްސްގެ އާންމު އިންހާތިޚާބު ކާމިޔާބުކޮށް، އެގައުމުގެ ރައީސް ކަމަށް އަލަށް އިންތިހާބުވެ ވަޑައިގެންނެވި ރައީސް ވަވެލް ރަމްކަލަމަން އަށް މަރުހަބާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ.
އެމަނިކުފާނު ފޮނުއްވި މެސެޖުގައި އިންތިހާބީ ރައީސް ވަވެލް ރަމްކަލަމަން އަދި އެމަނިކުފާނު ތަމްސީލުކުރައްވާ ލިންޔޮން ޑިމޮކްރަތިކް ސެސެލްވާ (އެލްޑީއެސް) ޕާޓީން ސީޝެލްސްގެ އާންމު އިންތިހާބުގައި ހޯދި ކާމިޔާބީ ފާހަގަކުރައްވައި، ވަނީ މަރުހަބާ ވިދާޅުވެފައެވެ.
އަދި ރާއްޖެ އާއި ސީޝެލްސް އަކީ ވެސް އިންޑިޔާ ކަނޑުގައިވާ ކުދި ޖަޒީރާ ގައުމުތަކުގެ ތެރޭގައި ހިމެނޭ ދެ ގައުމުކަމުގައި ވާތީ، ދެ ގައުމުން ވެސް އަހައްމިއްޔަތުކަންދޭ އެއްގޮތް ކަންތައްތަކުގެ މައްޗަށް ރައީސްގެ މެސެޖުގައި ވަނީ އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ކަނޑުގެ ސަރަހައްދުގެ ރައްކާތެރިކަމާއި، ގުދުރަތީ ކާރިސާތަކުން އަރައިގަތުމަށް ކުރާ މަސައްކަތްތަކާއި، މޫސުމަށް އަންނަ ބަދަލުތަކުން ކުރާ އަސަރުތައް ކުޑަކުރުން، އެމަނިކުފާނުގެ މެސެޖުގައި ވަނީ ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން ރައީސް މެސެޖުގައި އެމަނިކުފާނު ވަނީ ބައިނަލްއަގުވާމީ މައިދާނުގައި މި މައްސަލަތައް ހައްލުކުރުމަށް އަޑުއުފުލުމުގައި ދެގައުމުން ގުޅިގެން ކާމިޔާބު މަސައްކަތްތަކެއް ކުރަމުންގެންދާކަން ފާހަގަކުރައްވައި، ސީޝެލްސްގެ އަލަށް އިންތިހާބުވެ ވަޑައިގެންނެވި ރައީސްގެ ޒައާމަތުގައި ވެސް ދެ ގައުމުގެ ސަރުކާރުން ގުޅިގެން މިގޮތުގައި މަސައްކަތްކުރާނެކަމުގައި އުންމީދުކުރައްވާ ކަމުގައި ވިދާޅުވެފައެވެ.