25 Oct 2020, 15:53
މިއަދު ހެނދުނު ބޭންކް އޮފް ސިލޯނަށް ޖަމާކުރަން ދިޔަ ފަސް މިލިއަން ރުފިޔާ ފޭރެން އުޅެނިކޮށް ހުއްޓުވައިފި އެވެ.
ފުލުހުންނަށް އެ މައްސަލައިގެ ރިޕޯޓުކޮށްފައިވަނީ ހެނދުނު 11:47ގައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން"އަށް ވިދާޅުވީ، ވިޔަފާރި ކުންފުންޏެއްގެ ގިނަ އަދަދެއްގެ ފައިސާ ބޭންކަކަށް ޖަމާކުރުމަށް ގެންދަނިކޮށް ފޭރުން އުޅުނު މައްސަލައެއް އެ މުއައްސަސާއަށް ހުށަހެޅިފައިވާ ކަމަށެވެ.
އެއީ ކޮން ވިޔަފާރި ކުންފުންޏެއް ކަމެއް އަދި ކިހާ އަދަދެއްގެ ފައިސާ ކަމެއް މީޑިއާ އޮފިޝަލް ހާމައެއް ނުކުރެއެވެ.
"ސަން"އަށް އެނގިފައިވާ ގޮތުގައި ފޭރެން މަސައްކަތް ކުރީ ދުންފަތާއި އޭގެ ބާވަތްތަކުގެ ވިޔަފާރި ކުރާ ރޫޓް ކުންފުނީގެ ފައިސާތަކެކެވެ. ސިނގިރޭޓް ބަންދުކުރާ ބޮޑު ފޮއްޓަކަށް އަޅާފައި ހުރި އެ ފައިސާތަކުގެ އަދަދު ފަސް މިލިއަނަށް އަރާނެ ކަމަށް މައުލޫމާތު އެނގޭ މީހަކު ބުންޏެވެ.
ފޭރެން މަސައްކަތް ކުރި ވީޑިއޯއެވެސް މިހާރު ވަނީ އާންމުވެފައެވެ. ވީޑިއޯއިން ފެންނަ ގޮތުގައި ފައިސާ ފޮށި ގެނައީ ކުޑަ ވޭނަކަށް އަރުވެގެންނެވެ. އަދި ވޭން ކައިރި ކުރުމާއެކު ދެ ސައިކަލެއްގައި އައި ބަޔަކު ވޭނުގައި އައި މީހުންނަށް ހަމަލާ ދީ، ފައިސާ ފޮށިގަނޑު ފޭރެން މަސައްކަތް ކުރިއެވެ. ބައެއް މީހުން ތިބީ ހެލްމެޓްވެސް އަޅައިގެންނެވެ.
ފައިސާ ފޮށި ނެގީ ވޭން ތެރޭ އިން އަންހެން މީހަކު އެ ވޭނުން ނެރެއެވެ. ފޮށިގަނޑު ނަގައިގެން ގެންދަން އުޅެނިކޮށް، ބޭންކް އޮފް ސިލޯން އިމާރާތުން ނުކުތް ސެކިއުރިޓީގާޑު، ފޭރޭ މީހުންގެ އަތުން ފޮށިގަނޑު އަތުލައި އޭގައި ބައްދައިގަނެއެވެ. އަދި ރޫޓު ކުންފުނީގެ ޓީޝާޓެއް ލައިގެން ހުރި އެ ކުންފުނީގެ މުވައްޒަފެއްވެސް ފައިސާ ފޮށިގަނޑު ރައްކާތެރިކުރަން މަސައްކަތްކުރާ މަންޒަރުވެސް ފެނެއެވެ.
އެއާއެކު އެ މަގުން ސައިކަލެއްގައި ދިޔަ ބިދޭސީއަކަށް އެ މަންޒަރު ފެނި، އެ ފޭރެން އައި މީހުން ފަހައި ދުއްވައިގަނެއެވެ.
މި ފޭރުމުގެ މައްސަލަ ފުލުހުން މިހާރު އަންނަނީ ތަހުގީގު ކުރަމުންނެެވެ.
މިއަހަރު މިހާތަނަށް ވައްކަމުގެ 2،855 މައްސަލައެއް ވަނީ ހުށަހަޅިފައެވެ. އޭގެ ތެރޭގައި މިމަހު މިހާތަނަށް ހުށަހެޅި 265 މައްސަލައެއް ހިމެނެއެވެ.