ކާބުލް (ޖަނަވަރީ 19) : ދުނިޔޭގެ އެންމެބޮޑު މުސްހަފް (ކީރިތި ގުރުއާނުގެ ކޮޕީ) އަފްޣާނިސްތާނުގެ އަތު ލިޔުމުގެ ފަންނާނަކު ތައްޔާރުކޮށްފި އެވެ.

މުހައްމަދު ސާބިރު ނަމަކަށް ކިޔާ މިފަންނާނު ބުނިގޮތުގައި މި މުސްހަފް ލިޔެފައި ވަނީ އޭނާގެ އަތުލިޔުމުން ކަމަށާއި ލިޔުންތައް ލިޔެ މުސްހަފް ޒީނަތްކުރުމުގެ ކުރެހުންތައް ކުރަހައި މުސްހަފް އެއްކޮށް ނިންމުމަށް 5 އަހަރުގެ މުއްދަތެއް ނެގި ކަމަށެވެ.

500 ކިލޯގްރާމްގެ މިމުސްހަފްގައި 218 ސަފްހާ ވެ އެވެ. މުސްހަފްގެ ދިގުމިނަކީ 2.3 މީޓަރެވެ. ފުޅާމިނަކީ 1.6 މީޓަރެވެ. މުސްހަފްގެ ސަފްހާތައް ތައްޔާރުކޮށްފައި ވަނީ ކަރުދާހާއި ފޮތި އެއްކޮށްގެން އުފައްދާފައިވާ މާއްދާއަކުންނެވެ.

މުސްހަފްގެ ބަނޑޭރިގަނޑު ތައްޔާރުކޮށްފައި ވަނީ ބޯކަރުދާހާއި ބަކަރި ހަމުންނެވެ. ބަނޑޭރިގަނޑުގެ ލިޔުންތައް ލިޔެފައިވަނީ ކަނޑައިނަގައިގެންނެވެ.

މިމުސްހަފް ތައްޔާރުކުރުމުގެ ބޭނުމަކީ މާތް ވެގެންވާ އިސްލާމްދީނަށް ހިދްމަތްކުރުމުގެ މާތްކަން ލިބިގަތުމުގެ އިތުރުން އަފްޣާނިސްތާނަކީ އިސްލާމީ އިސްލާމީ ތާރީހަކާއި ވަރުގަދަ ޝަގާފަތެއް އޮންނަ ގައުމެއްކަން ދުނިޔެއަށް ސާބިތުކޮށްދިނުން ކަމަށް މިމުސްހަފް ތައްޔާރުކުރި ފަންނާނު މުހައްމަދު ސާބިރު ވިދާޅުވި އެވެ.

އަފްޣާނިސްތާނުގެ އިސްލާމީވަންތަކަން ދުނިޔެއަށް ސާބިތުކޮށްދޭން ބޭނުން ވަނީ ބޭރުގެ އިސްތިއުމާރީ ބާރުތައް ކަމަށްވާ ކުރީގެ ކޮމިއުނިސްޓް ރޫސީވިލާތާއި އެމެރިކާއާއި ޔޫރަޕްގެ ނަސާރާ އަސްކަރީ ބާރުތަކާއި ނަސާރާދީން ފަތުރާ ހުޅަނގުގެ ހަރުކަށި ޖަމާއަތްތައް އަފްޣާނިސްތާނަށް އަރައި އަފްޣާނިސްތާނު އިސްތިއުމާރުކޮށް އަފްޣާނިސްތާނުގެ އިސްލާމީ ޝަގާފަތާއި އާދަކާދަ މުގުރާލަން މަސައްކަތް ކުރަމުން ގެންދާތީ ކަމަށް ސާބިރު ވިދާޅުވި އެވެ.

މިމުސްހަފް ތައްޔާރުކުރުމަށް ބައިމިލިޔަން އެމެރިކާ ޑޮލަރު ހަރަދުވެ 5 އަހަރުގެ ދިގުމުއްދަތެއް ނެގިއިރު މިކަމުގައި އަމަލީގޮތުން މަސައްކަތްކޮށްފައި ވަނީ މުހައްމަދު ސާބިރު އާއި އޭނާގެ ދަރިވަރުންގެ ތެރެއިން 9 ކުއްޖެކެވެ. (ރޮއިޓާސް)